ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 07:44
ކުވައިތުގެ އައު އަމީރު
ކުވައިތުގެ އައު އަމީރު
އޭއެފްޕީ
ކުވައިތުގެ އައު އަމީރު
ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި
ކުވައިތުގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށް ރައީސް ވިދާޅުވި
އައު އަމީރުގެ ޒައާމަތުގައި، ކުވައިތު ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސް ވިދާޅުވި

ކުވައިތުގެ އަމީރުކަމުގެ މަޤާމަށް، ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވައިތުގެ އައު އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ރާއްޖެ އާއި ކުވައިތާ ދެމެދުގައި އޮތް ގާތް، ދެމެހެއްޓެނިވި ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުންވެސް އެއް ޤައުމު އަނެއް ޤައުމަށްކުރާ އިތުބާރާއި، އިޙުތިރާމާއި، އަދި ދެ ޤައުމުގައިވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާޤުގެ ސަބަބުން އުފެދެމުންދާ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ މަގުސަދުތައް ކުރިއެރުވުމުގައި ކުވައިތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުވައިތުގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މެސެޖުގައި، އައު އަމީރުގެ ޒައާމަތުގައި، ކުވައިތު, ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފެށިގެންދާ އައު ދައުރުގައި ކުވައިތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ،

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުވައިތުގެ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމާ ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވެސް ފޮނުއްވާފައެވެ.

ކުވައިތުގެ ރައީސް ކަމަށް އެ ޤައުމުގެ ވަލީއަހުދު ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އިސްކުރެއްވީ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މި މަހުގެ 16 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

- ކޮމެންޓް