ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން މީހެއްގެ ޝަރުތުހަމަނުވާ ކަމަށް ކަނޑައެޅީ ގޯސްކޮށް ކަމަށާއި، އެމީހާގެ ޝަތުރުހަމަވާކަމަށް ނިންމައި އެމީހާއަށް ގޯތި ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ކަމަށް ބުނެ ލިސްޓުގައި ނަން ނެތުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކ. މާލެ، ދަފްތަރު ނަންބަރު ދރ234، ފާތިމަތު އަހުމަދުއެވެ. އޭނާ ހުށެހެޅި މައްސަލައިގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހުޅުވާލުމުން ފާތިމަތު އަހުމަދު ފޯމް ހުށަހެޅުމުން ވަގުތީ ލިސްޓް ނެރުނު އިރު އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާފައިވާތީ، އޭނާގެ މާލޭގެ ރަށްވެރިންގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް ހުށަހެޅެމުންވެސް މިނިސްޓްރީގެ ނިންމުން ބަދަލުކުރާނެ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ނިންމާ ދާއިމީ ލިސްޓުގައި ވެސް އޭނާ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާފައިވާތީއެވެ.
އަދި ޑީއެންއޭ ގައި ހުރި ފާތިމަތު އަހުމަދުގެ މައުލޫމާތު ސައްހަކަމަށް އޭނާއަށް ގަބޫލުނުކުރެވޭތީ، ފާތިމަތު އަހުމަދުގެ އައިޑެންޓިޓީ ސައްހަކުރުމަށާއި، މިނިސްޓްރީގެ މި އަމަލުގެ ސަބަބުން ފާތިމަތު އަހުމަށް ގެއްލިގެންދާ ހައްގު ހޯދުމަށް އެދި ކުރީގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑ އިންފްރާސްޓްރަކްޗަރ މައްޗަށް ރައްދުވާ ގޮތަށް މައްސަލަ ހުށަހެޅިއެވެ.
މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށް ހުޅުވާލުމުން ފާތިމަތު އަހުމަދު ފޯމް ހުށަހެޅުމުން ވަގުތީ ލިސްޓް ނެރުނު އިރު އޭނާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައަޅާފައިވާތީ، އޭނާގެ މާލޭގެ ރަށްވެރިންގެ ރަޖިސްޓްރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް ހުށަހެޅުމުން ވެސް، މިނިސްޓްރީގެ ނިންމުން ނަފީކުރާފަދަ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަމަށް ނިންމައި، ދާއިމީ ލިސްޓްގައިވެސް އޭނާގެ ޝަރުތުފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ފާތިމަތު އަހުމަދަކީ ވެސް މާލޭގެ ރަށްވެއްސަކަށްވާތީ، ފާތިމަތު އަހުމަދަކީ ވެސް ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަވާ ފަރާތެއް ކަމުގައި ބަލައިގަންނަން ހުކުމުގައި ބުނެފައިވެއެވެ.
އަދި ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ފުރިހަމަވާ އެހެން ފަރާތްތަކާ ގޯތި ހަވާލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން ފާތިމަތު އަހުމަދަށް ވެސް ހައްގުވާ މިންވަރު ލިިބިދެވޭގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާ ހުކުމްކޮށްފައިވެއެވެ.