Advertisement
ކ. މާލެ
|
27 ޑިސެންބަރ 2023 | ބުދަ 13:19
ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައިވާ ސަރަހައްދެއް- ފައިލް ފޮޓޯ
ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައިވާ ސަރަހައްދެއް- ފައިލް ފޮޓޯ
ފާތިމަތު ޝަނާ މުހައްމަދު
ދިގުރަށުން މަރުވެފައި އޮތް ކުއްޖަކު ފެނުން
ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާކުރަނީ
ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ 24 ޑިސެންބަރު 2023 ގައި
މައްސަލާގެ ތަހުގީގު ކުރިއަށްދޭ
މައްސަލައިގައި ތުހުމަތުކުރެވޭ އަންހެންމީހާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައި

އދ.ދިގުރަށުގެ ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު އދ. ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ 24 ޑިސެންބަރު 2023 ގައެވެ. އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވީ ޑިސެންބަރު މަހުގެ 15 ގައެވެ.

Advertisement

މި މައްސަލައާ ގުޅިގެން އދ. ދިގުރަށުގައި ވިހެއުމަށްފަހު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ތުހުމަތުކުރެވޭ އަންހެންމީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ މަންމައެވެ. ސްރީލަންކާއަށް ނިސްބަތްވާ އެ އަންހެން މީހާ ހައްޔަރު ކުރީ ލަންކާއަށް ދިއުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.

ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތްތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ހެނދުނު 09:20 ހާއިރުއެވެ. ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރަށުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި އެކުއްޖާ ފެނިފައިވަނީ ގޮނޑަށް ގޮސް، ކުނި ވަކިކުުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށެވެ. ކުއްޖާ އޮތީ ކަޅު ކޮތަޅުގެ 3 ކޮތަޅަށް ލާފައިކަމަށް އެ ރަށުން މީހަކު "ރާއްޖެއެމްވީ" އަށް ކިޔާދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް