ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 17:49
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސްއާއި ނައިބު ރައީސް އަޒުލް ކުރެވޭ އިސްލާހު
އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސާއި ނައިބު ރައީސް އަޒުލް ކުރެވޭ ގޮތް ހެދުމަށް ކޮމެޓީން ފާސްކޮށްފި
މައުލޫމާތު ލިބޭ ގޮތުގައި މިއަންނަ ހޯމަ ދުވަހު މިހުށަހެޅުން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ
އިސްލާހު ފާސްވެއްޖެނަމަ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ހުށަހަޅަން މި ދައުރުގައި ބޭނުންވާނީ 27 މެންބަރުންގެ ސޮއި
އެ ގަރާރު ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓު

ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލް ކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ހުށަހެޅުން އާންމު ކޮމެޓީން ފާސްކޮށްފިއެވެ.

ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުން ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ މަޖިލީހުން އެކުލަވައިލި ގަވާއިދުގެ 41 ވަނަ ބާބުގަ އެވެ. އެ ބާބުގެ މާއްދާތަކަށް ބަދަލު ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އާއްމު ކޮމެޓީގައި މި އިސްލާހު ވަނީ ފާސްކޮށްފައެވެ.

އާންމު ކޮމެޓީގެ އަގުލަބިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ފާސްކޮށްފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި މިއަންނަ ހޯމަ ދުވަހު މިހުށަހެޅުން މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. އަދި އެ ހުށަހެޅުން މަޖިލީހުން ފާސްކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

ގަވާއިދުތަކަށް އިސްލާހު ގެނައުމަށް ކޮމެޓީން ފާސްކޮށްފައިވަނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިން ބައިކުޅަ އެއް ބައި މެމްބަރުން ސަބަބު ބަޔާންކުރައްވައި ސޮއިކުރައްވައި ލިޔުމަކުން މަޖިލީހަށް ހުށަހަޅާ ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސް އާއި ނައިބު ރައީސްއަށް ދިނުމާއި، އެ ނޯޓިސް ދޭތާ 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހެޅުން އަދި އެ ޖަލްސާގައި އިތުރު އެއްވެސް މަސައްކަތެއް ކުރުމަށް އެޖެންޑާ ނުކުރުން އަދި ރައީސް އާއި ނައިިބު ރައީސްއަށް ދިފާއުވާން ދޭ 30 މިނެޓު އުނިކުރުމަށް ފަހު ގަރާރުގެ ބަހުސަށް ގިނަވެގެން ތިން ގަޑިއިރު ދިނުމަށެވެ.

މި އިސްލާހުތަކާއެކު ގަވާއިދު ފާސްވެއްޖެނަމަ 19 ވަނަ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެއެވެ. އެއީ ރައީސް އާއި ނައިބު ރައީސް ވަކި ކުރަން ހުށަހަޅަން މި ދައުރުގައި ބޭނުންވާނީ 27 މެންބަރުންގެ ސޮއެވެ. އަދި އެ ގަރާރު ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގައި މިވަގުތު 80 މެންބަރުން ތިއްބަވާއިރު، 56 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ދަ ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމް 2 މެންބަރުން، ޕީއެންސީގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ 2 މެންބަރުން، އެމްޑީއޭގެ 2 މެންބަރުން، އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރެއް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް