ކ. މާލެ
|
23 ޑިސެންބަރ 2023 | ހޮނިހިރު 13:32
އިލެކްޝަން ކޮމިޝަން
އިލެކްޝަން ކޮމިޝަން
ޝުއައިބް މުހައްމަދު އިގްބާލް
މަޖިލީހުގެ އިންތިޚާބު
ސިވިލް ސަރވިސް މުވައްޒަފަކު ކައުންސިލް އިންތިޚާބެއްގައި ނާކާމިޔާބުވިޔަސް ކުރިންހުރި ވަޒީފާ ލިބޭ، މަޖިލީހުގެ އިންތިޚާބުގައި މި ޙައްޤުން މަޙްރޫމުވޭ: ޙަބީބް
ސިވިލް ސަރވިސްގެ ގާނޫނުގައި، 6 މަސްދުވަހުގެ ވާހަކަ އޮތްނަމަވެސް، ސިވިލް ސަރވިސް ގަވާއިދުގައިވެސް އެބަޔަށް އޮތީ އިސްލާހު ގެނެސްފައި
ގާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ބަންޑާރަ ނައިބާއި ގާނޫނުހަދާ މަޖިލީހުން ވިސްނަންޖެހޭ

ސިވިލް ސަރވިސް މުވައްޒަފަކު ކައުންސިލް އިންތިޚާބެއްގައި ވާދަކޮށް ނާކާމިޔާބުވިޔަސް ކުރިންހުރި ވަޒީފާ ލިބޭ ކަމަށާއި، ނަމަވެސް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާއިރު މި ޙައްޤުން މަޙްރޫމުވާކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

ޙަބީބް ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ، އާންމު އިންތިޚާބެއްގައި ވާދަކުރުމަށް ގަސްދުކުރާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން، އެ އިންތިޚާބެއް ބާއްވާ ތާރީޚުގެ މީލާދީ 6 މަސްދުވަސް ކުރިން، އެ މުވައްޒަފަކު ހުރި ވަޒީފާއިން އިސްތިއުފާދޭންޖެހޭ ކަމަށެވެ.

އަދި މަގާމުން އިސްތިއުފާނުދީހުރެ، އިންތިޚާބަކަށް ކުރިމަތިލައިފިނަމަ އެ މުވައްޒަފަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ސިވިލް ސަރވިސް ގާނޫނު ބުނާކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، ސިވިލް ސަރވިސް ގާނޫނުގައި މި ގޮތަށް އޮތަސް، ހައިކޯޓުގައި މީގެ ކުރިން ކުރި ޙުކުމެއްގައި އެކަމަށް ފަރުވާއެއް ދެއްވާފައިވާކަމަށެވެ. އަދި ސިވިލް ސަރވިސްގެ ގާނޫނުގައި، 6 މަސްދުވަހުގެ ވާހަކަ އޮތް ނަމަވެސް، ސިވިލް ސަރވިސް ގަވާއިދުގައިވެސް އެބަޔަށް އޮތީ، އިސްލާހު ގެނެސްފައިކަން ޙަބީބް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސަރވިސްގެ މުވައްޒަފަކު އިންތިޚާބުގައި ވާދަކޮށް، ނުހޮވުނަސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އޮންނަ ފަދައިން، އަލުން އަނބުރާ ކުރިންހުރި ވަޒީފާއަށް އައުމުގެ ފުރުސަތު ނޯންނާނެކަމަށް ޙަބީބް ވިދާޅުވިއެވެ.

Advertisement

ސިވިލް ސަރވިސްގެ މުވައްޒަފުން ދެ އިންތިޚާބެއްގައި ދެގޮތަކަށް ޢަމަލު ކުރަންޖެހުމުން، ބައެއް ފަހަރު މުވައްޒަފުންނަށް އޮޅޭގޮތް ވެދާނެކަމަށްވެސް ޙަބީބް ވިދާޅުވިއެވެ. އަދި މިއީ، ގާނޫނު ހަދާ މަޖިލީހުން ވިސްނުން މުހިއްމު ނުކުތާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ސިވިލް ސަރވިސް މުވައްޒަފަކު ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވާދަކުރައްވައި ކާމިޔާބު ނުވެއްޖެނަމަ، އަލުން އަނބުރާ ކުރިންހުރި ވަޒީފާ ލިބޭގޮތަށް އޮންނައިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން މި ޙައްޤުން މަޙްރޫމުވާކަންވެސް ޙަބީބް ފާހަގަ ކުރައްވާފައިވެއެވެ.

ޙަބީބް ވިދާޅުވީ، ގާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ލިބިދިނުމުގައި ހުރި ތަފާތުތަކާމެދު، ދައުލަތުގެ ބަންޑާރަ ނައިބާއި، ގާނޫނުހަދާ މަޖިލީހުން މާ ބޮޑަށްވެސް ވިސްނާވަޑައިގަންނަވާނެކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށެވެ.

ޙަބީބް ވިދާޅުވީ، ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅުން ނުވަތަ ނޫޅުން، އާންމު އިންތިޚާބުތަކުގައި ބައިވެރިވުމުގެ ޝަރުތަކަށް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެކަމަށެވެ. އެހެންނަމަވެސް، ސިވިލް ސަރވިސްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ގާނޫނަށް އަމަލު ކުރޭތޯ ނުވަތަ ނޫންތޯ ސިވިލް ސަރވިސް ކޮމިޝަނުން ބަލާނެކަން ޙަބީބް ފާހަގަ ކުރެއްވިއެވެ.

ޙަބީބް ވިދާޅުވީ، ގާނޫނެއްގެ ވަކި މާއްދާއެއް ކޯޓަކުން ބާޠިލު ކުުރުމުން އެކަން އެ ގާނޫނެއް ނިސްބަތްވާ މުއައްސަސާއެއްގެ ވެބްސައިޓުން ނަމަވެސް ފާހަގަ ކުރެެއްވުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް