ކ. މާލެ
|
16 ޑިސެންބަރ 2023 | ހޮނިހިރު 06:24
ޕީޕީއެމް ޖަލްސާ
ޕީޕީއެމް ޖަލްސާ
ޕީޕީއެމް
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ
ޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީ ޖެނުއަރީ 20ށް ފަސްކޮށްފި
ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށް ގައުމުން ބޭރަށް ދާނެތީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީވެސް ކުރިއަށް އޮތް ޖެނުއަރީ 20 ވަނަ ދުވަހު އެވެ. އޭގެފަހުން މިމަހުގެ ހަތްވަނަ ދުވަހު ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށް ގެންދިއުމަށްވެސް އިއުލާން ކުރިއެވެ. ނަމަވެސް އަނެއްކާވެސް ޕްރައިމަރީ ފަސްކުރިކަން ހާމަކޮށް ޕީޕީއެމް ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމަރީ ޖެނުއަރީ 20 އަށް ފަސްކޮށްފައިވާ ކަމަށެވެ.

Advertisement

ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާއަށް ގައުމުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަންގެ އާންމު މެންބަރުންގެ އެދުމުގެ މަތިންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާކަން ބެލުމަށްފަހު ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި، ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުތުވެސް އާންމުކޮށް އިއުލާންކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް