ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 22:57
އިންޑިޔާ އެމްޕީ މަހުއާ މޮއިތްރާ
އިންޑިޔާ އެމްޕީ މަހުއާ މޮއިތްރާ
ގެޓީ އިމޭޖަސް
އިންޑިޔާ މަޖިލީހުން މެމްބަރަކު ވަކި ކުރުން
މަޖިލީހުގައި ސުވާލު ކޮށްދޭނެ ކަމަށްބުނެ ރިޝްވަތުނަގާ ކަމަށް ތުހުމަތު ކުރެވުނު މެމްބަރަކު ވަކިކޮށްފި
ރިޝްވަތުގެ ގޮތުގައި 20 މިލިއަން ރުޕީސް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ

އިންޑިޔާގެ ގާނޫނު ހަދާމަޖިލީހުގައި ވަކިކަހަލަ ސުވާލުތަކެއް ކުރާނެ ކަމަށް ޝަރުތުކޮށް ވިޔަފާރިވެރިން އަތުން ފައިސާ ނަގާކަމަށް ޝައްކު ކުރެވުނު މަޖިލީހުގެ އިދިކޮޅު މެމްބަރަކު ހުކުރު ދުވަހު މަޖިލީހުން ވަކި ކޮށްފިއެވެ. މެންބަރު މަހުއާ މޮއިތްރާ ވަނީ މިކަން ދޮގު ކޮށްފައެވެ. އަދި އޭނާވަކި ކޮށްފައިވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް ބުނެފައި ވެއެވެ.

މަޖިލީހުގެ މެންބަރު ކަމުން ވަކި ކުރުމުން މައްސަލަ ކޯޓަށް ވެއްދުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.

ހުކުރު ދުވަހު އޭނާ ވަކި ކުރުމުގެ ކުރިން މެމްބަރުންވަނީ ލޮކް ސަބާ ނުވަތަ މަޖިލީހުގެ ތިރިގެޔަށް ގަރާރެއް ހުށަހަޅާ ބަހުސް ވެސް ކޮށްފައެވެ. އޭގެ ކުރިން މައްސަލައާ ގުޅޭގޮތުން އެތިކްސް ޕެނެލް އަކުން ތައްޔާރު ކޮށްފައިވާ 500 ސަފުހާގެ ރިޕޯޓެއްވެސް ވަނީ ހުށަހަޅާފައެވެ. އޭގައި މޮއިތްރާ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރުމަށް ފެންނަ ކަމަށް ބުނެފައިވެއެވެ. ރިޕޯޓް ކިޔާ ދެނެގަތުމަށް އިތުރުވަގުތު ދިނުމަށް އިދިކޮޅު ފަރާތްތަކުން އެދުނު ނަމަވެސް ސްޕީކަރ ވަނީ އެކަމަށް ގަބޫލުނުވެފައެވެ.

މެމްބަރު މޮއިތްރާ ނިސްބަތްވަނީ ވެސްޓް ބެންގޯލް ސްޓޭޓް ގައި އިސްކޮން އޮންނަ ޓްރިނަމޫލް ކޮންގްރެސް ޕާޓީ އަށެވެ. އޭނާއަކީ ބޮޑުވަޒީރު ނަރެންދުރަމޯދީ އަދި ވެރިކަންކުރާ ބީޖޭޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔާ މަޖިލީހުގައި އަޑުއުފުލާ މެމްބަރެކެވެ.

މިމައްސަލަ ފެށިފައިވަނީ ފައިސާޔާއި އަގުބޮޑު ހަދިޔާތަކުގެ ބަދަލުގައި މެމްބަރު މޮއިތްރާ މަޖިލީހުގައި ޚާއްސަކޮށް އަޑާނީ ގްރޫޕް އަށް އަމާޒުކޮށް ސުވާލު ކުރަމުންދާކަމަށް ބުނެ ޑޫބޭ ކިޔާ ބީޖޭޕީގެ މެމްބަރަކު މައްސަލަ ހުށަހެޅި ހަމައިންނެވެ. އަޑާނީ ގްރޫޕްގެ ވެރިޔާ  ގޯތަމް އަޑާނީ އަކީ ބޮޑުވަޒީރު މޯދީއާއި ގާތްފަރާތަކަށްވާތީ ބޮޑެތި ޕްރޮޖެކްޓް ތައް ދޭކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

އެމް.ޕީ ޑޫބޭ ބުނެފައިވާ ގޮތުގައި މިފަހުން މޮއިތްރާ މަޖިލީހުގައި ކުރި 61 ސުވާލުގެ ތެރެއިން 50 ސުވާލަކީ އަޑާނީ ގްރޫޕާ ބެހޭގޮތުން ކޮށްފައިވާ ސުވާލެވެ. އަދި އޭގެ ބަދަލުގައި 20 މިލިއަން ރުޕީސް، ހިރަންދާނީ ކިޔާ ވިޔަފާރިވެރިޔަކު އޭނާޔަށް ދީފައި ވެއެވެ. އަދި ހިރަންދާނީ ބޭނުންވާ ސުވާލު ސީދާ މޮއިތްރާއަށް ފޮނުވުމަށް މަޖިލީހުގެ ލޮގް-އިން ތަފްސީލްތައް ހިރަންދާނީއާ ހިއްސާކޮށްފައިވާކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

މޮއިތްރާ ވަނީ އޭނާގެ މަޖިލީހުގެ ލޮގް-އިން ތަފްސީލް، ވިޔަފާރި ވެރިޔާއާ ހިއްސާ ކުރިކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެއީ މަނާކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.

އެތިކްސް ކޮމިޓީ އަށް މޮއިތްރާ އަދި ވިޔަފާރިވެރިޔާވެސް ހާޒިރު ކޮށްފައި ވެއެވެ. ނަމަވެސް ސުވާލު ކޮށްކޮށް އޮށްވާ މޮއިތްރާ ވަނީ ނިކުމެގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް