ބ. އޭދަފުށްޓަކީ ރާއްޖޭގައި ފުޓްބޯޅަ އަށް އެންމެ މޮޅު އެއް ރަށެވެ. ގިނަ ތަރިންތަކެއް އަރައިގެން އަންނަ ނަމޫނާ ރަށެކެވެ. އެރަށު ޒުވާނުންގެ ޖަމިއްޔާއަކީ 90ގެ ކުރީކޮޅާ ހަމައަށް ފުރަތަމަ ޑިވިޝަނުގައި މޮޅަށް ފުޓްބޯޅަ ކުޅުނު ޓީމެކެވެ. ކުޑަކުޑަ މި ރަށުގެ 6000އެއްހާ އާބާދީން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ކުޅުންތެރިންގެ އަދަދު 100 ފަހަނައަޅައި ގޮސްފި އެވެ. ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން މި ހުރިހާ ކުޅުންތެރިންގެ ވެސް ފެށުން އައީ ވަރަށް ފަހަކާ ޖެހެންދެން އިންވަކިނުކޮށް، އޮތް އޭދަފުށީ ރަސްމީ ދަނޑުންނެވެ.
ހުނަރުވެރި ފުޓްބޯޅައިގެ ޖީލެއް އޮތުމުން 2019 ވަނަ އަހަރު އެރަށުގެ މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރު ނިންމަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި ނެތް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށެވެ. މިކަމަށްޓަކައި ކުޅެވުނު ހާއްސަ ފުޓްބޯޅަ މެޗަށް ފަހު ދަނޑުގެ ބިންގާ އަޅައިދެއްވީ އޭދަފުށީ ކައުންސިލްގެ ރައީސާއި ފުރަތަމަ ޑިވިޝަނުން ފާހަގަވި އެރަށުގެ މަޝްހޫރު ހަތަރު ކުޅުންތެރިއެކެވެ.
މިއަށްފަހު މި އަހަރުގެ ބޭއްވި އޭދަފުށީ ކަޕާ ހިސާބަށް ދަނޑުގެ މަސައްކަތުގެ ބޮޑުބައި (އެއްފަޅި) ނިންމައި ޒުވާނުން ދަނީ ދަނޑުގެ އުފާ ލިބިގަންނަމުންނެވެ. ހުކުރު ދުވަހު ނިމުނު އޭދަފުށީ ކަޕުގެ މެޗުތައް ކުޅެފައިވަނީ ކުޅިބެލީ މީހުންނަށް ޓިކެޓް ވިއްކައިގެންނެވެ. މިއީ ރާއްޖޭގެ ރަށެއްގައި ޓިކެޓް ވިއްކައިގެން ކުޅުނު ފުރަތަމަ މުބާރާތެވެ. ހާހެއްހާ މީހުންގެ ކެޕޭސިޓީ އޮތް ދަނޑުން ގްރޫޕް ސްޓޭޖުގެ މެޗުތައް 10.ރ. އަށް އަދި ފައިނަލް މެޗުގެ ޓިކެޓް 20ރ. އަށް ވިއްކުމުން މުޅި މުބާރާތަށް ގޭޓް ފައިސާއިން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. ޓިކެޓަށް ޖެހި ކަޅު ބާޒާރުގައި އަގު 500ރ. އަށް ވެސް އެރި އެވެ. މިއާއެކު ކައުންސިލްގެ ވިސްނުން މިހާރުހުރީ ދަނޑުގެ ބޭނުން އެންމެ ފުރިހަމައަށް ހިދުމަށް ރަށުން ބޭރުގެ މުބާރާތްތަކާއި މެޗުތައް އަދި ޓީމުތަކަށް މި ދަނޑުގައި ކޭމްޕް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އެކަމަށްޓަކައި ދަނޑު މާކެޓްކޮށް، ސްޕޯޓްސް ޓުވަރިޒަމަށް ހުޅުވާލުމުގެ މަސައްކަތް ކައުންސިލުން ވަނީ މަސައްކަތް ފަށާފަ އެވެ.
އޭދަފުށީ ދަނޑުގައި ގާއިމްކޮށްފައިވާ ވަސީލަތްތައް:
1. ގޮނޑިބަރީގެ ޖާގަ: 900 މީހުން
2. ވީވީއައިޕީ (ރޮސްޓްރަމްގެޖާގަ) 36 ގޮނޑި
3. ފެންވަރައި ފާހާނާ ކުރެވޭ ގޮތަށާއި ލޮކް ސިސްޓަމް ހަރުކޮށްފައިވާ އެންމެ ޒަމާނީ ޗޭންޖިންރޫމް
4. މެޗު ކަމިޝަނަރ އަދި ކޯޗުންގެ ރޫމް
5. ޑޯޕިން އަދި މެޑިކަލް ރޫމް
6. އެމްބިއުލަންސް ބޭއްވޭނެ ވަސީލަތް
7. ރެފްރީޒް ރޫމް
8. ސްޓޭޑިއަމް މެނޭޖަރުގެ ރޫމް
9. އިކުއިޕްމަންޓް ރޫމް
10. އާއްމު ފާހާނާ ބަރިއެއް
11. އެންމެ ޒަމާނީ ފެންވަރުގެ ގޮނޑި ޖަހާފައިވާ ގޮނޑިބަރިއެއް
12. ޕްރެސް ރޫމާއި މެޗު ލައިވް ކުރެވޭނެ ވަސީލަތާއި ކޮންޓްރޯލްރޫމް
13. ލައިޓިން ސިސްޓަމާއި، ދަނޑު ދިއްލުމަށް ބޭނުންވާ ކެޕޭސިޓީގެ އިންޖީނުގެއެއް.
14. ޖިމް ހެދުމަށް ބޭނުންވާ ޖާގަ
15. ދަނޑަށް ފެންޖެހޭނެ ޕަމްޕް ސްޓޭޝަނާއި ފެން ރައްކާކުރެވޭނެ ނިޒާމް
ދަނޑުގައި ގާއިމްކޮށްފައިވާ ފެން ޕަމްޕް ނިޒާމުން މުޅި ދަނޑަށް ހަތަރު މިނިޓާއި އަށް މިނިޓްތެރޭގައި މުޅި ދަނޑަށް ފެންޖަހާލެވޭނެ އެވެ.
މި ދަނޑުގެ އެއް ފަޅީގެ މަސައްކަތް މިހާރު ނިމިފައިވާއިރު ދެން އޮތީ ދަނޑުގެ އެކްސްޓެންޝަނުގެ މަސައްކަތެވެ. މި މަސައްކަތް ނިމޭއިރު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކާއި، ކޮންފަރެންސް ރޫމްތަކާއި ސްވިމިން ޕޫލް އާއި ފިހާރަ އާއި ކެފޭ އާއި ޖިމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ގާއިމްކުރެވޭނެ އެވެ.
އޭދަފުށީ ކަޕް ނިންމުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ދަނޑުގެ ފެންވަރާއި ގާއިމްކޮށްފައިވާ ހިދުމަތްތަކަށް ތައުރީފްކޮށްފަ އެވެ.
ވަރަށް ފުރިހަމަ ދަނޑެއް މިއީ. މިވަރުގެ މަސައްކަތެއް މިއީ ވަރަށް އަގުހުރި ހިދުމަތެއް. ވަރަށް ބޮޑު ހަރަދެއްކޮށްގެން މި ދަނޑު ނިމިފައިވާތަން މިފެންނަނީ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން މިވަރުގެ ދަނޑއް އެޅިއްޖެނަމަ ފުޓްބޯޅަ އަށް ފައިދާވާނެނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
މިފަދަ ދަނޑެއް އޭދަފުއްޓަށް ލިބުމުން އެންމެ އުފާވެފައިހުރި އެއް ބޭފުޅަކީ 80 އާއި 90ގެ ތެރޭގައި އޭދަފުށީ ޓީމުން ވިދާލި އަބްދުލްވާހިދެވެ. 1991 ވަނަ އަހަރުގެ ސާފް ގޭމްސްއިން ރިހި މެޑަލް ހޯދި ޓީމުގެ ބެކަށް ކުޅުނު ވާހިދަކީ އަތޮޅުތެރޭގެ ރަށަކުން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
މިއީ ނަޒީރުގެ ވަރަށް ބޮޑު ހަދިޔާއެއް. މި ދަނޑުގެ އެޅުން މިއީ މިރަށުގެ ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވޭނެ ކަމެއް. އަމާޒަކީ ކުޑަކުދިން ތަމްރީނުކޮށް، އަބަދުވެސް ރަނގަޅު ފެންވަރެއްގެ ޓީމެއް އޭދަފުށީގައި އޮތުން. މި ދަނޑުގެ ސަބަބުން މި ރަށަށް ވަރަށް ފައިދާވާނެ. އެތައް ގޮތަކުން. ދެން އިންތިޒާމްތައް މިހާ ރަނގަޅަށް މިގެންދެވެނީ ކައުންސިލާއި އޭދަފުށީ ކުލަބާއި ޒުވާނުންނާއި (ސަލްސާ) އާމިރާއި ރަށުގެ އެތައް ބަޔަކު ގުޅިގެން މިރަށުގައި ކުރަން ކުރާ ހިތްވަރުންއަބްދުލްވާހިދު
މި ދަނޑުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އަޅައިގަތީ ދަނޑުގެ ޗޭންޖިން ރޫމުތަކުގެ ފުރިހަމަކަމުންނެވެ. ސޯޝަލް މީޑިއާގައި ދަނޑުގެ ޗޭންޖިން ރޫމުގެ ފޮޓޯތައް އެނބުރެން ފެށުމާއެކު އެ ފޮޓޯތައް ޝެއާކުރައްވައި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޔޫތާއި ވެލެންސިއާ އަށް ކުޅުނު އަހުމަދު މަރުޒޫގް ވިދާޅުވީ މިހެންނެވެ.
މިއީ ސަރުކާރުގެ ޕްރޮޖެކްޓްތަކާއި ޕްލޭންކޮށްގެން ކުރިއަށްގެންދާ އަމިއްލަ ފަރާތްތަކުގެ ޕްރޮޖެކްޓްގެ ތަފާތު. ކްރައުން ނަޒީރަށް ވަރަށް ބޮޑު ޝުކުރިއްޔާ ބާއެއް (ދަނޑުތައް އަޅާއިރު ހުންނަންޖެހޭ ވަކި ފެންވަރެއް) ސެޓުކޮށްދެއްވީތީވެ. އޭދަފުށީ ރައްޔިތުންނަށް މަރުހަބާ. މިއީ އެމީހުންނަށް ހައްގުވާ ކަމެއްއޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޔޫތާއި ވެލެންސިއާ އަށް ކުޅުނު އަހުމަދު މަރުޒޫގް
ތެދެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ދަނީ މި ދަނޑު ނަމޫނާއަކަށް ބަލަން ފަށައިފަ އެވެ. ކުރިމަގުގައި އެޅޭ ދަނޑުތަކުގައި އެންމެ މަދުވެގެން އޭދަފުށީގެ ދަނޑުގައި ހުރި ފެންވަރާއި ވަސީލަތްތައް ހުންނަން އެރަށެއްގެ ރައްޔިތުން އެދޭނެ އެވެ. ޑިމާންޑް ކުރާނެ އެވެ. އެކަން ބައެއް ހިސާބުތަކުން ފެންނަން ފަށައިފިކަން އޭދަފުށީ ކަޕްގެ ފައިނަލް މެޗު ބައްލަވާލައްވަން ވަޑައިގެންނެވި ބޭފުޅުންގެ ވާހަކަތަކުން ޔަގީންވި އެވެ.
އާބާދީ ބޮޑަސް، ބިންފުރިފައި އޮތުމުން އޭދަފުށީގައި މެހުމާނުންނަށް މާ ހާއްސަ ކަންތައްތަކެއް ނެތެވެ. އެކަމަކު ސްޓޭޑިއަމަކީ އެމީހުންގެ ފަހުރެކެވެ. ކައުންސިލްގެ ރައީސް މުހައްމަދު ފާތިހުގެ ނަޒަރުގައި ވެސް އޭދަފުއްޓަށް މީހުން ޒިޔާރަތްކުރަންޖެހޭ މައިގަނޑު އެއް ސަބަބަކީ ފުޓްބޯޅަ އެވެ.
ކުރިން ވިއްޔާ ފޭލި ވިޔުމާއި އެފަދަ ކަންކަން ހުންނާނެ. އެކަމަކު މިހާރަކު ނެތް. މިހާރު މިރަށަށް މީހުން އަންނަންޖެހޭ ސަބަބަކީ ފުޓްބޯޅަ. މި ދަނޑު ރިސޯޓްތަކުގެ ޕެކޭޖްތަކުގައި ހިމަނައިގެން ބޭރުގެ ޓީމުތަކާއި ރަށުން ބޭރު ޓީމުތައް ކޭމްޕްކޮށް މެޗު ކުޅެން މި ރަށަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަންއޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު
ތެދެކެވެ. އޭދަފުއްޓަކީ ރާއްޖޭގެ މިހާރުގެ ބްރެޒިލެވެ. އެއީ ފުޓްބޯޅައިގެ ހަބެކެވެ. ރަށުގެ ކުދިބޮޑު އެންމެން ދައްކަނީ ދަނޑުގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. ދަނޑާއެކު ފުޓްބޯޅައަށް އަންނާނެ ކުރިއެރުމާއި ދެކޭ ހުވަފެންތަކުގެ ވާހަކަ އެވެ. އެއީ އިންޓަނޭޝަނަލް މެޗުތައް މިހާރު ވެސް ފަސޭހަކަމާއެކު ކުޅެލެވޭނެ ރާއްޖެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމެވެ.