ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އާމިނަތު ނިއުޝާ އަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ފާޑު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާއި ގުޅިގެން އެމައްސަލަ ކުރިއަށް ގެންދަން ނުގެންދިއުމަށް ނިންމުމާއި ގުޅިގެން އަލީ ނަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިނގުން ހުއްޓޭގޮތަށް މަޖިލީހުގެ އަމީންއާންމު ގާނޫނުއަސީސީއާއި ގާނޫނުތައް މާނަކުރުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނޭއްގާނީ ވިސްނުން އިސްކުރުމުން ދޭހަވަނީ އެކަމަނާގެ އަދުލުވެރިކަން ގެއްލިފައިވާ ކަމެވެ.
އަލީ ނަޒީރުގެ ފާޑުކިޔުން އަމީންއާއްމަށް އަމާޒުވިއިރު، އެމްޑީޕީގެ މަޖިލިސް މެންބަރު ވެސް ގެންދަވަނީ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އަދި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާގެ އިސްތިއުފާއަށް ވެސް ގޮވާލައްވަމުންނެވެ.
އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ނުގެންދެވުމުން ހޯމަ ދުވަހުގެ ޖަލްސާއަށް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް މި ޖަލްސާވެސް ކުރިއަށް ގެންދެވޭނެ ކަމާއިމެދު ސުވާލު އުފެދިފައިވާ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަށް އާދިއްތަ ދުވަހު ސުޕްރީމްކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފައިވެއެވެ.