ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތިން ދިން ކަމަށްޓަކައި އެ ރައްޔިތުން ރަތް މަހަށް ނުބަވާ ވަރަށް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަވަމުން ގެންދާ ކަމަށާއި، ލަދު ގަންނަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި މެންބަރު މީކާއީލް ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ ވެސް މި ރާއްޖޭގެ ރައްޔިތުން ކަމަށާއި، މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އޭގައި މާލޭ ރައްޔިތުންގެ ޓެކްސް ފައިސާ ހިމެނޭ ކަމަށެވެ.
މެންބަރު މީކާއީލް ވިދާޅުވީ ކުރީ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދީފައިވަނީ ވަރަށް ގިނަ ކަންކަމަށް އެ ސަރުކާރުގައި ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮންމެ ދައުރެއްގައި މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ރަތް މަހަށް ނުބަވާ މިންވަރަށް ބަވަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ޕީއެންސީ ސަރުކާރުގެ ޕީއެންސީ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންގެ އަސްލު ވިސްނުންފުޅު ރައްޔިތުންނާ ހަމައަށް އެބަ ތިލަވޭ. މާލޭގެ ރައްޔިތުންނަށް 40 އަހަރު 50 އަހަރު ފަހުން ސަރުކާރުން ގޯތި ދިނީ އޭގެ ކޮންސިއުއެންސް ސަރުކާރަށް ނުވިސްނިގެނެއް ނޫން. ރާއްޖޭގެ އެތައް ރަށެއްގެ އެތައް މަޝްރޫއެއް މި ބަޖެޓުގައި ޖަހާގެން ފާސް ކޮށްގެން އެކަން ކުރަނީ މާލޭގެ ރައްޔިތުންގެ ވެސް ޓެކްސް ފައިސާގައޭ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް 40 އަހަރު 50 އަހަރު ފަހުން ސަރުކާރަކުން ބަނޑާރަ ގޯތި ދިނީތީ އިއްޒަތްތެރި ރައީސް އެ ރައްޔިތުންނާ މެދު ރަތް މަހަށް ނުބަވާ ވަރަށް މި ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދައުރަކު ކޮންމެ ދައުރަކު މާލޭގެ ރައްޔިތުންނަށް ބަވަމުން ބަވަމުން މިގެންދާ ދިއުން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
ގޯތީގެ ރަޖިސްޓްރީ ގައި ޖަހާފައި އޮންނަނީ ދިވެހި ދައުލަތުގެ ސިއްކަ ކަން ފާހަގަ ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެއީ އެމްޑީޕީ ސަރުކާރުގެ ސިއްކައެއް ނޫން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިއްކައެއް ނޫން ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ސިއްކަ ކަމަށްވާއިރު، އެ ސިއްކައަށް ދިވެހި ސަރުކާރުން އިހުތިރާމް ކުރަން ޖެހޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
ދެން މިދައްކަނީ ކަނޑުފަޅުން ގޯތި ދިން ވާހަކަ. އަޅުގަނޑު ހަމަ ހިތަށް އަރާ ސަރުކާރަށް ދެ އަހަރު ވެގެންދާއިރު، ނޮވެންބަރު 17 ގައި މި ސަރުކާރަށް ދެ އަހަރު ވެގެން ދާނޭ. ލަދެއް ނުގަނޭ ބާއޭ. ކަނޑުފަޅުން ގޯތި ދިން ވާހަކަ އަދިވެސް ދައްކަމުން ދާން. ދައުލަތަކުން ކޮމިޓްވެ ބަޖެޓު ހަމަ ޖައްސާފަ އޮތް މަޝްރޫއެއް ކުރިއަށް ނުގޮސް ސަރުކާރެއްގެ ވެނިޓީ ޕްރޮޖެކްޓެއް، ރަސްމާލެ ވެނިޓީ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ހިފާލާފައި މަނީ ޕްރިންޓް ކޮށްގެން ވެސް ފައިސާ ޗާޕު ކޮށްގެން ވިޔަސް އެ މަޝްރޫއު ކުރިއަށް ގެންދަން ހިފާލާފައި ތިބި ބައެއް. 500 މިލިއަން ރުފިޔާއަށް ޑްރޯންތަކެއް ގަނެ، ހިރަފުސް އަރުވަން ބައިތިއްބާވާފައި ބަޔަކު މާލޭގެ ރައްޔިތުންނަށް ގޯތިތަކެއް ދީގެން އެ ބޮޑުވެގެން އުޅޭ މަންޒަރު ފެނުނީމަ ހަގީގަތުގައި ވެސް ލަދުގަނޭ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
މެންބަރު މީކާއީލް ވިދާޅުވީ މި ސަރުކާރުގެ އަގެއް ނެތް ކަމަށާއި، ދެ އަހަރު ވެގެންދާއިރު، ރައްޔިތުންނަށް ފައިދާވާ ކަމެއް ކޮށްދެވިފައި ނުވާތީ ލަދު ގަންނަން ޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންނަށް މިހާރު މިހާރަށް ދިނުމަށް މެންބަރު މީކާއީލް ގޮވާލެއްވި އެވެ.