ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 13:19
ހުތުބާ
ހުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ހުތުބާ
މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން - ހުތުބާ
ފިތުނައިގެ އަލިފާނަށް ދަރުއަޅާ ބަޔަކަށް ނުވުމަށް ގޮވާލާފަވޭ
ހުތުބާގައި ފިތުނައިގެ މަގުން ނުހިނގުމަށް އިރުޝާދުދީފައިވޭ
ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއް

މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން ކަމަށާއި އެއީ އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައި ވަނީ އެބައެއްގެ އަގީދާ އާއި ސަޤާފަތާއި ލެޔާއި މުދަލާއި އަބުރަށް އަމާންކަމެއް ނެތް މުޖުތަމައުއަކީ އެއީ ތަހުޒީބު މުޖުތަމައު އެއް ނޫން ކަމަށެވެ. އެ މުޖުތަމައުއެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭނަމަ އެ ބަޔަކު އެ ވަނީ އެ ބައެއްގެ އަމިއްލަ އަތްތަކުން ހަލާކުގެ ދޮރުތަށް ހުޅުވާފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުކުރު ހުތުބާގައި އިތުރަށް ބުނެފައި ވަނީ މާތް ﷲ އަށް އީމާންވުމާއި، ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އަދި މި އުންމަތުގެ މީހެއްކަމަށް ވުމަށް އެދޭ މީހާގެ ކިބައިގައި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޝަރުތު ފުރިހަމަކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

Advertisement

މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްުޓުވުމަށް ކުރާ ކޮންމެ މަސައްކަތަކީ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށާއި ސަބަބަކީ އެ ފަދަ ކަންކަމާއި އަޅާ ނުލާ ތިބޭ ނަމަ މަންޒިލް މަޤްސަދަށް ވާސިލްވުމުގެ ކުރިން މުޖުތަމައު ހަލާކުވެ ނެތި ދިއުން އެކަށީގެންވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރުމުގެ މަސައްކަތަށް އަބަދުވެސް ބަޔަކު ހުސްވުމަށް ﷲ އަމުރުކުރައްވާފައިވާކަން ހުތުބާގައި ހަނދުމަކޮށްދީފައިވެއެވެ.

ހުތުބާގައި ދެން ބުނެފައި ވަނީ މި ޤައުމަށް ބަޔަކު މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަމުންދާ ކަމަށާއި މީހުން ދީނާއި ދުރުކުރުމަށާއި މީޑިއާ މެދުވެެރިކޮށް ގައުމުގެ އަހުލާގީ މިންގަނޑު ހަލާކުކުރުމަށް މަސައްކަތް ކުރާ ފަރާތްތައް ތިބި ކަމަށެވެ. އެ ފަރާތްތައް މާތްﷲ އަށް ބިރުވެރިވެ އެކަން ހުއްޓާލުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި ދުނިޔަވީ އެދުން އިސްނުކުރުމަށާއި ފިތުނައިގެ މަގުން ނުހިނގުމަށް އިރުޝާދުދީފައިވެއެވެ. އަދި ފިތުނައިގެ އަލިފާނަށް ދަރުއަޅާ ބަޔަކަށް ނުވުމަށް ގޮވާލާފައިވެއެވެ.

ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއް ކަމަށާއި އެ ޒިންމާ އެ މީހެއްގެ ފެންވަރާއި ހައިސިއްޔަތު ހުރި މިންވަރަކުން ފުރިހަމަކުރަން ވާނެ ކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެއް ކަމަށް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމަށްވުމާ އެކު އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި ދީނީ ކަންކަމާއި ބެހޭ ޢިލްމު އާއްމުކުރުމާއި އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމަށް ހުތުބާގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް