ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރުގެ ރޯދަމަހާ ދިމާކޮށް ބެހި މަސްދަޅު ކޭސްތަކާ ގުޅޭ ގޮތުން އެކި އިރު އެކި ވާހަކަ ދައްކަމުން ދިއުމާއި، މި މަސައްކަތަށް ހަރަދުވި ފައިސާގެ ހިސާބުތައް ސާފުނުވުމުން ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތައް އުފެދިފައިވެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17، 2024 ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު އިއުލާނުކުރެއްވީ "ރޯދަ ހަދިޔާ" ގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހާނެ ކަމަށެވެ. މި އިއުލާނާ އެކު ރައްޔިތުން ފާރަވެރިވި ކަންކަމުގެ ތެރޭގައި މަސްދަޅު ހުންނާނެ ގޮތާއި، މަސްދަޅުގެ ލޭބަލްގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ޕްރޮމޯޓު ކުރެވޭނެ ގޮތް ހަދައި، މިކަމަށް ދާނެ ހަރަދާއި، މަސްދަޅުތައް ބަހާނެ ގޮތް ހިމެނެއެވެ.
އެ ދުވަހުން ފެށިގެން މި މަސައްކަތަށް ހޭދަވާނެ މިންވަރު ސަރުކާރުން އޮތީ ރޭވުންތެރިކަމާއި އެކު ވަންހަނާކޮށްފަ އެވެ. ރޯދަ ހަދިޔާގެ ގޮތުގައި 111،231 ގޭބީސީއަކަށް މަސްދަޅުކޭސް ބަހާފައިވާ ކަމަށް ސަރުކާރުން ބުނިއިރު، އެއިން ކޮންމެ މަސްދަޅު ކޭހަކަށް 730 ރުފިޔާ އަރާ ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން ބަހާފައިވާ މަސްދަޅުކޭސްތަކަށް ކުރި ޚަރަދަކީ 81 މިލިއަން ރުފިޔާ ކަމަށް އޭރު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އެހެންނަމަވެސް މި އަހަރު މަސްދަޅު ބަހަން ކުރި ހަރަދު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުން ފެންނަނީ މީގެ ކުރިން ސަރުކާރުން ހާމަކޮށްފައިވާ އަދަދުތަކާ މުޅިން ޚިލާފު އަދަދުތަކެކެވެ. ބަޖެޓުގައިވާ މާއުލޫމާތުން ހާމަވަނީ ސްޓޭޕަލް ފުޑް ސަބްސިޑީގެ ދަށުން މިފްކޯއިން ދޫކުރާ މަސްދަޅު އަގުހެޔޮ ކުރުމަށް ސަރުކާރުން 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމެވެ. މިއީ ސަރުކާރުން ކުރިން ހާމަ ކުރި އަދަދަށްވުރެ 30 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މި ހިސާބުތަކަށް ބާލާއިރު މަސްދަޅު ކޭހަކަށް ޖެހެނީ މާކެޓް ރޭޓަށްވުރެ 34 އިންސައްތަ ބޮޑުކޮށް، 1005 ރުފިޔާއަށެވެ. މިއީ ސަރުކާރުން ކުރިން ހާމަކުރި އަދަދަށްވުރެ ވަރަށް ބޮޑަށް ތަފާތު އަދަދެކެވެ. މި 30 މިލިއަން ރުފިޔާގެ ތަފާތު ކޮބާތޯ ސުވާލު އުފެދެ އެވެ.
ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވާ ކަމަށް ސަރުކާރުން ބުނެ، ބައެއް ފިޔަވަޅުތައް އަޅަމުންދާއިރު، އަގުބޮޑުކޮށް މަސްދަޅު ކޭސްތަކަށް އޯޑަރު ދިން މައްސަލައާ ގުޅިގެން މިހާތަނަށް އައި އިރުވެސް ސަރުކާރުން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ. އޭރު މިހަރަދު ތަކާ ގުޅިގެން ރައްޔިތުން ކުރި ސުވާލުތަކަށް ސަރުކާރުން ދެއްވާފައިވާ ޖަވާބަކީ ކަނޑައެޅިގެން ދޮގުކަން މިހާރު ވަނީ ހާމަވެފަ އެވެ.
ސަރުކާރުގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް އެދުވަސްވަރު ދިޔައީ މިކަމާ ގުޅޭ ގޮތުން ތަފާތު ވާހަކަ ދައްކަމުންނެވެ. ރައީސް މުއިއްޒުގެ ސިޔާސަތުތައް ބައްޓަންވެފައި ވާގޮތުން، ރައްޔިތުންނަށް ހަގީގީ ފައިދާއެއްކުރާނެ ކަމެއްގައި ބަހާއި އަމަލު ދިމާވުމަކީ ނާދިރުކަމެކެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ތެރެއިންވެސް ކޮންމެވެސް ކަހަލަ ވައްކަމެއް ނޫނީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުފެންނަ ހަމަ އެންމެ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
މިކަމުގައި ކަންބޮޑުވާނެ ޖެހޭ ކަންކަން ކިތަންމެހާވެސް ގިނަ އެވެ. މިދިޔަ އަހަރުވެސް މަސްދަޅު ބަހާފައިވަނީ ބަޖެޓުގައި ހިމަނައިގެނެން ނޫނެވެ. ހަމަ އެގޮތަށް އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައިވެސް މަސްދަޅު ބެހުމަށް އެއްވެސް މިންވަރެއް ހިމަނާފައެއް ނުވެ އެވެ. ބަޖެޓުގައި ނުޖަހާ ސަރުކާރުން މިގޮތަށް ކަންކަން ކުރަނީ މުޅި ނިޒާމު ގަޑުބަޑުކޮށް ވައްކަން ކުރުމަށް އިރުތު ދޮރުތައް ހުޅުވުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ބަޖެޓުގައި ހިމަނާފައި ނެތް ކަންކަން ކުރުމުން ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލާއި ހަރުދަނާ އުސޫލުތައް ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާކަން މާލީ މާހިރުން ފާހަގަކުރެ އެވެ. ސަރުކާރުން ބުނި އަދަދާއި ބަޖެޓުގައިވާ އަދަދު ތަފާތުވުމުން ރައްޔިތުންގެ ފައިސާ ބޭނުންކުރާ ގޮތުގައި ސުވާލު އުފެދެ އެވެ.
މި ސަރުކާރުން ރައްޔިތުން ހެއްލުމަށް ޓަކައި ކުޑަކުދިންނަށް މެޓާބަހާހެން، ރޯދަމަހާއި ދިމާކޮށް ގޭގެއަށް މަސްދަޅު ކޭސް ބަހަނީ ވެންމަސް ވެނަށް ކާންދޭ އުސޫލުން ކަމަށް ގިނަބަޔަކު ސިފަކުރެ އެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ތެރޭގައި، ސިޔާސީ ފައިދާއަށްޓަކައި މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ.
މިކަން ކުރަނީ ސަރުކާރުގެ އެއްވެސްކަހަލަ އިހުލާސްތެރި ނިޔަތެއް އޮވެގެން ނޫންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ރައްޔިތުންގެ ފައިސާ ހަރަދުކުރާ ގޮތުގެ އިތުބާރު ގެއްލި، ސަރުކާރުން ދޭ މައުލޫމާތުތައް ދޮގުވުމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މި މައްސަލައިގައި ސަރުކާރުން ސާފު ޖަވާބެއް ދިނުމާއި، ހަރަދުތަކުގެ ތަފްސީލު ހާމަކުރުމަކީ ރައްޔިތުންގެ ހައްގެކެވެ.