ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 18:49
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
ފުލުހުންތަކެއް ވަޒީފާއިން ވަކިކުރުން
ޓޫފޯއާއި ޖަމްޝީދާ އެއްކޮޅަށް ސިވިލް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުން ފަސްކުރީ ރަނގަޅަށް: ދައުލަތް
ހައިކޯޓުން ވަނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައި
މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ، ނިންމަވާ ގޮތެއް ލިއުމުން ދެފަރާތަށްވެސް ހިއްސާކުރައްވާނެކަމަށް ވިދާޅުވެފައި

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ދެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަކު މަގާމުން ވަކިކޮށްފައިވާއިރު، އެ މައްސަލައާ ގުޅިގެން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ދެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަކު މަގާމުން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކު ވަކިކުރަން ނިންމިކަން އަންގައި، ފޮނުވާފައިވާ ނޯޓިސް ބާތިލުކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

އަދި ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައި އޮތުމުން، ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު މުހައްމަދު (ޓޫފޯ)އެވެ.

މި އަޑުއެހުމުގައި އެ ދެމީހުންގެ ވަކީލު ވިދާޅުވީ، ޕޮލިސް ބޯޑުން ހިއްސާކޮށްފައިވާ ލިއުންތަކަށް ބަލާއިރު މި މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވަނީ ބޯޑުގެ މަޝްވަރާއެއް ނެތި ކަމަށް، އެ ބޯޑުން 25 ނޮވެމްބަރު 2023ގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައި ވާކަމަށެވެ.

Advertisement

އަދި ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ބަންޑާރަނައިބުގެ އޮފީހުގައި އެދިފައިނުވާކަން ސިޓީން އެނގިގެންދާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ ޕޮލިސް ބޯޑުން ވަކިކުރަން ނިންމި 7 މީހުންގެ ތެރެއިން މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި މީހުން ތިބީ ޚިދުމަތުގައިކަން ފާހަގަކުރައްވައި، އެ ދެމީހުންނަށް ފުރުސަތު ދީގެން ލިބޭނެ އިއާދަނުކުރެވޭވަރުގެ ގެއްލުމަކީ ކޮބައިތޯ ދަންނަވާފައެވެ.

އެއަށްފަހު ދައުލަތުންވެސް ވާހަކަ ދައްކާފައިވާއިރު، ފަނޑިޔާރުންގެ ބައެއް ސުވާލުތަކަށްވެސް ދެފަރާތުން ޖަވާބުދީފައިވެއެވެ.

ދައުލަތުގެ ވަކީލު ވަނީ މި މައްސަލަ ސިވިލް ކޯޓުން ނިންމައި، ހައިކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުނުއިރު ހުރި ހާލަތަށް ބަދަލެއް އައިސްފައިނުވާތީ، އެ އަމުރު މުރާޖައާކޮށް، އަމުރާމެދު އަލުން ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ އެކަމާމެދު ނިންމަވާ ގޮތެއް، ލިއުމުން ދެފަރާތަށްވެސް ހިއްސާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް