އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި އަސްކަރީ ހަމަލާތަކަށް ފަސް ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ވަށާލާފައިވާ ފަލަސްތީނުގެ އެންކްލޭވްގެ ގިނަ މަގުތައް މިހާރު ސިފަވަނީ ގަބުރުސްތާނުތަކެއްގެ ގޮތުގައެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި އެތައް ސަތޭކަ ބައެއްގެ ހަށިތައް ވަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުގައެވެ. އެހަށިތައް ނަގައި ވަޅުލެވޭނެ ފަދަ ހިތްވަރެއް މިހާރަކު ފަލަސްތީނުގެ ރައްޔިތުންގެ ނެތެވެ.
އިސްރާއީލްގެ ރަޙްމްކުޑަ ލާއިންސާނީ އުދުވާން ތަކުގައި ގާތްގަނޑަކަށް 2،700 އެއްހާ މީހުން މިހާތަނަށް ވަނީ ގެއްލިފައެވެ. ހަލާކުވެފައިވާ އިމާރާތްތައް ކައިރީގައި އެ އާއިލާތަކުން، އެމީހުންގެ ގާތްތިމާގެ މީހުންގެ ހަށިތައް ހޯދުމުގެ އުއްމީދުގައި، އަތްފުނާއަޅަނީއެވެ. އިމާރާތުގެ ބައިތައް ނަގައި ގާކުނޑިތަކުގެ ތެރެއަށް ފީނޭނެ ފަދަ ވަސީލަތްތެއް ނެތެވެ. އެ ނިކަމެތި ރައްޔިތުން ތިބީ ހުސް އަތްތާއެވެ. ރޮއިއާދޭސްކުރަނީ ދީލަތި އެހީތެރިކަމަކަށެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ޓީމްތައްވެސް އެ ސަރަޙައްދުގައި މަދުންނަމަވެސް ހަރަކާތްތެރިވާތަންވެސް ފެނެއެވެ. ނަމަވެސް ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހަލާކުވަމުންދާ އިމާރާތްތަކުގެ މިންވަރުގެ އިތުރުވުމުގެ ސަބަބުން މަރުވި މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބުރޫ އަރާފައެވެ. އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން މުޅި އަވަށްތައް، ހާއްސަކޮށް ޣައްޒާގެ އުތުރުގެ އަވަށްތައް ވަނީ ފުނޑުފުނޑުވެ، ސުންނާފަތި ވެފައެވެ. ވަރަށް މަދު އިމާރާތްތެއް ނޫނީ މިހާރު ވަނީ ބިމާ ހަމަކޮށްލާފައެވެ.
އިސްރާއީލުގެ ލޮކްޑައުންގެ ސަބަބުން އެންމެ އަސާސީ ތަކެތި ވެސް ޣައްޒާއަށް އެތެރެކުރުން ވަނީ މަނާވެފައެވެ. ޚާއްޞަކޮށް ތެލުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން މަދަނީ ދިފާއީ އަދި އިމަޖެންސީ ކްރޫންނަށް ބުލްޑޯޒަރު ފަދަ މަސައްކަތް ކުރާ ހެވީ އިކުއިޕްމަންޓްތަކުގެ ބޭނުމެއް މިހާރަކު ނުހިފެއެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 12،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 1،500 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ. ނަމަވެސް މަރުވާ މީހުންގެ ހަގީގީ އަދަދު ކަށަވަރު ވެފައި ނުވަނީ ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި ގިނައަދަދެއްގެ މީހުން ވަޅުލެވިފައި ވާތީ އެވެ.
އިސްރާއީލުން ޣައްޒާ ބޮޑު ގަބުރުސްތާނަކަށް ބަދަލުކޮށް، ނުހައްގުން ހަމަލާތައް ދީ، އިންސާނީ ވަސީލަތްތައް ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ.
އދ.އާއި ބައިނަލް އަޤުވާމީ އެފަދަ ޖަމާޢަތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް އެތައްފަހަރުވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.