ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 12:20
ހައުސިންގ މިނިސްޓްރީ
ހައުސިންގ މިނިސްޓްރީ
މިހާރު
ފްލެޓް ދޫކުރުން ހުއްޓާލުން
އޭސީސީން ވަކި ގޮތެއް އަންގަންދެން ފްލެޓް ދޫކުރުން މިނިސްޓްރީން ހުއްޓާލައިފި
ބުދަ ދުވަހުގެ ރޭ ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ވަނީ ނަގާފައި
ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގާފައިވަނީ މިމަހުގެ 15 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި
ވަކި ގޮތެއް އަންގަންދެން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް ވަނީ އަންގާފައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގާފައިވާތީ އެ މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް މި ވަގުތު ކުރިއަށް ނުގެންދިޔުމަށް އޭސީސީން މިނިސްޓްރީއަށް އަންގާފައިވާތީ މި ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން އޭސީސީ ވަކި ގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ފްލެޓުތައް ދޫކުރުން ހުއްޓާލުމަށް އޭސީސީން އަންގާފައިވަނީ މިމަހުގެ 15 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭސީސީން ބުނީ މައްސަލައާ ގުޅިގެން ކޮމިޝަނުން ބެލިބެލުމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން ވަނީ އަންގާފައެވެ.

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލާފައިވާއިރު، ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ވެސް ވަނީ ނަގާފައެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ، ލިބޭނީ ދެމަފިރިންނަށް 1 ފްލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފްލެޓް އެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 8000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 6000 ރުފިޔާއެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފްލެޓް ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަސް ނުވަތަ 25 އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް