ރާއްޖެއާއި ތުރުކީގެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ވަރުގަދަވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ވަނީ އާދިއްތަ ދުވަހު ތުރުކީގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި މުބާރިކުބާދީ ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އާއި ތުރުކީގެ އެންމެހައި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.
ތުރުކީއާއި ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ އަދި ގާތް ގުޅުން ފާއިތުވި އަހަރުތަކުގެ ތެރޭގައިވަނީ އިތުރަށް ބަދަހިވެފައިވާ ކަމަށެވެ. އަދި މިގުޅުން ކުރިއަށް އޮތް ތާނގައި ވެސް ވަރުގަދަވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތުރުކީއާއި ރާއްޖޭގެ ގުޅުން ވަރުގަދަވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ ދުނިޔޭގެ ގިނަ ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރައްވަމުންނެވެ. މިސަރުކާރުގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރި މަސައްކަތަކީ ދުނިޔޭގެ ހުރިހާ ގައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ މަސްރަހުގައި ވަރަށް ބޮޑަށް ބާކީވެފައެވެ. އެހެންކަމުން ރައީސް ސާލިހުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށްވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއާމެދު އޮތް ތަސައްވަރު ބަދަލުކުރުމެވެ. ކުރެވުނު މަސައްކަތުން މިއަދު މިސަރަހައްދުގައި އެންމެ ބާރު ގަދަ ޕާސްޕޯޓް އޮތީ ދިވެހިންގެ އަތުގައިކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި 95 ގައުމަކަށް ކުރިން ވިސާނެތި ދިވެހި ޕާސްޕޯޓުގައި ދަތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.