ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 12:41
އިންޑިޔާގައި ދެރޭލު ޖެހިފައި
އިންޑިޔާގައި ދެރޭލު ޖެހިފައި
އޭއެފްޕީ
އިންޑިޔާގައި ދެރޭލު ޖެހުން
އިންޑިޔާގައި ދެ ރޭލު ޖެހި 13 މީހުން މަރުވެއްޖެ
ދުނިޔޭގެ އެންމެ ބޮޑުއެއް ރެއިލްވޭ ނެޓްވަރކް އޮންނަނީ އިންޑިޔާގައި

އިންޑިޔާގެ އަންދްރަޕްރަދޭޝްގައި ފަސިންޖަރުން އުފުލާ ދެ ރޭލު ޖެހުމުގެ ސަބަބުން މަދުވެގެން 13 މީހުން މަރުވެ، ފަންސާހަކަށް މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ 7 ޖަހާ އެހާއިރު ހިނގި މި އެކްސިޑެންޓަށް ފަހު މީހުން ސަލާމަތް ކުރުމަށާއި ފުރޮޅާލާފައިވާ ރޭލުގެ ބައިތައް ކޮޅަށް ޖަހާ ޓްރެކް ސާފުކުރުމަށް އެތައް ސަތޭކަ މީހުން ނުކުމެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި ފުރަތަމަ ހޯދުންތައް ދައްކާގޮތުން އެކްސިޑެންޓް ހިނގަން ދިމާވީ "ހިއުމަން އެރަރ" ނުވަތަ ސިސްޓަމް އޮޕަރޭޓް ކުރަން ތިބި މީހުންނަށް ހެދުނު ގޯހަކުންނެވެ.

އެކްސިޑެންޓާ ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި ރެއިލްވޭސް މިނިސްޓަރާ ގުޅުއްވައިގެން މައުލޫމާތު ސާފު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެކްސިޑެންޓްގައި އެއް ރޭލުގެ ތިން ކެރިއޭޖް ވަނީ ފުރޮޅާލާފައެވެ. މިކަން ހިނގަން މެދުވެރިވީ މަތިން ދަމާފަ އޮންނަ ކޭބަލް ކެނޑިފައިވުމުގެ ސަބަބުން އެއް ރޭލު މަޑުކޮށްފައި އޮއްވާ އެހެން ރޭލެއް އައިސް އެ ރޭލުގެ ފަހަތު ކޮޅުގައި ޖެހުމުންނެވެ. އެކްސިޑެންޓަށްފަހު އެހީގެ މަސައްކަތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މީހުން ސަލާމަތް ކުރުމަށް އެތައްސަތޭކަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަނިޔާވި މީހުން ހޮސްޕިޓަލުތަކަށް ގެންދިއުމަށް ވެސް ގިނަ އަދަދެއްގެ އެމްބިއުލައިންސް ހަރަކާތްތެރިވެފައިވެއެވެ.

ރެއިލްވޭގެ ޗީފް ޕަބްލިކްރިލޭޝަންސް އޮފިސަރ މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓަށްފަހު 33 ރޭލެއްގެ ދަތުރު ކެންސަލްކޮށްފައިވާއިރު 22 ރޭލު އެހެން ސްޓޭޝަންތަކަށް ވަނީ ފޮނުވާފައެވެ. އަދި ޓްރެކްތައް ސާފުކުރުމަށް ފަހު ހޯމަ ދުވަހު ހަވީރު އަލުން ޝެޑިއުލް ދަތުރުތައް ފެށޭވަރުވާނެ ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.

ދެ ރޭލު ޖެހުނު އެކްސިޑެންޓާ ގުޅިގެން އަންދްރާޕްރަދޭޝްގެ ޗީފް މިނިސްޓަރު ޖަގަން މޯހަން ރެޑީގެ އޮފީހުން ބުނެފައިވަނީ ޗީފް މިނިސްޓަރު ހޯމަ ދުވަހު އެކްސިޑެންޓް ހިނގިތަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލުދެއްވާނެކަން ވެސް ޗީފް މިނިސްޓަރު އިއުލާންކުރައްވާފައި ވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރެއިލްވޭ ނެޓްވަރކް އޮންނަނީ އިންޑިޔާގައެވެ. އަދި ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން މީހުން ރޭލުތަކުން ދަތުރު ކުރެއެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް