ދ.ކުޑަހުވަދޫ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން އިންޖީނަކަށް މައްސަލަ ދިމާވެ، ދެން ހުރި އިންޖީނަށް ބާރު ބޮޑުވާތީ އެކަން ހައްލުވަންދެން ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަހުވަދޫގައި ބޭނުން ކުރަމުން ގެންދަނީ ހަތަރު އިންޖީނެވެ. އޭގެ ތެރެއިން ތިން އީޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން ރަށުގެ ރައްޔިތުން ދަނީ ފައުޅުކުރަމުން ނެވެ.
ކުޑަހުވާދޫ އަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު އެވެ.
ކުޑަހުވަދޫއަށް މިހާރު ކަރަންޓު ދެމުން އަންނަނީ އެރަށުގައި މިހާރު ސަލާމަތުން ހުރި އެންމެ އިންޖީނަކުންނެވެ. އެއްމެ އިންޖީނަކުން މުޅި ރަށަށް ވާވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ މިހާރު އަންނަނީ ރަށުގެ އެކިހިސާބަށް އެކި ފަަހަރުމަތިން ކަރަންޓު ދެމުންނެވެ.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، އަންގާރަ ދުވަހު މެންދުރުން ފެށިގެން އެ ރަށުން ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަ ކަމަށެވެ. އަދި މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިއަނަމަވެސް މިހާރު ރަށުގެ އެކި ހިސާބަށް ގަޑިއަކުން ގަޑިއަކުން މަދު ވަގުތުކޮޅަކަށް ކަރަންޓު ދެމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ކަރަންޓު ދެނީ މިވަގުތު ހުރި ހަމަ އެކަނި އިންޖީނުން ކަމަށް ވެސް އޭނާ ބުންޏެވެ.
އަންގާރަ ދުވަހު މެންދުރުން ފެށިގެން ކުޑަހުވަދޫ އިން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތވިެފައިވާއިރު، އަންގާރަ ދުވަހުގެ ރޭގައި ރަށުގެ ގިނަ ރައްޔިތުން ތިބީ ކަނު އަނދިރީގައެވެ. އެގޮތުން އެ ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ބައެއް ހިސާބުތަކަށް ކަރަންޓު ދިން ނަމަވެސް ގަޑިއެއްހާއިރު ފަހުން ކަރަންޓު ކެނޑޭ ކަމަށެވެ. އެގޮތުން އެގެއިން ކަރަންޓު ކެނޑިފައި ވަނީ ގޭގެ އެންމެ ކާންތިއްބާ ކަމަށް އޭނާ ބުންޏެވެ. އަދި އެންމެ ކައި ނިންމީވެސް ކަނު އަނދިރީގައި ކަމަށް އޭނާ ބުންޏެވެ.
3000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޑަހުވަދޫ އަށް ކަރަންޓުގެ މައްސަލަ ދިމާވެ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ރަށު ކައުންސިލް ރައީސް ވިދާޅުވީ ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ކަމަށާއި އެކަން ދިމާވެފައިވަނީ ބޭނުން ކުރަމުން އަންނަ ތިން އިންޖީނަކަށް މައްސަލަ ދިމާވެގެން ކަމަށެވެ. އެ އިންޖީނުތަކަށް ދިމާވި މައްސަލަ އަދި ދެނެގަނެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެރަށުގެ ފެނަކަ ބްރާންޗުގެ މެނޭޖަރު އިބުރާހީމް އަހުމަދު ރާއްޖެ އެމްވީއަށް ވިދާޅުވީ އިންޖީނުތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ކަމަށާއި ނަމަވެސް މުޅި ރަށުން ކަރަންޓު ކަނޑައިގެން ނުދާ ކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދަށް އެކި ގަޑިތަކުގައި ކަރަންޓު ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދަޅުވިއެވެ. އަދި އިންޖީނުތަކަށް މައްސަލަ ދިމާވި ސަބަބެއް ދެނެގަނެވިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުޑަހުވަދޫ ފެނަކަ ބްރާންޗުގެ އިސް ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި މައްސަލަ ޖެހުނު ތިން އިންޖީނުވެސް ހުރީ އެއްކޮށް ހަލާކުވެފައެވެ. އަދި އަންގާރަ ދުވަހުގެ ރޭ 12 ގެ ފަހުން ހަލާކުވި އިންޖީނުތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރޕާޓްސް ލިބޭނެ ކަމަށާއި ނަމަވެސް އެ ލިބުނަސް ހަލާކުވި އިންޖީނުތަކަށް ހައްލެއް ލިބޭނޭ ކަމަށް ނުބެލެވޭ ކަމަށެވެ.
ކުޑަހުވަދޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަ އަށް އަދިވެސް ހައްލެއް ލިބިފައި ނުވާއިރު، އެ ކަން ހައްލުކުރުމަށް އެ ރަށު ފެނަކަ ބްރާންޗުގެ މުވައްޒަފުން އަންނަނީ އިންޖީނުތަކަށް ދިމާވި މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް މަސައްތަކް ކުރަމުންނެވެ.