ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 19:35
މަޖިލިސް
މަޖިލިސް
ބަޖެޓުގެ މަސައްކަތް
މިއަދު ބަޖެޓު މުހިންމެއްނުވި - ބަޖެޓު ހުށަހަޅުއްވަން ޖެހިވަޑައިގަތީ މެމްބަރުންގެ ގަދަ އަޑުފުޅުގެ ތެރޭގައި
ބަޖެޓް ހުށަހެޅިއިރު ޑިމޮކްރެޓްސްގެ މެމްބަރުން ގެންދެވީ އަޑުގަދަކުރައްވަމުން
އަމީރަށް ޑިމޮކްރެޓްސްއިން ވަނީ ފާޑުކިޔާފައި
ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓުވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައި

އިހަށްދުވަހު ދެއްކެވީ ކޮންމެހެންވެސް ބަޖެޓުގެ މަސައްކަތް ކުރަންޖެހޭ ވާހަކައެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވަންވާނެކަމުގެ ވާހަކައާއި، ބަޖެޓު ފާސް ނުކުރެވިގެން އާއްމުން ބިކަވާ ވާހަކައެވެ. ބަޖެޓް ފާސްނުވެ ލަސްވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫންކަން ގައިމެވެ. ނަމަވެސް އިއްޔެ އެ ބަޖެޓެއްގެ މަސައްކަތް މުހިންމުވެގެން ބައިގަޑިއިރުން ބައިގަޑިއިރުން ކޯރަމް ބެލް ޖައްސަވައި، ނަމަވެސް އަހަންމިއްޔަތުކަން ދެއްވި ބަޖެޓް ހުށަހެޅުއްވިއިރު އެ ބަޖެޓް ހުށަހަޅަން ފުރުސަތު ނުދޭން މަސައްކަތްކުރެއްވިއެވެ.

މިހެން މިކަން ވުމުން، އިއްޔެ ބަޖެޓް ހުށަނޭޅިގެން ކަަމަށް ވިދާޅުވެ އެ ދެއްކެވި ވާހަަކަފުޅުތަކުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން، މަޖިލީހުގެ ހިންގުމަށް ގޮންޖައްސަވައި އަޑު ގަދަކުރެއްވި މަންޒަރު މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވާނީ ދެކެފައެވެ. އަދި އަމީރު ވަނީ މަޖިލީހުގެ އިމްތިޔާޒު ނަންގަވާލައްވާފައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ޝަރީއަތަށް ފޮނުވަން ގޮވާލައްވަމުން ގެންދެވިއިރު، އިއްޔެ ބަޖެޓުގެ މަަސައްކަތް ކުރިއަށްދިޔަނަމަ އެ ބަޖެޓް ހުށަހަޅުއްވާނީވެސް ހަމަ މިނިސްޓަރު އަމީރެވެ.

އެެހެންނަމަވެސް އިއްޔެ، އަމީރު ގާނޫނާ ޚިލާފުވެވަޑައިގެންނެވި ވާހަކަ ވިދާޅުވެފައެއް ނެތެވެ. މަޖިލީހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އަމީރު ޝަރީއަތަށް ފޮނުވަންޖެހޭ ކަމަށް ވިދާޅުވުމާއެކު، އެ ވާހަކަ ޑިމޮކްރަޓްސްގެ އެހެން ބޭފުޅުން ހަރުއަޑުފުޅުން ވިދާޅުވާން ފެއްޓެވިއެވެ. އަމީރު މަޖިލީހަށް ވަޑައިގެން، ޖަލްސާ ފެއްޓެވުމާއެކު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، އަމީރު ގާނޫނާ ޚިލާފުވެވަޑައިގެންނެވި ކަމަށްވެސް ވިދާޅުވެފައެވެ. އަމީރަށް ފާޑު ވިދާޅުވެ، އަމީރު ވާހަކަދައްކަވަން އިން މައިކު ދުރަށް ޖައްސަވަންވެސް މަސައްކަތްކުރެއްވިއެވެ. މުޅި ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތް ކުރިއަށްދިޔައިރުވެސް، މެމްބަރުންގެ ހަޅޭއްޕުޅުގެ އަޑު ނުކެނޑޭކަން ފާހަގަކޮށްލެވެއެވެ.

ބަޖެޓް ހުށަހަޅުއްވަން މަޖުބޫރުވެވަޑައިގަތީ، ހައެއްކަ މެމްބަރުންގެ ހަޅޭއްޕުޅާއި އަޑުގަދަކުރެއްވުމުގެ މާހައުލެއްގައެވެ. އިއްޔެ ކޯރަމް ހަމަކުރައްވައިގެން، ބަޖެޓުގެ މަސައްކަތް ކުރިއަށްގެންދެވުމަށް ގާނޫނީގޮތުން ބޮޑު ޒިންމާއެއް އޮތްކަމަށް ވިދާޅުވި، މަޖިލީހުގެ ނައިބު ރައީސްވެސް ހުންނެވީ މި ބޭފުޅުންނާ އެކުގައެވެ. ތަކުރާރުކޮށް ނިޒާމީ މައްސަލަތައް ނަންގަވައިގެން ބަޖެޓުގެ މަސައްކަތަށް ހުރަސްއަޅުއްވަން މަސައްކަތް ކުރެއްވިއެވެ. ބަޖެޓު ވިދާޅުވެ ނިންމަވާލެއްވީ މެމްބަރުންގެ ސިޔާސީ ފާޑު ވިދާޅުވުންތަކާއެކުގައެވެ. މިއަދު، ބަޖެޓް އާއްމުންނަށް ސާފުކޮށް އިވުމަކީ މުހިންމު ކަމަކަށް ދެކެވަޑައެއްނުގައެވެ. ބަޖެޓުގެ މަސައްކަތް ލަސްވެދާނެތީވެސް ފަރުވާލެއް ނެތެވެ. އެހެންވީމައި އިއްޔެވެސް އަދި މިއަދުވެސް އަމަލުކުރައްވަނީ ސިޔާސީ ފޯރި ހުންނަ ގޮތަކަށްކަމާމެދު ސުވާލު އުފެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް