ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 16:15
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ކުރީގެ ރައީސް އަބްދުﷲ ޔާމީނު
ޕީޕީއެމް
ރައީސް ޔާމީން އުފައްދަވާ އައު ޕާޓީ
އައު ޕާޓީގެ ނަމާއި ލޯގޯ ހާމަކުރައްވާނީ ރައީސް ޔާމީން
އައު ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަނީ އާދިއްތަ ދުވަހު

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު، އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން، އުފައްދަވާ އައު ޕާޓީގެ ނަމާއި ލޯގޯ ހާމަކުރައްވާނީ އެމަނިކުފާނު ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ އައު ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު ކަމަށެވެ. އަދި އެއަށްފަހު އައު ޕާޓީގެ ނަމާއި ލޯގޯ ރައީސް ޔާމީން ހާމަކުރައްވާނެ ކަަމަށެވެ.

ރައީސް ޔާމީންގެ އައު ޕާޓީގެ ލޯގޯ ކަމަށް ބުނެ ދައުރުވާ ލޯގޯ އަކީ ރަނގަޅު ލޯގޯއެއް ނޫން ކަމަށް މަލީހު ވިދާޅުވިއެވެ. އެ ޕާޓީއަށް ވަނުމުގެ ޝައުގުވެރިކަން ހުރި ހުރިހާ މީހުންގެ ލިސްޓް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެންމެ އަވަސް މުއްދަތެއްގެ ތެރޭގަައި ޕާޓީއެއް އުފެއްދުމުގެ ރިކޯޑް ހެދުމަށް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement

ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ހުކުމް ތަންފީޒު ކުރަމުންގެންދާ މީހަކަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެފަދަ ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެއެވެ.

ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވިއިރު ފަހުން އެމަނިކުފާނު ވަނީ ޝަރުުތުތަކާއެކު ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެހެންކަމުން ރައީސް ޔާމީނަށް ސިޔާސީ މަސައްކަތްތަކުގައި މިވަގުތު އުޅުއްވުމަށް ހުރަހެއް އެބައޮތްތޯ ރާއްޖެއެމްވީން ސުވާލުކުރުމުން މަލީހު ވިދާޅުވީ ސިޔާސީ އެއްވެސް މަސައްކަތެއްގައި ރައީސް ޔާމީން އުޅުއްވުމަށް ޤާނޫނީ އެއްވެސް ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެެވެ.

މަލީހު މިފަދައިން ވިދާޅުވިނަމަވެސް ޖަލުތަކުގެ ޕެރޯލް ޤާނޫނާ ޚިލާފުވަމުންގެންދަވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ މީގެކުރިން އިންޒާރު ދީފައެވެ. ކަރެކްޝަންސް އިން އޭރު ބުނީ ޔާމީނާއެކު ވެފައިވާ އިގުރާރާ ޚިލާފަށް އަމަލުތައް ބަހައްޓަވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އިގުރާރާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނަށް އިންޒާރު ދީފައިވާނެ ކަމަށާއި އެކަން ތަކުރާރު ކުރައްވާނަމަ އިގުރާރު ބާތިލު ކުރެވޭނެ ކަމަށް ވެސް ޔާމީނަށް އަންގާފައިވާނެ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް