ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 14:55
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ރާއްޖެއެމްވީ
ގައުމީ ޗާޕުހާނާ އަލުން އިޔާދަ ކުރުން
ކުރިއަށް އޮތްތަނުގައި ފޮތެއް ލިޔުމަށްފަހު ފޮތް ޗާޕުނުކުރެވިފައި ހުންނާކަށް ނުޖެހޭނެ: ވަޒީރު އާދަމް ނަސީރު
ކުރިއަށް އޮތްތަނުގައި ދައުލަތުން ފޮތް ޗާޕުކޮށްދޭނެ
ފޮތް ލިޔަން ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ފަހިކޮށްދޭނެ

ކުރިއަށް އޮތްތަނުގައި ފޮތެއް ލިޔުމަށްފަހު ފޮތް ޗާޕުނުކުރެވިފައި ހުންނަން ނުޖެހޭނެ ކަމަށާއި، ގައުމީ ޗާޕުހާނާ އަލުން އިޔާދަކުރެވިގެންދާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ ދިވެހި ބަހާއި، ދިވެހިންގެ ގައުމިއްޔަތާއި، ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ގައުމިއްޔަތު ދިރިއުވާ އާލާކުރުވުމަށް ކުރިއަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ބައެއް މަސައްކަތްތައް ހަފްތާ 14 ގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގައުމީ ޗާޕުހާނާ އަލުން އިޔާދަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއާއި ބެހޭ ގޮތުން ބޭރުގެ ލިޔުންތެރިން ބައެއް ލިޔުންތައް ލިޔުއްވާފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދިވެހިން ރާއްޖޭގެ ޗާޓަރުތައް ކުރަހައިގެން އުޅުނުކަމާއި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އިލްމު ދިވެހިންގެ އަތުގައި ހުރިކަމަށް ބޭރުގެ ލިޔުންތެރިން ލިޔުއްވާފައިވާ ކަމަށެވެ. މީގެން ބައެއް އެއްޗެހި ގެއްލުނު ނަމަވެސް އަދިވެސް ބައެއް ކުރީގެ ބޭފުޅުންގެ އަތުގައި މިފަދަ މުހިންމު ލިޔުންތައް ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިފަދަ ލިޔުންތައް ޗާޕުވާންޖެހޭ ކަމަށާއި، ދިވެއްސެއް ފޮތެއް ލިޔުމަށްފަހު ފޮތެއް ޗާޕުނުވެ ހުންނަން ނުޖެހޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދައުލަތުން ފޮތް ޗާޕުކޮށްދޭނެ ކަމަށާއި، ގައުމީ ޗާޕުހާނާގެ އެންމެ ބޮޑު ބޭނުމަކީ ފޮތްތައް ޗާޕުކޮށްދިނުން ކަމަށެވެ. ފޮތް ލިޔަން ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަފްތާ 14 ގައި އެކަމެއް ކުރުން އަޅުގަނޑުމެން ފަށަންޖެހޭ މަސައްކަތެއް. އެއީ ގައުމީ ޗާޕުހާނާ އަލުން އިޔާދަކުރުން. ގައުމީ ޗާޕު ހާނާ އަލުން އިޔާދަކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގައުމީ ސިޔާސަތުގެ ސަތައްވުރުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް. މިކަން މިމުހިންމު ވަނީ ކޮންމެ މީހެއްގެ އޮންނާނެ އެމީހެއްގެ އަމިއްލަ ތަރީހެއް. ކޮންމެ އަވަށެއްގެ ތަރީހެއް އޮވޭ. ކޮންމެ ގެއެއްގެ ތަރީހެއް އޮވޭ. ކޮންމެ އަވަށެއްގެ ތާރީހު ކޮންމެ ރަށެއް، ކޮންމެ އަތޮޅެއް. މިހެންގޮސް ރާއްޖޭގެ ތާރީހު މިއަންނަނީ މާފަށޭ. އެކަމަކު އަޅުގަނޑުމެންގެ ތާރީހުގެ ތެރެއިން އަދި އަޅުގަނޑުމެންނަށް ލިޔެވިފައި ގިނައިން ފެންނަން މިހުރީ އަޅުގަނޑުމެން ކަހަލަ ވަކި ކަހަލަ ތާރީހީ. ދިމާވި ބޮޑެތި މައްސަލަ. ބައެއް ކަހަލަ އިލްމުވެސް ހުންނާނެ. ދިވެހިންގެ ބޭސްވެރިކަން، ދިވެހިންގެ ކެއްކުންތައް، އޮނޑިދޯނި ފަހަރު ބަނުން. މިހެންގޮސް މިދެންނެވިހެން 4000 އަހަރު ވަންދެން މިގޮތަށް މިހެން މިއޮތީ ބަޔަކު މިތަން ބެލެހެއްޓީމަ އެނގޭތޯ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ވަޒީރު ވިދާޅުވީ ދިވެހިންގެ ރަންޒަމާން ދިވެހިންނަށް އެނގެން ޖެހޭ ކަމަށާއި، ވާހަކަތައް ފެންނަން ހުންނަންޖެހޭ ކަމަށެވެ. އަދި ދިވެހިން މިސަރަހައްދުގައި ބާރުވެރިވެ މުޅި ކަނޑުގައި އެމީހުންގެ ބާރުވެރިކަން ހިންގާލި ގޮތާއި، އޭގެ ހަގީގަތްތައް ފެންނަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

- ކޮމެންޓް