ކ. މާލެ
|
10 ޑިސެންބަރ 2023 | އާދީއްތަ 08:27
ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން މަސައްކަތް ކުރަނީ
ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުން މަސައްކަތް ކުރަނީ
ފެނަކަ
އައްޑޫސިޓީން ފެނުގެ ޚިދުމަތް ކެނޑުނު މައްސަލަ
އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ކެނޑިފައިވާ މައްސަލަ ހައްލުކޮށް، އެ ޚިދުމަތް އަލުން ފޯރުކޮށްދީފި
ފެނުގެ ހިދުމަތް ކެނޑިފައިވަނީ 7 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
އެންމެ އިސްކަމެއް ދެނީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް
ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުން

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ކެނޑިފައިވާ މައްސަލަ ހައްލުކޮށް އެ ޚިދުމަތް އަލުން ފޯރުކޮށްދީފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑިފައިވަނީ 7 ޑިސެންބަރު 2023 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފެނުގެ ޚިދުމަތް މެދުކެނޑުމާއި ގުޅިގެން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެ އައްޑޫގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ފެނަކަ ކޯޕްރޭޝަނުން ވަނީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިތަދޫގައި އެ ކުންފުނިން ހިންގާ ފެން ޕްލާންޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ފެނުގެ ޚިދުމަތް ގިނަ ވަގުތުތަކަކަށް މެދުކެނޑުނު މައްސަލައިގައި އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

ފެނަކައިން ބުނީ މި މައްސަލަ މިހާރު އެއްކޮށް ހައްލުކޮށް ޕްލާންޓް ހިންގާފައިވާ ކަމަށެވެ. އަދި ފެނުގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ.

Advertisement

މީގެ އިތުރުން ފެނަކައިން ބުނީ މެނޭޖްމަންޓުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ކަމަށެވެ.

ފެނަކައިން ބުނީ މި ދިމާވި ފެނުގެ މައްސަލައަކީ ތަވާލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައިނުވާތީ އާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓުކޮށް ހައްލުކުރަން ޖެހޭ ކަންކަން ހައްލުކުރުމަށް އަންގައި ފޮނުވާފައިވާ ރިޕޯޓަށް އެ އޮތޯރިޓީން ދީފައިވާ ޓައިމްލައިނާ އެއްގޮތަށް އަމަލުކުރެވިފައި ނުވުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖް ގާއިމްކުރެވިފައި ނެތުމުގެ ސަބަބުން ކަމަށް އެ ކޯޕްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ފެންޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައި ވެސް ފެނުގެ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައްޑޫސިޓީގައި ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާގުޅޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް