އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އޭޝިއަން ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤަތަރުންނާއި އަރަބިންގެ މެދުގައި ފަލަސްތީނަށް އޮތް ލޯބި ދައްކާލައިފި އެވެ.
މިއީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާއްމާ ދެކޮޅު ހެދުމުގެ ގޮތުން ކުރި ކަމެކެވެ.
އެންމެ ފަހުގެ ވޯލްޑްކަޕް ފައިނަލް ކުޅުނު ޤަތަރުގެ ހިތްގައިމު ލުސައިން ސްޓޭޑިއަމަށް 82000 މީހުން ޖަމާވި އެވެ. މީގެ ތެރެއިން އެއްބަޔަކު ދަރިން ކޮނޑަށްލައިގެން އައީ ފަލަސްތީނުގެ ކަފިއްޔާ އަޅައިގެންނެވެ. އަނެއް ބަޔަކު އައީ ފަލަސްތީނުގެ ކުލަތައް ރަމްޒުވާ ހެދުން އަޅައިގެންނެވެ. އަދި ބާކީ ތިބި ބައެއް މީހުން ދަނޑަށް އައީ ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ހުވާ ކިޔަން ޤަތަރުގެ ކެޕްޓަން ހަސަން އަލް ހައިދޯސްއާއެކު ސްޓޭޖުން ފުރުސަތު ދިނީ ވެސް ހަމައެކަނި ފަލަސްތީނުގެ ކެޕްޓަން މުއްސަބް އަލް ބައްތާތަށެވެ. އޭނާ ސަޕޯޓަރުންނާ މުހާތަބްކުރި އެވެ. އޭޝިއަން ކަޕުގެ ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލީ ވެސް ފަލަސްތީނުގެ ގައުމީ ސަލާމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ސްޓޭޑިއަމުގައި ތިބި 50000 މީހުން ފަލަސްތީނު ރަމްޒުވާ ކޮންމެވެސް އެއްޗެއް ގެންގުޅުނެވެ.
އޮސްފާމްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިޒްރޭލުން ދުވާލަކު ފަލަސްތީނުގެ 250 މީހުން އެވްރެޖްކޮށް މަރަ އެވެ. މިއީ 21 ވަނަ ގަރުނުގެ ރެކޯޑެކެވެ.

ޤަތަރުން ފަލަސްތީނަށް އޮތް ލޯބި ދައްކާލީ ފީފާގެ ރައީސް ޖިއާނީން އިންފަންޓީނޯ ވެސް ވަޑައިގެން އިންނަވަނިކޮށެވެ.
މި މުބާރާތުގެ ކުރިން ފަލަސްތީން ޓީމު ވަނީ އެ ގައުމުގެ ފުޓްބޯޅަ ދަނޑުތަކާއި ފުޓްބޯޅަ ކުޅުމަށް ބޭނުންކުރާ އެކިއެކި މަރުކަޒުތައް ހިމާޔަތްކޮށްދިނުމަށް ދުނިޔޭގެ ކިބައިން އެދިފަ އެވެ.