ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 18:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ވަޒީރުންނަށް ރުހުން ދިނުން
ވަޒީރުންނަށް ރުހުން ދިނުމަށް ކޮންމެ ވަޒީރަކަށް ވަކިން ތްރީލައިން ވިޕެއް ނެރެނީ
ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އެހެން ޕާޓީތަކާއި އެކު ރަސްމީ މަޝްވަރާއެއް ނުކުރޭ
އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލްކުރާނެ ކަމަށް ލަފާކުރެވޭ
ވަޒީރުންނަށް ރުހުންދިނުމާއި މެދު ގޮތެއް ނިންމާނީ ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްގެން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަށް ކޮންމެ ވަޒީރަކަށް ވަކިން ތްރީލައިން ވިޕެއް ނެރޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މެންބަރު ވިދާޅުވީ އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އެހެން ޕާޓީތަކާއި އެކު ރަސްމީ މަޝްވަރާތަކެއް ނުކުރާ ކަމަށެވެ. ނަމަވެސް ޕާޓީގެ އިސްފަރާތްތަކާއި އެހެނިހެން ޕާޓީތަކުގެ މެމްބަރުންނާއި އެކު ވަޒީރުންނަށް ރުހުން ދިނުމާއި މެދު ވާހަކަދެކެވިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް މެންބަރު ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވަޒީރުންނަށް ރުހުންދިނުމާއި މެދު އޭގެ ކުރިން ވިޕެއް ނެރޭނެ ކަމަށާއި، ވަޒީރުންނަށް ރުހުންދިނުމާއި މެދު ގޮތެއް ނިންމާނީ ޕީޖީ ގްރޫޕްގައި މަޝްވަރާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީގެ މެމްބަރުން ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންނެވެ. މި މަޝްވަރާތަކުގައި ވަޒީރުންގެ މަޖިލީހަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް، މެންބަރުން ފާޅުކުރައްވަމުން ގެންދަވާކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

މީގެ އިތުރުން ރައީސް މުއިއްޒު، ސަރުކާރުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ބޭފުޅުންގެ ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށާއި، އެހެންކަމުން މަޖިލީހުގެ ތަޅުމުގައި ވަކިވަކިން އެ ބޭފުޅުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ. އަދި މިގޮތަށް މިކަން ކުރިއަށް ގެންދިއުމަށް އެމްޑީޕީ ޕީޖީގެ ގިނަ މެންބަރުން ތާއީދުކުރައްވައެވެ.

އިދިކޮޅުގައި އޮތް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ގެންދަވަނީ، ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. އޭގެތެރޭގައި ހައުސިން މިނިސްޓަރު އަލީ ހައިދަރާއި، ފަތުރުވެރިކަމާބެހޭ މިނިސްޓަރު އިބްރާހީމް ފައިސަލްގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ނަންފުޅުވެސް ހިމެނެއެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ މަޖިލީހުން ހުރިހާ ވަޒީރުންނަށް ރުހުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް