ޑރ މުހައްމަދު މުއިއްޒު ކެމްޕޭނުގައި ވިދާޅުވަމުން ގެންދެވީ ރާއްޖެއަށް ހަގީގީ މިނިވަންކަން ހޯދައިދިނުމަށްޓަކައި ވެރިކަން ބަދަލުކުރަންޖެހޭ ކަމަށެވެ. ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދެއްވާނީ ތިމަން މަނިކުފާނޭވެސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ.
ސަރުކާރުން ޤައުމުގެ މިނިވަންކަން ނަގާލައި، އެހެން ބައެއްގެ އަޅުވެތިކަމަށް ޤައުމު ވައްޓާލާފައިވާކަމަށް ބުނެ އޭރު ވެރިކަން ބަދަލުކުރަން ނުކުތް މީހުންވެސް ބުނަމުންދިޔައީ، ގައުމު ވެއްޓިފައިވާ އަޅުވެތިކަމުން މިނިވަންކޮށް، ގައުމު ކޮޅަށް ޖެހޭނީ ޑރ މުޙައްމަދު މުއިއްޒަށް ކަމަށެވެ.
އެއާއެކު، އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖޭގައި ހާހުން ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭރުކުރާ މަންޒަރު ބަލާށެވެ.
މިއޮތީ ގައުމަށްޓަކާއި ތެދުވާންވީ ވަގުތު ޖެހިފައި. މިއަދު އަޅުގަނޑުމެން ނުތެދުވެއްޖިއްޔާ މާދަމާ ތެދުވާނެ ރާއްޖެއެއް ނޯންނާނެ. އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެން އަނބުރާ ހޯދަންޏާ، ލިބޭ ފުރުސަތު މިއޮތީ ދާދިި ކައިރީގައި. 30 ވަނަ ދުވަސް ދެވަނަ ފަހަރަކަށް އަނބުރާ ނާންނާނެޑރ މުއިއްޒު ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅު
ހަމައެއާއެކު، އުތުރުތިލަފަޅުގެ އެއްބަސްވުމެއްގައި ޖެހި ނިމިދިޔަ ސަރުކާރު ބަދަލުކޮށްލަން މަޖުބޫރުވި އެއްބަސްވުން ރަސްމީކޮށް ހާމަ ކުރައްވާ މަންޒަރުވެސް ލަސްތަކެއް ނުވެ ފެންނާނެކަމަށް މީހުން ތިބީ ދެކިގެންނެވެ.
ސަބަބަކީ ނިމިދިޔަ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެއް ސަބަބަކީވެސް އެ އެއްބަސްވުން ހާމަ ނުކުރަން ނިންމީމައެވެ.
އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީން އެކަން ސިފަ ކުރަމުންދިޔައީ އެއީ ޤައުމުގެ މިނިވަންކަން ނަގާލާވަރުގެ އަޑިނޭނގޭ އެއްބަސްވުންތަކެއްގެ ގޮތުގައެވެ. ވޯޓު ހޯދީވެސް އެ ވާހަކަ ރައްޔިތުންގެ ބޮލަށް ވައްދައިގެންނެވެ.
އަޅުގަނޑުމެން އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް މި ގައުމުގެ ފަސްގަނޑުގައި ތިބެން ބޭނުމެއް ނުވޭ. އެކަން ސާފު. އެއީ އިންޑިއާތޯ، ނޫނީ އެހެން ގައުމެއްތޯ ބެލުމެއް ނެތް. މިވަގުތު ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި، އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ޔަގީންކޮށްދޭ. އެ މީހުން އެބަތިބި. އެކަމަކު އެބުނަނީ އޮފިސަރުން ތިބީ އެހެން ބޭނުމެއްގަ އޭ.ޑރ މުއިއްޒު ކެމްޕޭނުގައި ދެއްކެވި ވާހަކަފުޅު
ވީއިރު، އެފަދަ އަޑިނޭނގޭ، ޤައުމަށް އެހާ ބޮޑު ނުރައްކަލެއް އޮތް އެއްބަސްވުމެއް ހާމަ ކުރައްވަން ޑރ މުއިއްޒު ޖެހިލުންވެވަޑައިގެން ނުވާނެއެވެ. ނަމަވެސް އަދި ފެންނަމުން މިދަނީ އެ މަންޒަރެއް ނޫނެވެ.
އެންމެ ފަހުން އިވިގެން ދިޔަ ޚަބަރަކީ ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރައި އެގައުމަށް ގެންގޮސްދެއްވުމަށް އެދި އިންޑިޔާގެ ސަރުކާރުގައި ރަސްމީގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ޚަބަރެވެ.
ކަންވީ ގޮތް އޮޅުން ފިލުވާލިއިރު، ރައީސް މިފަދައިން އެދިވަޑައިގެންނެވީ އިންޑިއާގެ މިނިސްޓަރ އޮފް އާތް ސައިންސެސް ކިރެން ރިޖިޖޫއާއެކު ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައެވެ.
އެހިސާބުން އެންމެންވެސް އުފައްދަމުންދާ ސުވާލަކީ، ވެރިކަން ލިބި، ބާރުތައް ލިބުމުން، މި ފެންނަނީ ކޮން މަންޒަރެއްބާއެވެ؟
މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ފަވާލެއްވުމަކީ މިނިވަންކަމަށް އޮތް ކޮންމެ ހުރަހެއް ވަގުތުން ވަގުތަށް ނައްތާލުން ނޫންބާއެވެ؟ އެވަރުގެ ކަމެއްގައި ސަރުކާރުން އެހާ ބޮޑަށް ފަހަތު ފަޔަށް މި ބުރަވަނީ ކީއްވެބާއެވެ؟
ރާއްޖޭގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ މިންވަރަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އުޅެމުންދާނަމަ، އެކަން ދަންނަވާނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އާތު މިނިސްޓަރުގެ އަރިހުގައިބާއެވެ؟
އެވަރުގެ ހައްސާސް ކަމެއްގައި ވަގުތުން އިންޑިއާ ސަރުކާރާއި، ދިފާއީ ވުޒާރާ، އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އިސް ކޮމާންޑަރުންނަށްވެސް އަންގަންޖެހޭ އެންގުންތައް އަންގައި، މި ޤައުމުގައި ތިބި ސިފައިން ބޭރުކުރަންވާނެނޫންތޯއެވެ؟
ވެރިކަން ބަދަލުކުރަން ދެއްކި މައިގަނޑު އެއް ސަބަބަކީ ހަނިމާދޫއާއި، އައްޑޫއާއި، ދެންވެސް އެކި ކަންކޮޅުތަކުގައި އުޅެނީ ހަތިޔާރާއެކު ޙަރަކާތްތެރިވާ އިންޑިއާ ސިފައިންކަމެވެ.
އެހެންކަމަށްވާނަމަ، އެ ވާހަކަ ދެއްކި ބައެއްގެ އަތްމައްޗަށް ވެރިކަން އައުމުން، ފުރަތަމަވެސް ކުރައްވާނެ ކަމަކީ އެކި ކަންކޮޅުތަކުގައި ތިބި އެ ބުނާ ހަތިޔާރު އެޅި ސިފައިންނެއް ވަގުތުން ވަގުތަށް ޤައުމުން ފޮނުވާލުންތާއެވެ.
ފުރަތަމަ ދުވަހު ކުރައްވާނެކަމަށް ހީކުރި މި މުހިއްމު މަސައްކަތް ހަފްތާއަކަށް ބަދަލުވެ، އެކަން މަސްތަކަކަށްވެ، އަހަރުތަކަކަށްވާތަން ބަލާކަށް ރައްޔިތުންނެއް ބޭނުމެއް ނުވާނެއެވެ.
ހަމަ ޔަގީނުން ވެސް، [އުންމީދަކީ] ފުރަތަމަ ހަފުތާގެ ތެރޭގައި އެކަން ކުރެވެން އޮތް ނަމަ، އެ މުއްދަތުގައި އެކަން ކުރުން. އެހާ ވެސް ސީރިއަސް މި މައްސަލަ އަޅުގަނޑުމެންނަށްއިންތިޚާބުވެވަޑައިގެންނެވުމަށްފަހު ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅު
ހަގީގަތަކީ، ގައުމީ ސަލާމަތާއި މިނިވަންކަމާ ގުޅުވައި އޭރު ދެއްކެވިހާ ވާހަކަތައް އަދިވެސް ދިވެހިންގެ ހަނދާނުގައި އެބަހުއްޓެވެ. އެކަންކަމަށް މިއަދުގެ ސަރުކާރުން ސާފުކޮށް ޖަވާބުދާރީވާންޖެހޭނެއެެވެ.
އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ ނަމަ، އަޅުގަނޑުމެންނަށް މިނިވަންކަމާއި، އިސްތިޤުލާލު ގެއްލިދާނެކަމުގެ އިޙްސާސް ކުރެވޭއިންތިޚާބުވެވަޑައިގެންނެވުމަށްފަހު ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅު
އޮޅުވާލައްވަނީ ކޮން ބަޔަކަށްތޯއެވެ؟ މިނިވަންކަމަށް ނުރައްކާވާ ގޮތަކަށް ހަގީގަތުގައިވެސް އަސްކަރީ އެއްބަސްވުންތަކެއް ހެދިފައިވޭތޯއެވެ؟ ވާނަމަ އެ އެއްބަސްވުންތައް އުވާލައްވަން އެހާ ވަގުތު ނަންގަވައިގެން ނުވާނެ ނޫންތޯއެވެ.