Advertisement
ކ. މާލެ
|
16 ޖެނުއަރީ 2024 | އަންގާރަ 18:00
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު، އަލީ އިހުސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު، އަލީ އިހުސާން
ސީރިއާއިން ދިވެހިން ގެނައުން
ސީރިއާއިން ދިވެހިން ގެނައުމަށް ފްލައިޓް ޗާޓަރުކުރީ 120000 ޑޮލަރަށް
ހަނގުރާމައަށް ދިއުމުގެ ވިސްނުންހުރި މީހުން އަދިވެސް ރާއްޖޭގައި އެބަތިބި
ރާއްޖެ ގެނައި މީހުންގެ ތެރޭގައި ގިނައީ ކުށުގެ ޝިކާރައަކަށްވާ މީހުން
ރިހެބިލެޓޭޝަނަށްފަހު މޮނިޓަރކުރާނެ

ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔަ ދިވެހިންގެ ތެރެއިން 5 އާއިލާއެއް ރާއްޖެ ގެނެސްފައިވަނީ 120،000 އެމެރިކާ ޑޮލަރު ނުވަތަ 1.8 މިލިއަން ރުފިޔާއަށް ފްލައިޓެއް ޗާޓަރުކޮށްގެން ކަމަށް، ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އިހުސާން ވިދާޅުވީ، ސީރިއާއަށް ދިޔަ ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ޗާޓަރުކުރީ ބިއޯންޑް އެއަރލައިންގެ ފްލައިޓެއް ކަމަށެވެ. 120،000 އެމެރިކާ ޑޮލަރަކީ ހަމައެކަނި އެ ފްލައިޓް ޗާޓަރުކުރުމަށް ދިޔަ ޚަރަދެވެ. ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ މީހުންގެ ތެރެއިން 5 އާއިލާއަކަށް ނިސްބަތްވާ 21 މީހުން ރާއްޖެ ގެނެސްފައިވާއިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

އެ މީހުން ރާއްޖެ ގެނައުމަށްޓަކައި އެ އެއަރލައިންތަކާއެކު ވާހަކަދައްކާފައި ވާކަމަށާއި، ބިއޯންޑް އެއަރލައިނުން ގެނެސްފައިވަނީ، އެހެން އެއަރލައިންތަކަށްވުރެ އަގުހެޔޮކޮށް އެ މީހުން އެ އެއަރލައިނުން ގެނެވޭތީ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެ މީހުން ރާއްޖެ ގެނައުމަށްފަހު ރިހެބިލިޓޭޝަން މަރުހަލާއަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި އިތުރު 100އެއްހާ މީހުން އެބަތިބި ކަމަށާއި، އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެ މީހުންނާ ގުޅޭގޮތުން ލިބިފައިވަނީ ވަރަށް މަދު މައުލޫމާތުތަކެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން އިހުސާން ވަނީ، ހަނގުރާމައަށް ދާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވިކްޓިމްސް (ކުށުގެ ޝިކާރައަކަށްވާ މީހުން)ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ފިޔަވަޅު އަޅަންޖެހޭ މީހުން ތިބިނަމަ، އެ މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅާނެ ކަަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވަނީ މިހާރު ރާއްޖެ ގެނައި މީހުންނާއި އެެހެން މީހުންގެ ރިހެބިލިޓޭޝަން މަރުހަލާއަށްފަހު އެ މީހުން މޮނިޓަރކޮށް ބަލާނެ ކަމަށެވެ. އެގޮތުން މޮނިޓަރކުރުމަށް އެކުލަވާލާފައިވަނީ ވަރަށް ރަނގަޅު ނިޒާމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިހުސާން ވަނީ، ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދިއުމުގެ ވިސްނުންހުރި މީހުން އަދިވެސް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވާފައެވެ. އެފަދަ ކަންކަން ނުކުރުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. ރާއްޖެއިން ބޭރަށް ހަނގުރާމައަށް ދާ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ވެސް ކުރިއެވެ. މިއީ އެ މަސައްކަތުގެ އިތުރު މަރުހަލާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް