މި ފަހުގެ ތާރީޚުގައި މެދުއިރުމަތީގެ މަސްރަޙަށް އެންމެ ވަރުގަދަ ސިހުމެއް ގެނުވި އެއް ހަނގުރާމައަކީ ދާޚިލީ ހަމަނުޖެހުމުގެ ގޮތުގައި ސޫރިޔާގައި ކުރަން ފެށި ވަރުގަދަ ހަނގުރާމައެވެ. ސޫރިޔާ ހަނގުރާމައިގެ ކޯޅުންގަނޑު އެންމެ ގަދަވެގެން ދިޔަ ދުވަސްވަރު، ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ޙަމަލާ ދިނުމުގެ ޣައިރު ޤާނޫނީ ޖަރީމާ ހިންގާފައިވެއެވެ. ކެމިކަލް ޙަމަލާތަކުގެ ޝިކާރައަކަށް ވެ އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ހާސް ބަޔަކު ޒަޚަމްވިއެވެ. ގިނައީ ކުޑަކުދިންނެވެ. މިއީ އޭގެ 10 އަހަރު ފަހެވެ. އެ ޙަމަލާތަކުގެ ޒިންމާ އުފުލަންޖެހޭ މުޖުރިމުންނަށް ދެވުނު އެއްވެސް ޢަދަބެއް ނެތެވެ.
ނޮވެމްބަރ 30 ވީ ބުރާސްފަތި ދުވަހަކީ އެކަމަށް ބަދަލެއް އަތުވެދާނެ ކަމުގެ ފުރަތަމަ ސިގުނަލް ލިބުނު ދުވަހެވެ. އެ ދުވަހަކީ، ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ތަޙުޤީޤު ހިންގާ، މުޖުރިމުން ޖަވާބުދާރީ ކުރުވާ، ޙައްޤު ޢަދަބު ދިނުމަށް ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރައިބިއުނަލްއެއް ނުވަތަ އައު މުޙާކިމާއެއް ވުޖޫދު ކުރުމުގެ ޙަރަކާތްތައް ފެށި ދުވަހެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ސޫރިޔާގެ ޖަމިއްޔާތަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޤާނޫނީ ތަޖުރިބާކާރުންނާއި އެނޫންވެސް މެންބަރުންތަކެއް އެކުވެގެން މިދިޔަ 2 އަހަރެއްހާ ދުވަހު، ސިއްރިއްޔާތުގައި ކުރަމުން ދިޔަ މަސައްކަތަކީ، މިހާރުވެސް އެފަދަ ހަތިޔާރުތަކުގެ ބޭނުން ކުރުން މަނާކޮށްފައި އޮންނަ، ވިހަ ކެމިކަލްތަކާއި މާއްދާތައް އެކުލެވޭ ހަތިޔާރުތައް ބޭނުން ކުރާ ފަރާތްތައް، އައު މުޢަހަދާއެއްގެ ދަށުން ސަރިޔަތަށް ޚާޒިރު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދޭ މަސައްކަތެކެވެ.
ސޫރިޔާ ހަނގުރާމައިގެ ދުވަސްވަރު ދިން ކެމިކަލް ޙަމަލާތަކުގެ ހަނދާންތަކަކީ އަދިވެސް އެ ޤައުމުގެ ރައްޔިތުންގެ ހިތްތަކުން ފިލައި ގޮސްފައި ވާ ހަނދާންތަކެއް ނޫނެވެ. 2013 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހު، ސެރީން ގޭސް ބޭނުން ކޮށްގެން ޣޫތާ ޑިސްޓްރިކްޓަށް ދިން ޙަމަލާގައި 1000 އަށް ވުރެ ގިނަ މީހުން މި ދުނިޔެއާ ވަކިކޮށްލީ ރޭގަނޑުގެ ނިދީގައި ތިއްބާއެވެ. ސޫރިޔާގެ ވެރިކަން ކުރާ ދިމިޝްޤްގެ ރަށްފުށު އަވަށެއް ކަމަށް ވާ ޖުބާރުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ، ޢުމުރުން 35 އަހަރުގެ ޞަފާ ކާމިލްއަކީ، އޭނާގެ ފުރާނަ ސަލާމަތްވިއެއް ކަމަކު، އެ ނާމާންކަން ތަޖުރިބާކުރި، އޭރުގެ ޒުވާނެކެވެ.
މޭ ނުބައި ކުރުމާއި، ހޮޑުލެވުމާއި، މޫނު ރީނދޫވުމާއި، އަނބުރާގައިތުން ކަހަލަ ޢަލާމާތްތައް އޭރު އަހަރެމެންގެ ހަށިގަނޑުން ފެންނަމުން ދިޔައީ. އެންމެ ތުއްތު ކުދިންގެ ހަށިގަނޑުންވެސް. ވަރަށް ބޮޑު ބިރުވެރިކަމެއްގަ އުޅުނީ. ކިތަށް މީހުން މަރުވި...މަރުވެފަ ތިބި މީހުން ތިބި ގޮތުގެ މަންޒަރުތައް... ކެމިކަލް ބޮމުގެ ޙަމަލާގަ ކިހާ މީހުންނެއްތޯ މަރުވީ ބެލިއިރު، އެ ޢަދަދު ވަރަށް މަތީގަ އުޅުނީ. މަރުވި މީހުންތައް ބަރިއަކަށް އަތުރާލާފައި އޮތް މަންޒަރުތައް ދުވަހަކުވެސް އަހަރެމެންގެ ހަނދާނުން ފިލައިގެން ނުދާނެ. މީ ހަމައެކަނި ނަމްބަރު ތަކެއް ނޫން. އެއީ އަހަރެމެން ދެކޭ ގޮތުގަ ޝަހީދުން. އެއީ ރޫޙުތަކެއް. އެއީ އެބަޔަކު ދެކެ އަހަރެމެން ލޯބިވާ ބައެއް. އަހަރެމެން ކުރިމަތީގަ ޤަބުރުތައް ބަރިއަކަށް އަތުރަލާފަ އޮތީ، ސިފަވެސް ނުކޮށްދެވޭނެ ކަހަލަ ގޮތަކަށް. ހަމަ ތެދަށް މި ބުނަނީ، ދުވަހަކުވެސް އަހަރެމެން އެކަން ހަނދާން ނުނެތޭނެ.ޞަފާ ކާމިލް؛ ގެދޮރު ގެއްލިފައިވާ ސޫރިޔާ ޓީޗަރެއް
ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ޙަމަލާ ދޭ މުޖުރިމުން ޖަވާބުދާރީ ކުރުވާ، ޙައްޤި ޢަދަބު ދީ، އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ޑިޕްލޮމެޓިކް އަދި ތަޖުރިބާކާރުންގެ ފެންވަރުގައި، އެކި ދަޢުލަތްތަކުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކޮށް، ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. ލިބިފައި ވާ ކިތާބީ ހެކިތަކާ ޙަވާލާދީ ރޮއިޓަރޒްއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 44 ޤައުމެއްގެ ޑިޕްލޮމެޓުން ވަނީ މަޝްވަރާތަކުގައި ބައިވެރިވެޑައިގެންފައެވެ. މަޝްރޫޢުގެ ފަހަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރި އެކަކީ ސޫރިޔާގެ އިނގިރޭސި ނަސްލުގެ ބަރިސްތާއެއް ކަމަށްވާ އިބްރާހީމް ޢުލައިބީއެވެ. ޢުލައިބީ ފާހަގަ ކުރި ގޮތުގައި، ބައެއް މަޝްވަރާތަކަކީ ޤައުމުތަކުގެ ވަޒީރުންގެ ފެންވަރުގައި ކުރިއަށް ގެންގޮސްފައި ވާ މަޝްވަރާތަކެކެވެ.
މި ކަމަކީ އަނިޔާ ލިބުނު ސޫރިޔާ މީހުން އިސްވެ ހިންގަން ފެށި ކަމެއް. މިކަން ފެށުނުތާ މިހާރު ދެ އަހަރެއް ވަރު ވެދާނެ... ކެމިކަލް ހަތިޔާރު ބޭނުން ކުރާ މުޖުރިމުންނާ ދެކޮޅަށް ދަޢުވާ ކުރާނެ ގޮތްތަކަކީ ކޮބައިކަމާ މެދު ޚިޔާލު ބަދަލުކޮށް ހަދަމުން ދިޔައީ. ޝަރުޢީ އިމުގެ ތެރެއިން، ސިޔާސީ ފެންވަރެއްގަ މިކަން ކުރިއަށް ގެންދެވެން ހުރި ގޮތްތަކާ ބެހޭ ގޮތުން، އެކީގަ މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުންނާއި، މީހުން ޖަވާބުދާރީ ކުރުވުމާ ބެހޭ ދާއިރާގެ ތަޖުރިބާކާރުންނާވެސް މަޝްވަރާ ކުރަމުން ގޮސް އަހަރެމެންގެ މިކަން ވަރުގަދަ ވެގެން ދިޔައީ.އިބްރާހީމް ޢުލައިބީ؛ ސޫރިޔާގެ ބަރިސްތާއެއް
'ދި އެކްސެޕްޝަނަލް ކެމިކަލް ވެޕަންސް ޓްރައިބިއުނަލް' އުފެއްދުމަށް ޕްރޮޕޯސަލް ހުށަހެޅި ނޮވެމްބަރ 30 ވަނަ ދުވަހަކީ، ކެމިކަލް ޙަމަލާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ހަނދާނުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެވެ. ދެން އޮތް މަރުހަލާއަކީ، މުޢާހަދާގެ ދެލި ކޮޕީއަކާ މެދު ދަޢުލަތްތަކުން އެއްބަސްވުމަކަށް އައުމުގެ މަރުހަލާއެވެ.
ކޮންމެވެސް ވަރެއްގެ އިންސާފެއް
ހަނގުރާމައިގެ ޤާނޫނުތައް ބަޔާން ކުރާ ޖެނީވާ ކޮންވެންޝަންސްގެ ދަށުން، ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ މިހާރުވެސް މަނާ ކަމެކެވެ. އެ ބުނުމަށް ބާރު ދެނީ، 1997 ވަނަ އަހަރު އެކުލަވާލި ކެމިކަލް ވެޕަންސް ކޮންވެންޝަންއިންނެވެ. އޯގަނައިޒޭޝަން ފޮރ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު)ގެ ބެލެހެއްޓުމުގެ ދަށުން، 193 ޤައުމަކުން ވަނީ އެ މުޢާހަދާގައި ބައިވެރިވެފައެވެ.
ކަން އެހެން އޮތް ނަމަވެސް، ސޫރިޔާ ހަނގުރާމައިގެ މައްސަލާގައި އޯޕީސީޑަބްލިއުއާއި އ.ދގެ ސިޔާސީ ފިކުރު ބައިބައިވެގެން ދިޔައެވެ. ނަތީޖާއަކަށް ވީ، ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް ދިން ކަމަށް ތުހުމަތު ކުރެވޭ އެތައް ސަތޭކަ ކެމިކަލް ޙަމަލާއެއްގެ ފަހަތުގައި ތިބި މުޖުރިމުން ޖަވާބުދާރީ ކުރުވުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވި، އެކަމަށް ހުރަސް އެޅިގެން ދިއުމެވެ.
ހަނގުރާމައިގެ ދުވަސްވަރާއި އަދި މިހާރުވެސް ސޫރިޔާގައި ވެރިކަން ކުރައްވަމުން ގެންދަވާ ބައްޝާރު އަލް-އަސަދުގެ ސަރުކާރުން ވަނީ، ދާޚިލީ ހަނގުރާމައިގެ ތެރޭގައި، ސަރުކާރާ އިދިކޮޅު މީހުންނަށް އަމާޒުކޮށްގެން ކެމިކަލް ޙަމަލާ ދީފައި ވާ ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. ސޫރިޔާގެ ހަނގުރާމައަކީ، މަރޗް 2011 ގައި އަސަދުގެ ސަރުކާރާ ދެކޮޅަށް، މަދަނީ އެއްވުމުގެ ގޮތުގައި ފެށި ހަރަކާތެއް ހޫނުވަމުން ގޮސް، އެކަމުގެ ތެރެއަށް ސަރަޙައްދީ ޤައުމުތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކުންވެސް ވަދެގެން ކުރި، ވަރުގަދަ ހަނގުރާމައެކެވެ. ހަނގުރާމައަށް ރަސްމީ ސިފައެއްގައި އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ. ވަކި ބަޔަކަށް ކުރި ނުލިބި، އެ އޮތް ވަރެއްގައި އޮތީއެވެ.
ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ޢާންމު އިޙްތިސާސްގެ ދަށުން، ފަރަންސޭސިވިލާތް ފަދަ ބައެއް ޤައުމުތަކުން މިހާރުވެސް ވަނީ ބައެއް ސަރިޔަތްތައް ފަށާފައެވެ. ނަމަވެސް ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އިޙްތިސާސުން ބޭރުން ކަން ހިނގާ ޙާލަތެއްގައި، ކެމިކަލް ހަތިޔާރުތަކުގެ ބޭނުންކުރާ މުޖުރިމުންނާ ދެކޮޅަށް ދަޢުވާ ކުރެވޭނެ ޝަރުޢީ އެހެން ބާރެއް ނެތެވެ.
ބޯލްކަންސްއާއި ރުވާންޑާގެ ޤަތުލުޢާންމު އަދި ލުބްނާންގެ ހަނގުރާމަ ފަދަ ކާރިޘާތަކަށް ޚާއްޞަކޮށްގެން، ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކޯޓުތައް އެކުލަވާލާފައި ވީ ނަމަވެސް، ސީދާ ކެމިކަލް ހަތިޔާރު ބޭނުން ކުރާ މުޖުރިމުންނަށް އަމާޒުކޮށްގެން އެ ފަދަ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޚާއްޞަ ކޯޓެއް އަދި އެކުލަވާލާފައެއް ނުވެއެވެ.
ހަނގުރާމައިގެ ޖަރީމާތައް ބައިނަލްއަޤުވާމި ފެންވަރުގައި ތަޙުޤީޤު ކުރުމުގެ ބާރު އޮންނަ އައިސީސީގެ އިޙްތިސާސްގައި ސޫރިޔާ ނުހިމެނެއެވެ.
ބައެއް ކޭސްތައް ތަޙުޤީޤު ކުރުމުގެ ބާރު، އޯޕީސީޑަބްލިއުއަށް ލިބިފައި އޮތް ނަމަވެސް، ދަޢުވާ ކުރުމުގެ އެއްވެސް ބާރެއް ނޯވެއެވެ.
12 އަހަރު ފަހުން ކޯޓެއް... މިކަހަލަ ކޯޓުތައް ހުންނަ ކަން އަހަރެމެންނަށް އެނގޭ. އަސަދު ހިންގި ކަހަލަ ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ދަޢުވާ ކުރާނެ ކޯޓުތައް ހުރޭ. އެ މައްސަލަތައް ބައިނަލްއަޤުވާމީ ކޯޓުތައް އޮތީ ހުށަވެސްހަޅާފަ. އެވަރުންވެސް އަސަދާ ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތް. އެހެންވީމަ، މި ޙާލަތުގަ، މި ޓްރައިބިއުނަލްއަކީ އަހަރެމެން ކަހަލަ ސޫރިޔާ ރައްޔިތުންނަށް އޮތް ކޮންމެވެސް ކަހަލަ އުންމީދެއް. އިންސާފާ ހިސާބަށް ދެވޭނެ މަގެއް ފެނިދާނެ ކަމުގެ އުންމީދު ގެނެސްދޭ. ކޮންމެވެސް އަސަރެއް ފެންނާނެ. މިއަދު މި ލުބުނު ފުރުޞަތުން މާ ބޮޑު އަސަރެއް ނުކޮށްވެސްފާނެ. ޝަރުޢީ އިމުގެ ތެރެއިން އަސަދު ޖަލު ގޮޅިއަކަށް ފައްތާވެސް ނުލެވިދާނެ. އެކަމަކު، މިރާސްތާއިން ހިނގެން ފެށުންވެސް އަހަރެމެން މާނަ ކުރަނީ އުންމީދެއްގެ ގޮތުގަ. ފުރާނަ ސަލާމަތްވި މީހުންގެ ޙައްޤުގައިވެސް އަހަރެމެން ކުރިއަށް ދާނަން.ޞަފާ ކާމިލް؛ ގެދޮރު ގެއްލިފައިވާ ސޫރިޔާ ޓީޗަރެއް
އ.ދއާއި އޯޕީސީޑަބްލިއު ގުޅިގެން ކުރިއަށް ގެންދިޔަ ތަޙުޤީޤު (ޖިމް) ގެ ހޯދުންތަކަށް ބަލާއިރު، އޭޕްރިލް 2017 ގައި ދިން ޙަމަލާއެއްގައި ސޫރިޔާގެ ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރުގެ ގޮތުގައި ގިންތި ކޮށްފައި ވާ ސެރީން ގޭސް ބޭނުން ކޮށްފައެވެ. އަދި ކްލޮރީން ބޭނުންކޮށްގެން ތަކުރާރުކޮށް އެތައް ޙަމަލާއެއް ދީފައިވެއެވެ. ސޫރިޔާ ހަނގުރާމައިގެ ތެރެއިން މުޅި ދުނިޔެއަށް އަތް ގަދަ ކުރި ޓެރަރިސްޓް އައިސިސް ޖަމާޢަތުން، ސަލްފަރ މަސްޓަރޑް ނުވަތަ ގޭސް ބޭނުން ކުރި ކަމުގެ އިލްޒާމު، ސޫރިޔާ ސަރުކާރުން ފެންމަތި ކުރިއެވެ.
ޔޫއެން-އޯޕީސީޑަބްލިއު ޖޮއިންޓް އިންވެސްޓިގޭޓިވް މެކޭނިޒަމް (ޖިމް)ގެ ރަސްމީ ޢަމުރު ހިނގާ މުހުލަތު ނޮވެމްބަރ 2017 އަށް ހަމަވެފައި ވާ އިރު، އެ މުއްދަތު އިތުރު ކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި އެތައް ފަހަރެއްގެ ކުރި މަސައްކަތްތައް ވީޓޯ ކޮށްފައި ވަނީ، ސޫރިޔާއަށް އެއްބާރުލުން ދޭ ރަޝިޔާއިންނެވެ.
10 އަހަރު ފަސް
2013 ވަނަ އަހަރު ޣޫތާއަށް ދިން ޙަމަލާގައި ނޭވާ ހާސްވެގެން މަރަށް ތެޅެމުން ދިޔަ މީހުންނާއި، މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލި މީހުންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭންތައް އެންމެ ގާތުން ފެނުނު އެކަކީ، އެ ޙާލުގައި ތިބި އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދިނުމަށް ޑިއުޓީއަށް ނުކުމެ ހުރި ޑރ މުޙައްމަދު ސަލީމު ނަމޫރުއެވެ. އެ ހަނދާންތައް އައު ވާ ކޮންމެ ފަހަރަކު، މިހާރުވެސް، ޑރ ނަމޫރުގެ ލޮލުން ކަރުނަ ހިލުވާލައެވެ. މަރުވެފައި އޮތް މީހުންތަކުގެ ތެރޭގައި އޮތް ކުޑަކުއްޖަކު، "އަހަރެންގެ ފުރާނަ އަދިވެސް އެބަހުރިހޭ" އަހާލި އަޑު، އަދިވެސް ޑރ ނަމޫރުގެ ކަންފަތުގައި ގުގުމައެވެ.
އޯގަސްޓް 21، 2013ގެ ބޮޑު ޤަތުލުޢާންމު ހިންގި އިރު އަހަރެން ހުރީ ޣޫތާގަ. ނޭވާ ހާސްވެ މަރަށް ތެޅުމުގެ އެކި މަރުހަލާތަކުގަ ތިބި އެތައް ސަތޭކަ ބަޔަކަށް އަހަރެމެންގެ ހޮސްޕިޓަލުގަ ފަރުވާ ދެމުން ދިޔައީ. އެއީ ދުވަހަކުވެސް އަހަރެންގެ ސިކުނޑިން ފޮހެވޭނެ މަންޒަރުތަކެއް ނުން. މިސާލަކަށް، މަރުވަމުން ދިޔަ އެތައް ބައެއްގެ މެދުގަ އޮތް ކުޑަކުއްޖާ... އޭނަ ވަށައިގެން ތިބި އެންމެން މަރު. އެ ކުއްޖާއަށް ހީވީ އެހެން ދުނިޔެއަކަށް ދެވުނީއޭ. އަހަންނަށް ގޮވާލާފަ އޭނަ މި އަހާލަނީ، 'ބޭބޭ، އަހަރެންގެ އަދިވެސް ފުރާނަ އެބަހުރިހޭ'. އެ ކުއްޖާފުޅަށް ހީވަމުން ދިޔައީ އޭނާވެސް މަރުވީއޭ، އަނެއް ދުނިޔެއަށޭ ދެވިގެން މިއުޅެނީ... އެހެންނު ވާނީ، ފެންނަމުން ދިޔަ މަންޒަރުތަކަކީ ބަޔަކު ދިރިއުޅޭ ތަނަކުން ފެނިދާނެއޭ ހީވެސް ނުކުރެވޭ ކަހަލަ މަންޒަރުތަކެއް ވިއްޔާ!ޑރ މުޙައްމަދު ސަލީމު ނަމޫރު؛ ކެމިކަލް ހަތިޔާރުގެ ޝިކާރައަކަށްވީ މީހުންގެ ޖަމިއްޔާގެ ޗެއަރމަން
ސޫރިޔާގެ ރައްޔިތުން ހޯދަން އުޅެނީ އިންސާފެވެ. ފަހަރެއްގައިވެސް ބައެއްގެ ކިބައިން ބަދަލެއް ހިފަނީއެއް ނޫނެވެ.
އަހަރެން ބުނަން މި އުޅޭ ވާހަކައަކީ، މުޖުރިމުން ޖަވާބުދާރީ ކުރުވަން އަހަރެމެން މި އުޅެނީ ކޮންމެހެން ބަދަލަށް ބަދަލު ހިފާކަށް ނޫނޭ. މީ ސުލްޙައަށްޓަކައި ހޯދާ އިންސާފު. އިންސާފު ޤާއިމު ކުރުމަކާ ނުލާ، އަންނަން އޮތް ޖީލުތަކަށް ސުލްޙައާއި ސަލާމަތްތެރިކަން ފޯރުކޮށްދެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ޖަވާބުދާރީ ކުރުވުމާނުލާ، އިންސާފު ޤާއިމެއް ނުކުރެވޭނެ. އަހަރެން ބުނަން ބޭނުންވާހާވެސް ވާހަކައަކީ، ބައިނަލްއަޤުވާމީ ޤާނޫނާއި ޢަދުލުއިންސާފު، އޭގެ ޒާތުގައި ހިނގިޔަ ދޭށޭ.ޑރ މުޙައްމަދު ސަލީމު ނަމޫރު؛ ކެމިކަލް ހަތިޔާރުގެ ޝިކާރައަކަށްވީ މީހުންގެ ޖަމިއްޔާގެ ޗެއަރމަން
އިންޓަރނޭޝަނަލް އިމްޕަރޝަލް އެންޑް އިންޑިޕެންޑަންޓް މެކޭނިޒަމް (އައިއައިއައިއެމް)އިން ބުނާ ގޮތުގައި، ސޫރިޔާގެ ހަނގުރާޟައާ ގުޅިގެން ކުރިއަށް ދާ 200 އެއްހާ ތަޙުޤީޤުގެ ތެރެއިން، ކެމިކަލް ޙަމަލާތަކާ ގުޅިފައި ވަނީ އޭގެ ތެރެއިން ވަރަށް މަދު ޢަދަދެއްގެ ކޭސްތަކެކެވެ. 200 އެއްހާ ތަޙުޤީޤު ތެރެއިން ގިނަ ކޭސްތައް ކުރިއަށް ގެންދަނީ ވިލާތުގެ ޤައުމުތަކުގައެވެ. އައިއައިއައިއެމްއަކީ، ސޫރިޔާގައި ހިންގާފައި ވާ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމަށް، އދއިން މަތިކޮށްފައި އޮތް އިދާރާއެވެ.