ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 05:36
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ
ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވޯޑް ދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތައް
ދިވެހިންނަށް އެކަނި މަސައްކަތް ކުރެވޭ ދާއިރާތައް މިދަނީ ކަނޑައަޅަމުން، އޭގެތެރޭގައި އިމާރާތްކުރުމުގެ ދާއިރާތައް ހިމެނޭ - ރައީސް
ދިވެހިންނަށް ޚާއްސަ ދާއިރާތައް ނިންމީ އާދިއްތަ ދުވަހު ކެބިނެޓްގައި ކުރި މަޝްވަރާތަކަށް ފަހު
ފަންނުވެރިކަމާއި ޞިނާޢަތްތައްވެސް އޭގައި ދިވެހިންގެ އަތްމައްޗަށް ފުރޮޅާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި
ސްޕެޝަލައިޒްޑް މަސައްކަތްތަކުގައި ބޭރު ކުންފުނިތައް އުޅެންޖެހޭ ކަމަށް ރައީސް ވިދާޅުވި

މި ސަރުކާރުން ދިވެހިންނަށް އެކަނި މަސައްކަތް ކުރެވޭ ދާއިރާތައްކަނޑައަޅަމުންދާ ކަމަށާއި އޭގެތެރޭގައި އިމާރާތްކުރުމުގެ ދާއިރާގެ ބައިތައް ހިމެނޭ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ މަސީގެ ބިލްޑަރ އެވޯޑްސް ދިނުމުގެ ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގެ ގޮތުގައި ވަރަށްގިނަ ދާއިރާތައް ކަނޑައަޅާފައިވާ ކަމަށާއި އެކަން ނިންމީ އާދިއްތަ ދުވަހު ކެބިނެޓްގައި ކުރި މަޝްވަރާތަކަށް ފަހުކަމަށެވެ. އޭގެތެރޭގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ގުޅޭ ތިން ދާއިރާއެއްވެސް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ތިން ދާއިރާ އަކީ ބިލްޑިންގ އިންސްޕެކްޓަރުންގެ ދާއިރާއާއި، ސައިޓް ސުޕަވައިޒަރުންގެ ދާއިރާއާއި، ސާރވޭޔަރުންގެ ދާއިރާއެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ދުވަހު މަސައްކަތްކޮށް، ދެ އަހަރު ފަހުން މި ތިން ފީލްޑަކީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއެއްގެ ގޮތުގައި ހެދުމަށް ކަނޑައަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ ފަންނުވެރިކަމާއި ޞިނާޢަތްތައްވެސް އޭގައި ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި، ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދާ ކަންކަމަށް ވާން ޖެހޭ ކަަމަށެވެ. އަދި ދިވެހިންނަށް މަސައްކަތްތައް ލިބޭގޮތަށް ދާއިރާތައް ބަދަލުކޮށްލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކިކަހަލަ ސްޕެޝަލައިޒްޑް މަސައްކަތްތަކުގައި ބޭރު ކުންފުނިތައް އުޅެންޖެހޭ ކަމަށާއި، ދިވެހި ކުންފުނިތަކަކީ އެކަމުގައި ނަގާކިޔައި، އެކަމުގައި ލީޑް ރޯލް އަދާކުރާ ފަރާތްތަކަށް އަނެއްކާވެސް ބަދަލުވާންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މަޝްރޫޢުތައް ލިބޭ ލިބުމަށް ބަލާއިރު މިހާރު ގިނައިން މަޝްރޫޢުތައް ލިބެނީ ބޭރުގެ ފަރާތްތަކަށްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކޮންސްޓްރަކްޝަންގެ ދާއިރާއަކީ އަންހެން ބޭފުޅުން ވަރަށްމަތީ އިންސައްތައެއްގައި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ވާން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގައި ކިޔަވައިގެން ތިބި މީހުންނަށް ބަލާއިރު ފަންނުވެރިންނާއި މަސައްކަތްތެރިންގެ ދާއިރާގައި ގިނައީ ފިރިހެން ބޭފުޅުންނަށްވުރެ އަންހެން ބޭފުޅުން ކަމަށް ރައީސް ވިދާޅުވިއެވެ. މަސީއާ ގުޅިގެން ކުރިއަށް އޮތް އަހަރުތަކަކީ، ދިވެހި ކަނބަލުންނަށް މި ދާއިރާގައި މިހާރަށްވުރެ ފުޅާކޮށް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް