ކ. މާލެ
|
17 ޑިސެންބަރ 2023 | އާދީއްތަ 07:00
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ސަރުކާރުގެ ސިޔާސަތުތައް
"ކުރިއަށް އޮތް ހަފްތާތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބްސައިޓުތައް މުޅިން ބަންދުކޮށްލެވޭނެ"
އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކްއަޕް ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަޖެހިގެން ގޮސްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައި
ޙައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ހަފްތާ 14ގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހާސިލްކުރި ކަންކަމަށް ވެސް އަލިއަޅުވާލައްވާފައި

ކުރިއަށް އޮތް ހަފްތާތެރޭގައި ރާއްޖެގައި ލަދުހުތުރު ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް މުޅިން ބަންދުކޮށްލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެފަދައިން ވިދާޅުވީ ސަރުކާރަށް މިހާތަނަށް ހާސިލްކުރެވުނު ކަންކަމާއި ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު މި ކަން މަނާކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، ގައުމުގެ ވެރިޔާގެ މައްޗަށް ލާޒިމުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ކަންކަމުގެ ސަބަބުން ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާ ކަމަށާއި މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީނުގައި މާކުރިން އެފަދަ ޢަމަލުތައް ނަހީކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ހަފްތާ 14 ގެ ފުރަތަމަ ހަތަރު ހަފުތާގެތެރޭގައި ހާސިލްކުރި ކަންކަމަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މަސްވެރީންނަށް ޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތާއި ފައިސާ ޗާޕުކުރުން ހުއްޓާލުމާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރުމާއި މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ފާސްކުރެއްވުން ފާހަގަކުރެއްވިއެވެ

މީގެ އިތުރުން ވެސް 1000 ފަގީރުން ހައްޖަށް ފޮނުވުމުގެ ވަޢުދުގެ ތެރެއިން ފުރަތަމަ ޙައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށާއި ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި، އެ މަސައްކަތް ވެސް ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ތެލަސީމިޔާ ބަލިހުންނާއި ކުދީންނަށް މަތީފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކްއަޕް ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަޖެހިގެން ގޮސްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް