ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 11:36
ރައީސުލްޖުމްހޫރިއްޔާ އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަޞްދީޤު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަޞްދީޤު ކުރެއްވުން
އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު
ރައީސުލްޖުމްހޫރިއްޔާ އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަޞްދީޤުކުރައްވައިފި
މި ޤާނޫނު ތަސްދީގުކުރުމުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައިވާ ޙައްލުކުރުމުގައި މުޢާމަލާތްކުރުމުގެ ގަވާއިދުވަނީ އުވިފައި
އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 2023 ޑިސެންބަރު 18 ވަނަ ދުވަހު
އެ ބިލް ތަސްދީގުކުރެއްވީ އަންގާރަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.

މަޖިލީހުން އެ ބިލް ފާސްކޮށްފައި ވަނީ 2023 ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ. އެ ބިލް ތަސްދީގުކުރެއްވީ އަންގާރަ ދުވަހުއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2011/R-12 ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތްކުރުމުގެ ގަވާއިދު ވަނީ އުވިފައެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދަން ޖެހޭނެ ކަަމަށް ވަނީ ބުނެފައެވެ. އަދި އެ "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން"ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

Advertisement

މި ބިލުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ޤާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއެރުވުން ހިމެނެއެވެ. އަދި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބިލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް ވެސް ބިލުގައި ހިމެނިގެންވެއެވެ.

އިތުރަށް ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް މި ބިލުގައި ވަނީ ތަފްސީލްކޮށްދީފައެވެ. މީގެ އިތުރުން މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަން ޖެހޭއެވެ.

ބިލުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ޤާނޫނާ ޚިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އިން ކަން ފާހަގަކޮށްލެވެއެވެ. އަދި މި ބިލު ޤާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް