ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 05:49
އުރުދުންގެ ފޮރިން މިނިސްޓަރ
އުރުދުންގެ ފޮރިން މިނިސްޓަރ
އަލްޖަޒީރާ
އިސްރާއީލުގައި ހުންނަ އުރުދުންގެ ސަފީރު
އިސްރާއީލުގައި ހުންނަ އުރުދުން ސަފީރު އަނބުރާ ގައުމަށް ގެންނަނީ
އުރުދުންގައި ހުންނަ އިސްރާއީލު ސަފީރު އިސްރާއީލަށް ގެންދިޔުމަށް ގޮވާލާފައިވޭ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގެ ސަބަބުން އިސްރާއީލުގައި ހުންނަ އުރުދުންގެ ސަފީރު އަނބުރާ ގައުމަށް ގެނައުމަށް ނިންމާފައިވާކަމަށް އުރުދުން އިން ބުނެފިއެވެ.

އުރުދުންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރުދުންގެ ފޮރިން މިނިސްޓަރ ވަނީ އުރުދުންގެ ސަފީރު އަނބުރާ ގެނައުމަށް ނިންމާފައިކަމަށެވެ. އަދި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ނިކަމެތި ރައްޔިތުންގެ ފުރާނަ ގެއްލިގެންދާތީ އެކަން ކުށްވެރިކުރާކަމަށެވެ.

އަނބުރާ ސަފީރު އިސްރާއީލަށް ދެން ވަޑައިގަންނަވާނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުންކަމަށެވެ. އަދި އުރުދުންގައި ހުންނަ އިސްރާއީލު ސަފީރު އިސްރާއީލަށް ގެންދިޔުމަށްވެސް ވަނީ ގޮވާލާފައެވެ.

އިސްރާއީލާއެކު ބޯޑަރު ހިއްސާކުރާ އުރުދުން އިން އިސްރާއީލާއެކު ސުލްހައިގެ ގުޅުން ގާއިމުކޮށްފައިވަނީ 1994 ވަނަ އަހަރުއެވެ. އެންމެފަހުން އިސްރާއީލުގައި ހުންނަ އުރުދުންގެ ސަފީރު އަނބުރާ ގައުމަށް ގެނެސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެއީ އުރުދުންގެ ދެ ރައްޔިތުން އެއްވެސް ޝަރީއަތްކުރުމެއްނެތި އިސްރާއީލުން ހައްޔަރުކޮށްގެން ގެންގުޅުމާއި ގުޅިގެންނެވެ.

އުރުދުން އިން އަންނަނީ އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް