ޗާގޯސްގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު މިހާރުގެ ސަރުކާރުން އާންމުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަންތައް ކަމުގައި ވިދާޅުވި "ގެއްލުވާލި ކަނޑު" ހޯދުމުގެ މަސައްކަތުގެ ތެރެއިން މި ސިޓީފުޅު އާންމުކުރިއިރު، ރައީސް މުޢިއްޒާއި އޭރުގެ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވިދާޅުވި ވާހަކަތަކެއް އެއަކު ނެތެވެ. ނަމަވެސް އެ ސިޓީފުޅުގައި ފެންނާން އޮތީ، ރައީސް ޞާލިޙް އޭރުވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވިދާޅުވި ވާހަކަތަކެވެ.
މި ސިޓީގެ މައްސަލަ ފެންމަތިވީ، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީގެ މެންބަރުން ރާއްޖޭގެ ކަނޑު ވިއްކާލުމަށް ރައީސް ޞާލިޙު މަސައްކަތް ކުރައްވާ ކަމަށް މަޖިލީހުގައި ވިދާޅުވެ، އެކަން ކުރެއްވީ އޭރު އެމަނިކުފާނު ސީޝެލްސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކުން ކަމަށް ވިދާޅުވުމުންނެވެ.
އެހެން ނަމަވެސް އަންގާރަ ދުވަހު ރައީސް މުޢިއްޒު ހިމެނިވަޑައިގަންނަވާ ޕީޕީއެމް-ޕީއެންސީގެ ސަރުކާރުން އާންމުކުރި ސިޓީފުޅުގައި ވާގޮތުން، 22 އޯގަސްޓް 2022ގައި ރައީސް ޞާލިޙް ސީޝެލްސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީފުޅުގައި އޮތީ، ޗާގޯސްގެ ބަލަދުވެރިކަމުގެ މައްސަލައިގައި އދ.ގައި ރާއްޖޭގެ ތާއީދު މޮރިޝަސްއަށް އޮތްކަން އަންގައިދީފައެވެ.
އެގޮތުން ރާއްޖެއަކީ އިސްތިޢުމާރާ ދެކޮޅު ގައުމެއް ކަމަށާއި، އެކަން އދ.ގައި ރާއްޖޭގެ ތާރީޚުންވެސް ފެންނާނެކަމަށް އެ ސިޓީގައި ރައީސް ޞާލިޙް ވިދާޅުވެފައި ވެއެވެ.
މިކަން މިހެން އޮތްނަމަވެސް، އޭރުގެ އިދިކޮޅު ފަރާތްތަކާއި ބައެއް މީޑިޔާތަކުން، ރައީސް ޞާލިޙް ރާއްޖޭގެ ކަނޑު ވިއްކަވާލެއްވީ މި ސިޓީފުޅުން ކަމަށް ބުނަމުންދިޔައެވެ. އެހެންނަމަވެސް ރައީސް ޞާލިޙް އޭރުވެސް ވިދާޅުވަމުން ދިޔަ ގޮތަށް، އެ ސިޓީފުޅުގައި އެފަދަ ވާހަކައެއް ނެތްތަނުގައި، ޗާގޯސްގެ މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ މި ސިޓީފުޅަކީ މުޅިން ދެ ކަމެކެވެ. މިއަދު މި ސިޓީފުޅުން ފެނުނީ (މިއަދުގެ ރައީސް މުޢިއްޒު ހިމެނިވަޑައިގަންނަވާ ގޮތުން) މި ސަރުކާރުގެ އިސް ބޭފުޅުން ކުރިން ހެއްދެވި ދޮގުތަކެވެ.