ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ނުބޭއްވުމާއި ގުޅިގެން މެންބަރުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
3 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާ އެޖެންޑާކޮށްފައިވަނީ 29 އޮކްޓޯބަރު 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ށެވެ. އަދި މިޖަލްސާއަށް ނަޝީދު ވަކިކުރުމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.
ނަމަވެސް ނާއިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާއި ގުޅިގެން ޖަލްސާ ނުބޭއްވޭނެކަން ވަނީ އަންގާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރު ނުރުހުންފާޅުކުރައްވާ މަޖިލީހުގެ ތަޅުމުގައި ގެންދަވަނީ އިހުތިޖާޖު ކުރައްވަމުންނެވެ. މިއީ ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ވެސް މެންބަރުން ދަނީ ތުހުމަތު ކުރައްވަމުންނެވެ. އަދި މިމައްސަލަ ކުރިއަށް ނުގެންދަނީސް އިހުތިތާޖު ކުރުން ހުއްޓާނުލައްވާނެ ކަމަށް ވެސް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
މީގެ އިތުރުން މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އަދި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާގެ އިސްތިއުފާއަށް ވެސް މެންބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ވިދާޅުވީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ނުބޭއްވުމަށް ނިންމި ނަމަވެސް ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އަމީން އާއްމު ނިއުޝާއަށް ސިޓީއެއް ފޮނުއްވައި ޖަލްސާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
މި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ނާއިބު ރައީސް އާދިއްތަ ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވޭނެކަން އަންގާފައިވާތީ ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންކޮޅި މެދު ދާއިރާގެ މެންބަރު ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް އެޖެންޑާ ކޮށްފައިވާ ޖަލްސާ ކުރިއަށް ގެންގޮސްދެއްވުމަށެވެ.