ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 12:40
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު
މަޖިލިސް
ނޫސްތައް ބްލޮކް ކުރުން
ނޫސްތައް ބްލޮކް ކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާތީ މަޖިލީހަށް ކުއްލި މައްސަލައެއް
މި ޢަމަލަކީ ޤާނޫނުއަސާސީއާ ޚިލާފު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް، އަދި ނޫސްވެރިންނަށާއި ނޫސްތަކަށާއި ޖުމްލަ ގޮތެއްގައި ދިވެހިރައްޔިތުންނަށް ދީފައިވާ އިންޒާރެއް
ޑިމޮކްރަސީއާ ބީރައްޓެހި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ޙަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި ސިފަކުރެއްވި

ނޫސްތައް ބްލޮކް ކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

އަދި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވާކަމަށާއި މީގެތެރޭގައި ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭކަމަށް ބަޔާންކޮށްފައި ވަނިކޮށް، އޮންލައިންކޮށް ޚަބަރާއި މައުލޫމާތު ފަތުރަމުންދިޔަ ބައެއް ވެބްސައިޓްތަކަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރަމުންދާ ކަމަށެވެ.

Advertisement

އަދި ސަރުކާރުގެ މި ޢަމަލަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު، ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް، އަދި ނޫސްވެރިންނަށާއި ނޫސްތަކަށާއި ޖުމްލަ ގޮތެއްގައި ދިވެހިރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދެކޭ ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑިމޮކްރަސީއާ ބީރައްޓެހި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ޙަޔާތުގައި އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ދާފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި އެކަން ސިފަކުރެވޭހިނދު، ނޫސްވެރިންނަށާއި ނޫސްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކްކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާއި ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ސަރުކާރަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް