Advertisement
ކ. މާލެ
|
14 ޖެނުއަރީ 2024 | އާދީއްތަ 05:55
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
މޭޔަރކަމުގެ ގޮނޑި އާޒިމް ކާމިޔާބުކުރެއްވުން
ފުށިދިއްގަރުފަޅަށް މާލޭ ރައްޔިތުން ނުގެންގޮސް މިހާރުން މިހާރަށް ފްލެޓްތައް ހަވާލުކުރުމަށް ޞާލިހު ރައީސް މުއިއްޒަށް ގޮވާލައްވައިފި
މާލޭ ރައްޔިތުން މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީ ސަބަބުތަކެއް ނެތިއެއް ނޫންކަމަށް ޞާލިހު ވިދާޅުވި
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ރައްޔިތުންގެ ރުހުމެއް ބޭނުންވާކަމަށްވާނަމަ ފްލެޓްތައް ހަވާލުކުރުމަށް ޞާލިހު ގޮވާލެއްވި
މިސަރުކާރުން އަދިވެސް ކުރަމުންދާ ކަމަކީ ދޮގުހަދާ އޮޅުވާލުންކަމަށް ޞާލިހު ވިދާޅުވި

މާލޭގެ ރައްޔިތުންނަށް އެމްޑީޕީ ސަރުކާރުގައި ހަވާލުކުރި ގޯތިތަކާއި ފްލެޓްތައް މިހާރުން މިހާރަށް ހަވާލުކޮށް ފުށިދިއްގަރުފަޅަށް މާލޭ ރައްޔިތުން ނުގެންދިޔުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ.

މޭޔަރކަމުގެ ގޮނޑި އެމްޑީޕީގެ ޓިކެޓްގައި ނިކުމެވަޑައިގެންނެވި އާދަމް އާޒިމް ކާމިޔާބުކުރެއްވުމާއި ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް އެމްޑީޕީން ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މާލޭ ރައްޔިތުން މިއަދު މެސެޖެއް ދީފިކަމަށެވެ. 71 އިންސައްތަ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފިކަމަށް ޞާލިހު ވިދާޅުވިއެވެ.

Advertisement

ވެރިކަމަށް އައިތާ ދެ މަސްނުވަނީސް މާލޭ ރައްޔިތުން މިސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީ ސަބަބުތަކެއް ނެތިއެއް ނޫންކަމަށް ޞާލިހު ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމަށް އައިގޮތާއި ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފުރަތާއި ހެދި ދޮގުތައް މިއަދު ހާމަވާން ފަށައިފި. ސަރުކާރުގެ އަސްލު ސިފަ މިއަދު ހާމަވާން ފަށައިފި. މާލެ ރައްޔިތުން އެކަންކަމަށް ނޫނެކޭ ބުނެފި. އަޅުގަނޑު ދަންނަވާނީ ކުރިޔަށް އޮތް މިއޮތް ތަނުގައި މުޅި ރާއްޖެހެން މިސަރުކާރު ނޫނެކޭ ބުނާދުވަސް އޮތީ ވަރަށް ކައިރީގައި.
އިބްރާހީމް މުހައްމަދު ޞާލިހު / ކުރީގެ ރައީސް

ރައީސް ޞާލިހު ރައީސް މުއިއްޒަށް ދެން ގޮވާލެއްވީ އެމަނިކުފާނުގެ ވެރިކަމުގައި މާލޭގެ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ލަސްނުކޮށް ހަވާލުކުރުމަށެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ރައްޔިތުންގެ ރުހުމެއް ބޭނުންވާކަމަށްވާނަމަ އެކަން ކުރުމަށް ރައީސް ޞާލިހު ގޮވާލެއްވިއެވެ.

އެހެންނޫންކަމަށްވާނަމަ އަނެއްކާވެސް ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނާނެކަމަށް ޞާލިހު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅަށް މާލޭގެ ރައްޔިތުން ގެންދަވަން ނުހައްދަވަށޭ. ފްލެޓްތައް ހަވާލުކުރައްވާށޭ. ކުރިޔަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. މިއިންތިޚާބުން މާލޭގެ ރައްޔިތުންގެ ފަރާތުން ރުހުމެއް ބޭނުންވާކަމަށްވަންޏާ ވޯޓެއް ބޭނުންވާކަމަށްވަންޏާ މުއިއްޒު ކުރައްވަވަނީ ކަމަކީ އެއީ. އެހެންނޫނިއްޔާ ބޮޑު ތަނުން އަނެއްކާވެސް މިސަރުކާރަށް ނޫނެކޭ ބުނާނެ. މިއަދުވެސް އެމަނިކުފާނު ކުރައްވަމުން އެގެންދަވާ ކަމަކީ ވެރިކަމަށް އައުމަށް ކުރެއްވި މަސައްކަތް. ދޮގު ހެދުމާއި އޮޅުވާލުމާއި ނަފްރަތާއި ގަދަބަސް ބުނުން. އެއަކުންނެއް ކާމިޔާބެއް ނުވާނެ.
އިބްރާހީމް މުހައްމަދު ޞާލިހު / ކުރީގެ ރައީސް

ރައީސް ޞާލިހު ވިދާޅުވީ މިސަރުކާރު ގެނައީ މަޑުމައިތިރިކަމާއެކީގައި ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރުމަށްކަމަށެވެ. އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުން ނިކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާނެކަމަށާއި ގެންނަންޖެހޭ ބަދަލު ގެންނާނެކަމަށް ޞާލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް