ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 07:06
އިސްރާއީލް ސިފައިން ޣައްޒާއަށް އަރާ ދެމުންދާ ހަމަލާތައް
އިސްރާއީލް ސިފައިން ޣައްޒާއަށް އަރާ ދެމުންދާ ހަމަލާތައް
ރޮއިޓާސް
4 ގަޑިއިރަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވުން
ޣައްޒާއަށް ދޭ ހަމަލާތައް 4 ގަޑިއިރަށް މެދުކަނޑާލަން އިސްރާއީލުން އެއްބަސްވެއްޖެ
އިސްރާއީލުން ބުނީ ކުޑަވަގުތު ކޮޅަކަށްވެސް ހަނގުރާމަ ހުއްޓާނީ އަސީރުން މިނިވަން ކުރުމުން ކަމަށް

އިސްރާއީލުން ފަލަސްތީނުގެ ޢާއްމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އަޑުތައް އިތުރުވަމުން ދާއިރު، 4 ގަޑިއިރަށް ހަމަލާތައް މެދުކަނޑާލަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

އެމެރިކާގެ ވައިޓްހައުސްއާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާއަށް ބޮން އެޅުން ހަތަރު ގަޑިއިރަށް މެދުކަނޑާލަން އިސްރާއީލުން އެއްބަސްވެފައި ވަނީ އިންސާނީ އެހީއާއި އާންމުންނަށް ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ވައިޓްހައުސްއިން މިހެން ބުނި ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ކަމަށް ރޮއިޓާސްއިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ވައުދުނުވާ ކަމަށާއި އެއްބަސްވީ ހަމައެކަނި ހަނގުރާމަތަކުގައި "އޮޕަރޭޝަނަލް އަދި ޓެކްޓިކަލް" މަޑުޖެހުމެއް ގެނައުމަށް ކަމަށެވެ.

ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލަން އިއުލާނު ކުރި ނަމަވެސް، ޣައްޒާގައި ދުވާލާއި ރޭގަނޑު އިސްރާއީލުން ގެންދަނީ ވަރުގަދަ ބަޑީގެ ހަމަލާތަކާއި ވައިގެ ހަމަލާތައް ދެމުންނެވެ. އަމިއްލަ ދިފާޢުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ވެސް ރޮކެޓް ހަމަލާތައް ދެމުން ދާކަމަށާއި، އެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ދެކުނުގައި ތިބި ބަޔަކު އެތަން ދޫކޮށްފައި ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޣައްޒާގައި މިހާތަނަށް 10،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އެތައްހާސް ކުޑަކުދިންނެއް ވެސް ހިމެނެއެވެ. މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލާފައިވީ ނަމަވެސް، އެ މަޖިލީހުން ދެއްކި ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ބައިނަލްއަގްވާމީ ގޮތުން ކުރި މަސައްކަތްތަކާއެކު ވެސް ހަމަނުޖެހުންތައް މަޑުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާއިރު، އިސްރާއީލުން ބުނަމުން ދަނީ ކުޑަވަގުތު ކޮޅަކަށް ވެސް ހަނގުރާމަ ހުއްޓާލުމަށް އޮތް ހަމައެކަނި ފުރުޞަތަކީ ހަމާސްގެ އަތްދަށުވެފައި ތިބި އިސްރާއީލްގެ އަސީރުން މިނިވަން ކުރުން ކަމުގައެވެ. އަދި އަސީރުން މިނިވަން ކުރުމަށްޓަކައި ދައްކަން ޖެހުން ކޮންމެ އަގެއް ދައްކަން އިސްރާއީލް އޮތީ ތައްޔާރަށް ކަމަށާއި، ޣައްޒާއަށް އެއްގަމު މަގުން އަރަން ތައްޔާރުވަމުންދާ ކަމުގައެވެ.

ބައިނަލް އަގުވާމީ މުޖުތަމަޢުއިން ދެކޭގޮތުގައި، މި ހަމަނުޖެހުންތައް މުޅިން ހުއްޓުމަކަށް ގެނައުމަށް ދެ ޤައުމުގެ މެދުގައި އެއްބަސްވެވިގެން ނޫނީ، ކުރިއެރުމެއް ނުލިބޭނެއެވެ. އަދި އިސްރާއީލުން ވަޢުދުވެފައިވާ ކަމަށް އދ.އިން އެ ބުނާ ޙަމަލާތަކަށް ކުޑަ ވަގުތުކޮޅަކަށް ހުއްޓާލުމަކީ، ހަނގުރާމައިގެ ދެފަރާތުގައި ތާށިވެފައި ތިބި ޢާންމުންނަށް މާނަހުރި ލުޔެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް