އެއް ސިޔާސީ ޕާޓީން އަނެއް ސިޔާސީ ޕާޓީއަށް މެންބަރުން ބަދަލުކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މަޢުލޫމާތު އަނެއްކާވެސް ކޮމިޝަނުން ޢާންމުކުރީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްޙަކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ހަބީބް މި ފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި މިވަގުތު އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ހުރިހާ އެންމެންގެ މަޢުލޫމާތު ހިމެނޭ ލިސްޓު އިއްޔެ ކޮމިޝަނުން ޢާންމުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް އިން ފެންނާނެކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން އެ ލިސްޓުގައި ނަން އޮތްތޯ ޗެކްކުރުމަށް PPR ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި އައިޑީކާޑު ނަމްބަރު ލިޔުމަށް ފަހު 1414 އަށް ފޮނުވުމަށް އޭނާ ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ސިޔާސީ ޕާޓީގައި އެ މީހެއްގެ ނަން އޮތް ގޮތާއި މެދު ޝަކުވާ އެއް އޮތް ނަަމަ ޝަކުވާ ހުށަހެޅުމަށް ވެސް ހަބީބު ވަނީ އެދިވަޑައިގަންނަވާފައެވެ.
އެގޮތުން ހުށަހަޅާ ޝަކުވާ ބަލައިގަންނާނީ 2023 ނޮވެމްބަރު 30 ވާ ބުރާސްފަތި ދުވަހުގެ 3:00 އާ ހަމަޔަށް ކަމަށާއި ކޮމިޝަނުގެ އީމެއިލް [email protected] އަށް ޝަކުވާ ފޯމު ފޮނުވޭނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.