ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 07:45
މިސްރުގެ ރައީސް ސީސީ
މިސްރުގެ ރައީސް ސީސީ
އޭއެފްޕީ
މިސްރުގެ ރައީސް
މިސްރުގެ ރައީސް ސީސީ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
މިސްރު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ރައީސް ހާމަކުރެއްވި
މިސްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި

މިސްރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިސްރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އެގޮތުން، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިސްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމަށާއި ސީސީގެ ވެރިކަމުގައި މި ފެށުނު އައު ދައުރުގައި މިސްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި މެސެޖުގައި، ރާއްޖެ އާއި މިސްރާ ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީޚީ ގުޅުމަަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިހުތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައެވެ. އަދި ސަގާފަތާއި ތަރިކައާއި، އިގްތިސާދީ އެއްބާރުލުމާއި، ތައުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިސްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސްގެ މެސެޖް ނިންމަވާލައްވަމުން މިސްރު ސަރުކާރާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ހާމަކުރެއްވިއެވެ.

މިސްރުގެ ރައީސް ސީސީ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައިވަނީ މި މަހުގެ 10-12 އަށް ކުރިއަށްދިޔަ އިންތިޚާބުގައި 89.6 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯއްދައިވައިގެންނެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އެ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރު އޭރުގެ ރައީސް މުޙައްމަދު މޮރްސީ ބަލި ކުރައްވައެވެ. އެއަށްފަހު 2018 ގައި ބޭއްވި އިންތިޚާބުވެސް އެމަނިކުފާނު ވަނީ ކާމިޔާބު ކުރައްވާފައެވެ.

މިސްރުގެ ރައީސެއްގެ ދައުރު ސީސީ ވަނީ ހަ އަހަރުން ހަތަރު އަހަރަށް ބަދަލުކުރައްވައި ޖެހިޖެހިގެން ވެރިކަން ކުރެވޭ ދައުރު ދެ ދައުރުން ތިން ދައުރަށް އިތުރު ކުރައްވާފައެވެ. އެހެންކަމުން އެ ޤައުމުގެ ގާނޫނު މިހާރު ބުނާގޮތުން މިއީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދައުރެވެ.

- ކޮމެންޓް