ކ. މާލެ
|
7 ޖެނުއަރީ 2024 | އާދީއްތަ 08:13
ރައީސް ޑރ.މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރައީސް ޑރ.މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ
ރާއްޖެ - އިންޑިއާ
"އިންޑިއާ އައުޓް" ކެމްޕެއިންގެ ހިޔަނި ދިވެހި ފަތުރުވެރިކަމަށް އެޅި، އިންޑިއާ ފަތުރުވެރިން ގެއްލެނީ؟
ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާގައި ކެމްޕެއިނެއް ވަނީ ފަށާފައި
ރާއްޖޭގެ ސަރުކާރުގައި ހިމެނޭ މީހުން ވަނީ އިންޑިއާ އަށް ނިސްބަތްކޮށް " ރޭސިސްޓް " ކޮމެންޓްތައް ކޮށްފައި
އިންޑިއާ އިން ދަނީ ލަކްޝަދީޕް ޕްރޮމޯޓްކުރަމުން

މި ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެ ޕީޕީއެމް ޕީއެންސީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކައެވެ. އޭރު އިންޑިއާ އައުޓްގެ ނަމުގައި ކުރި ސިލްސިލާ މުޒާހަރާތަކުގެ އަސަރު ދެ ޤައުމުގެ ގުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ކުރިއެވެ. އޭރު އެ ހިންގި ކެމްޕެއިންގެ އެއް ނަތީޖާ އަކީ ޒާތީ އަދި ދަށު ދަރަޖައިގެ ކޮމެންޓްތައް އިންޑިއާ އާއި އިންޑިއާ އަށް ނިސްބަތްވާ މީހުންނަށް ދިވެހިންގެ ތެރެއިން ބަޔަކު ކޮށްއުޅުމެވެ. ބަލާބެލުމަށް މިއީ އާދައިގެ ކަމެއް ކަމަށް ހީވި ނަމަވެސް މިއީ ކުޑަ ކަމެއް ނޫނެވެ.

ރާއްޖެ އަކީ އެ ޤައުމަކަށް އިންޑިއާގެ ފަތުރުވެރިން އިންތިހާއަށް ގިނައިން އަންނަ ޤައުމެކެވެ. އެއީ ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއްް ޤައުމެވެ. އަދި މިހާރުވެސް ރާއްޖެ އިޝްތިހާރުކުރުމަށްޓަކާ އިންޑިއާގެ ފަންނާނުން އަންނަމުންދަނީ މަދެއް ކޮށެއް ނޫނެވެ. އަވަށްޓެރި ޤައުމެއްގެ ގޮތުގައި އޮތް އިންޑިއާ އަކީ ރާއްޖެ އަށް ފަތުރުވެރިން އައުމަށް އެންމެ ގިނައިން ބުކިން ހައްދާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ކަން މިހެން އޮތް އިރު މި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ހީނަރުވާ ކަމުގެ އަޑުތައް ވަނީ ދެކެވެން ފަށާފައެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ރަނގަޅުކަމަށް ސަރުކާރުން ބުނި ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރިގޮތުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މަޝްރަހު ނުތަނަވަސްވަމުންދާ ކަަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް ދަނީ ރިޕޯޓްކުރަމުންނެވެ. ޚާއްސަކޮށް ޗައިނާ އާއި ގާތްވެ އަނެއްކާވެސް 2018އިގެ ކުރިން އޭރުގެ ރައީސް ޔާމީންގެ ވެރިކަމުގައި ގެންގުޅުނު ފަދަ ޗައިނާ އާއި ގާތް ޕޮލިސިީއަކަށް ރާއްޖެ އަނެއްކާވެސް އެނބުރެމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.

އެކަން އެހެން އޮއްވާ ނިމިދިޔަ ހަފްތާގެ ތެރޭގަ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ބޮޑު ކެމްޕެއިނެއް އިންޑިއާ އިން ވަނީ ފަށާފައެވެ. މިއީ އިންޑިއާގެ ޓުއަރިޒަމް ކުރިއެރުމުގެ ހަރަކާތެއްގެ ގޮތުގައި ކރުިއަށް ގެންދިޔަ ނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިއީ ރާއްޖެ އަށް ކުރި ސީދާ ޗެލެންޖެކެވެ.

އެކަމުގެ އެއް ސަބަބެއްގެ ގޮތުގައި ޖިއޯ ޕޮލިޓިކްސް ދިރާސާކުރާ މީހުން ފާހަގަކުރާ އެއް ސަބަބަކީ މި ކެމްޕެއިންގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދާކުރެއްވި ދައުރެވެ. އެގޮތުން މޯދީ ވަނީ ލަކްޝަޑްވީޕްއަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމާއި ގުޅޭ ގޮތުން ފޮޓޯ އާއި ވީޑިއޯ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ސްނޯކަލް ކުރައްވާ ފޮޓޯތަކާއި ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯ އަދި ވީޑިއޯ ހިމެނެއެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުން މިއީ އިންޑިއާއިން ރާއްޖެ އަށް ދިން މެސެޖެކެވެ. ޗުއްޓީ އަށް ރާއްޖެ އަށް އައުމުގެ ބަދަލުގައި ލަކްޝަޑްވީޕް ޚިޔާރުކުރުމަށް ދިން މެސެޖެކެވެ. އަދި އިންޑިއާ ސަރުކާރަށް ތާއީދުކުރާ ބައެއް މީހުންވެސް ވަނީ އެކަމަށް ތާއީދުކޮށް މީސްމީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.

މި ކެމްޕެއިން ފެށިފަހުން އިންޑިއާގައި އެންމެ ގިނައިން ގޫގުލް ސާޗް ކޮށްފައިވާ ތަންތަނުގެ ތެރޭގައި ލަކްޝަޑްވީޕް ހިމެނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާ އަދާކުރާ ދައުރަށް ސީދާ ގޮތުން ހިޔަނި އެޅޭނެ ކަމެކެވެ. އެހެނީ މި ހަރަކާތާއި އެކު ބޮއިކޮޓް ރާއްޖެ ކެމްޕެއިނެއް އެ ޤައުމުގައި ފެށިގެން ކުރިއަށް ދިއުމެވެ.

އެކްސްގައި އާއްމު މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މޯދީ ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ވަރުގަދަ މެސެޖެއް ވާނެ ކަަމަށެވެ. އަދި ލަކްޝަޑްވީޕް ޕްރޮމޯޓުކުރަން މޯދީ އެމްބެސެޑަރެއްފަދައިން ނުކުތުމަކީ ރާއްޖެ އަށް ދިން ސީދާ އިންޒާރެއްކަަމަށް ވެސް ބައެއް އާއްމުން ދަނީ ބުނަމުންނެވެ. އަދި މި ޓްރެންޑާއި އެކު ރާއްޖެ އަށް އައުމަށް އިންޑިއާ މީހުން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަން ފަށާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅިގެން އެމްއެމްޕީއާރްސީން ވެސް އަދި ޓުއަރިޒަމް މިނިސްޓްރީން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނެތެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ) ވަނީ ސްޓާފުންނަށް ރާއްޖެ ޕްރޮމޯޓްކުރަން ޕޯސްޓްތައް ކުރުމަށް އަންގަވާފައެވެ. އެގޮތުން ދުވާލަކު މަދުވެގެން އެއް ޕޯސްޓް ކުރަން މަޖުބޫރު ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ ޕްރޮމޯޓްކުރަން ކުރާ ޓްވީޓްތައް ޓްވީޓްކުރުމަށާއި ރީ ޓްވީޓްކުރުމަށް ވަނީ އަންގާފައެވެ.

ބޮއިކޮޓް ރާއްޖެ ކެމްޕެއިނާއި ގުޅުން ހުރި ބައެއް ޓްވީޓްތައް

ރާއްޖެ އާއި ދެކޮޅަށް މިފަދަ އެންޓި ކެމްޕެއިނެއް ފަށާފައިވާއިރު ބައެއް މީހުންނަށް އެކަމުގެ ސީރިއަސްކަން އެނގޭހެނެއް ހިއެއް ނުވެއެވެ. މިއީ ހަމައެކަނި ރާއްޖެ އާއި ލަކްޝަދީޕް ވާދަކޮށްލައިގެން އެކަނި ނިމޭ ކަމަކަށް ނުވެދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މަސްލަހަތުވެސް ވަރަށް ބޮޑަށް ހިމެނޭ ކަމެކެވެ. ހިތާމައަކީ ބައެއް މީހުންނަށް އެވަރު ނުވިސްނޭ ކަމެވެ. އިންޑިއާއަކީ ރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރު އެ ގައުމުން 190،000 އެއްހާ ޓޫރިސްޓުން ރާއްޖެ އައެވެ.

ބޮއިކޮޓް ރާއްޖެ ކެމްޕެއިނާއި ގުޅުން ހުރި ބައެއް ޓްވީޓްތައް

މި ދަނޑިވަޅުގައި އެންމެ ލަދުވެތިކަމަކީ އިންޑިއާ އާއި އިންޑިއާގެ ރައްޔިތުންނަށް ނިސްބަތްކޮށް ނަސްލީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތައް ދެއްކުމެވެ. އެއީ ހިތްހެޔޮކަމަށް މަޝްހޫރު ރާއްޖޭގެ މަންޒަރު ކިލަނބުކޮށްލާނެ ކަމެކެވެ. ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ ލެވެލްގެ މީހުންވެސް މިފަދަ އަމަލުތައް ކުރަނީ ޖެހިލުމެއް ނެތިއެވެ. މިއީ ވަރަށް ހުތުރު މަންޒަރެކެވެ. އެގޮތުން ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ އާއި ޑެޕިއުޓީ މިނިސްޓަރ މަލްސާ ޝަރީފް އަދި ހަސަން ޒިހާން ފަދަ ބޭބޭފުޅުން އިންޑިއާ އަށް ނިސްބަތްކޮށް ނަސްލީ ގޮތުން ދަށު ދަރަޖައިގެ ރޭސިސްޓް ވާހަކަތައް ދެއްކުމަކީ އާދައިގެ ކަމެއް ނޫނެވެ. ގެއްލުން ވަނީ އާއްމު މީހާއަށެވެ. އާއްމު ވިޔަފާރިވެރިޔާއަށެވެ. ދެރަ ނިކަމެތި ގޮތް ވާނީ އާދައިގެ ގެސްޓް ހައުސް ހިންގާ މީހާ އަށެވެ.

- ކޮމެންޓް
7 ޖެނުއަރީ 2024 | އާދީއްތަ 10:20
ޑެނީ
އިންޑިއާ ޓުއަރިސްޓުން ނަކީ ތިބުނާ ވަރުގެ ހަރަދު ކުރާ ބައެއް ނޫން ބީޗް ވިލާ އެއްނައިޓް ވޯޓާވިލާ ގަ އެއްދުވަހު ތިބެ ފުރާ ކަން ކަމަށް އެހާ ޑިމާންްޑް ކުރާ ބައެއް