ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 15:44
އަމާން އުދަރެސް ފްލެޓެއް
އަމާން އުދަރެސް ފްލެޓެއް
ރައީސް އޮފީސް
ގެދޮރުވެރިޔާ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
ފުރަތަމަ 4،000ގައި ހިމެނޭ 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން މަތިން ލިބިފައިވާ މީހުންނަށް
ފުރަތަމަ 4،000ގައި ހިމެނޭނީ 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން މަތިން ލިބިފައިވާ މީހުންނަށް
ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދެއްވުމަށް ރައީސް ވަނީ ނިންމަވާފައި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް، އާންމުކޮށްފިއެވެ.

އެ މިނިސްޓްރީން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ވަނީ، އެ ފްލެޓްތައް ލިބުނު ދާއިމީ ލިސްޓުގެ އިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުން ގެންދާ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައެވެ.

އެގޮތުން އެ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހުންގެ ތެރެެއިން، 3 ކޮޓަރީގެ ފްލެޓް ލިބޭނީ 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ. އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެކަމަށެވެ.

އަދި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން، ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފްލެޓެވެ. ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފްލެޓް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20،000ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއިރު، އޭގެ ތެރެއިން 13،000ށްވުރެ ގިނަ މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް