ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 16:18
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ހޯމް މިނިސްޓްރީ
މިނިސްޓަރ އިޙްސާން
ވިސްނުމަކީ ޔުނީފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން: މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު
ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތަށް ދެމެހެއްޓުމަކީ މުހިންމު ކަމެއް

ވިސްނުމަކީ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ޔުނިފޯމް ހުރިހާ މުއައްސަސާއެއްގެ އަސާސީ ތަމްރީނަކީ އެއް ތަމްރީނަކަށް ހެދުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢަލީ ޢިޙްސާން މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެން އޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެ ތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާ ދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހެދުން ކަމަށް މިނިސްޓަރ ޢަލީ ޢިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަސާސީ ތަމްރީނަށްފަހު ކޮންމެ މުއައްސަސާއެއްވެސް އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ޚާއްސަ ތަމްރީނު އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުމަކީ އަމާޒެއް ކަމަށެވެ.

Advertisement

އަސާސީ ތަމްރީނު ފުރިހަމަ ކޮށް ހުވާ ކުރި ޕްރިޒަން އޮފިސަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރ ޢިޙްސާން ވިދާޅުވީ ކުރައްވާ ހުވާ އަކީ ގައުމީ ޚިދުމަތަށް ނުކުމެ ކުރައްވާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް ކަމަށާއި، ހުވާ ކުރަނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ.

ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ތަމްރީނުކުރެވި ހުވާ ކުރުމާ ހިސާބަށް އެސިފަތައް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެސިފަތައް އެމީހާ ގައިން ނެއްޓިގެންދާތަން ބައެއްފަހަރު ފެނިގެންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކިތަންމެވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި މި މުއައްސަސާގައި އޮންނަން ބޭނުންވިއަސް، ގަބޫލުކުރަންޖެހޭ ހިތާމަވެރި ހަގީގަތަކީ މުއައްސަސާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައެޅިފައި ހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައި ތަމްރީނު ކުރެވި ހުވާކުރެވިފައި ތިބޭ އޮފިސަރުންގެ އެ ހުވަޔާއި ޚިލާފަށް އެބޭބޭފުޅުން ބޭނުންކުރައްވައިގެން އުސޫލުތައް ނައްތާލުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާޚިލީ ސަލާމަތަށްވެސް ބުރު އަރާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ .މިނިސްޓަރ ވަނީ އެފަދަ ކަމެއްގައި ޕްރިޒަން އޮފިސަރުން ބައިވެރި ނުވުމަށް ނަސޭހަތްތެރި ވެވަޑައިގެންފައެވެ.

Advertisement

Advertisement
- ކޮމެންޓް