ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 13:11
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރި ހުކުމަކީ ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދިން ހުކުމެއް - އެމްޑީޕީ
މީގެ ކުރިން، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށްފަހު ތަފާތު 5 ފަހަރެއްގެ މަތިން މި މައްސަލަ އެޖެންޑާކުރި
އެ މައްސަލަ އެޖެންޑާކޮށްފައިވަނީ ނޮވެމްބަރު މަހުގެ 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށް
ގަރާރު ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ، މަޖިލީހުގެ ގަވައިދު މާނަކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދިނުމަށާއި މިރާއްޖޭގައި މި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޕާޓީން އެދުނު ގޮތަށް އެކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ޙުކުމާއި ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ.

އެމްޑީޕީގެ ފަރާތުން ދިވެހި ދައުލަތަށް ނިސްބަތްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުންނާއި މަޖިލީހުގެ އިދާރާއިން މަޖިލިސް ހުއްޓުވާފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވާ އެ ޕާޓީން އެދިފައިވާ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިޖީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެކަމަށްޓަކައ،ި އެ ޕާޓީގެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއ،ި ޕާޓީގެ އެންމެހައި ލޮބުވެތި މެންބަރުންނަށް މަރުޚަބާ ކިޔާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް އެ ޕާޓީން ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި އެ ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ އުންމީދަކީ، ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އެއްވެސް ފަރާތަކުން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެފަދައަކުން ކަންކަން ނުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ އެންމެހައި ޙައްޤުތަކަށް ރައްކާތެރިވުމަށާއި ޤާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބޭނެ ކަމުގައާއި އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އެ ޕާޓީގެ ފަރާތުން ވަނީ ދީފައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމްކުރުމާއެކު، އަނެއްކާވެސް އެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

އެ މައްސަލަ އެޖެންޑާކޮށްފައިވަނީ ނޮވެމްބަރު މަހުގެ 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00ށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ތަފާތު 5 ފަހަރެއްގެ މަތިން މި މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މަޖިލިސް ކުރިއަށް ނުގެންގޮސް، މަޖިލީހުގެ ޖަލްސާތަކެއް ކެންސަލްކުރަމުންދާތީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ބުރާސްފަތި ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާފައިވަނީ، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުން ވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށާއި، ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތެއްގައިވެސް ހިނގާނެ މާއްދާއެއް ކަމަށް ނިންމަވާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅީ 49 މެންބަރުންގެ ސޮޔާއެކު، ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް