Advertisement
ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 10:39
ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ގަވާއިދާއި ޚިލާފަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޭރުކޮށްލައިފި
ނަޝީދު ވަކިކުރުމުގެ މައްސަލައިގައި ގަރާރެއްގެ ސިފަ ނެތް ކަމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުން
އަފީފަށް އެ މައްސަލަ ބޭރު ނުކުރެއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވޭ
އެ ގަރާރު ބޭރުކޮށްލުމުން އެމްޑީޕީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައި

ޤަވާއިދާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެ މައްސަލަ ބޭރުކޮށްލީ ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ނިންމުމަށް ފަހުގައެވެ. އެހެން ނަމަވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް އެ މައްސަލަ ބޭރު ނުކުރެއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް ވިދާޅުވެފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.

އަފީފް މި ފަދައިން އަމަލުކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި, ގަރާރެއްގެ ސިފަ ނެތް ކަމަށް ފާހަގަކުރައްވާ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ ބަލައިގަތުމަށް ފަހުގައެވެ. އާޒިމް އާއި ޑިމޮކްރެޓްސްގެ އެހެން މެންބަރުން ވަނީ މައްސަލައިގައި ދީބާޖާ ހަމަނުވާތީ އެ މައްސަލައިގައި ގަރާރެއްގެ ސިފަ ނެތް ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހަޅާ ގަރާރާއި އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ތަފާތުކަން އެހެން ބައެއް މެންބަރުން ގެންދެވީ ފާހަގަކުރައްވަމުންނެވެ.

Advertisement

މީގެއިތުރުން އަފީފް ވަނީ މަޖިލީހުގެ ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލާއިރު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީސް ހުއްޓުވާފައި އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމާއި ގުޅިގެން ވެސް ކަންތައްތަކެއް ބަދަލުވެގެން ގޮސްފައިވާ ކަަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައި މީގެ ކުރިން ބުނެފައި ވަނީ ހުށަހަޅާފައިވާ މަޖިލީހުގެ ރަައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު، ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށެވެ. އެހެންކަމުން ކުރިން އެގޮތަށް އަމަލުކުރި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާއެކު އެކަން ބަދަލުވެފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.

މެންބަރު އަފީފް ވިދާޅުވީ އެހެން ހުރިހާ މާއްދާތަކާއި ގުޅިގެން ނޫނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ. އަދި އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަލަ ބަލައިގަންނަން އަފީފް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހެޅީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށް ކަމަށް ވިދާޅުވެ، އެ ގަރާރު މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލައްވާފައެވެ. އަދި އަލުން މައްސަލަ ހުށަހަޅުއްވަން އަފީފް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެ ގަރާރު ބޭރުކޮށްލުމުން އެމްޑީޕީގެ މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް