ފަލަސްތީނުގެ ރެޑްކްރެސެންޓުގެ ބެލުމުގެ ދަށުގައި 13000ށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި އެބަތިބި ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފިއެވެ.
7 އޮކްޓޯބަރ 2023ން ފެށިގެން 13 ދުވަސް ވަންދެން މެދުނުކެނޑި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް ބަޔަކަށް ވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ. އަދި ނިޔާވި މީހުންގެ އަދަދު މިހާތަނަށް އައިއިރު 6000ށް ވަނީ އަރާފައެވެ. ފަލަސްތީނު ރެޑްކްރެސެންޓު މެދުވެރިކޮށް އެ މައުލޫމާތުތައްވެސް ދިވެހި ރެޑްކްރެސެންޓުން ދަނީ އޮޅުން ފިލުވަމުންނެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ފަލަސްތީނު ރެޑްކްރެސެންޓުގެ ރިޕޯޓްތަކުން އެނގޭގޮތުގައި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި ގިނަ އަަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭކަމަށެވެ. އަދި ފަލަސްތީނު ރެޑްކްރެސެންޓުން 140000ށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދީފައިވާކަމަށް އެ ޖަމާއަތުން ބުނެއެވެ.
ހިމްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރެޑްކްރެސެންޓުން އިމަރޖެންސީ ފަންޑެއް ހުޅުވާލީ 14 އޮކްޓޯބަރުގައި ކަމަށެވެ. އެ ފަންޑު ހުޅުވާލަން ނިންމީ، ފަލަސްތީނުގެ ރެޑްކްރެސެންޓުން 10 އޮކްޓޯބަރުގައި ނެރެފައިވާ އިމަރޖެންސީ އެހީގެ އިލްތިމާސަށް އެހީތެރިވުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ 15 ދުވަހުގެ މުއްދަތަކަށް ކަމަށް ވީނަމަވެސް، ހަނގުރާމައިގެ ހާލަތު ބަދަލުވަމުންދާ ގޮތުން މުއްދަތު އިތުރުކުރަން ވަނީ ނިންމާފައެވެ. ރެޑްކްރެސެންޓުގެ ފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ފޯރުކޮށްދޭނީ ފަލަސްތީނު ރެޑްކްރެސެންޓުގެ އިމަރޖެންސީ ފަންޑަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފަންޑަށް ލިބިފައިވާ ގިނަ ފައިސާއަކީ އާއްމު ވަކިވަކި ފަރުދުންގެ ފަރާތުން ލިބިފައިވާ ފައިސާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް ވީ އެންމެ އަވަހަކަށް ފައިސާ ފޯރުކޮށްދޭން ޖެހޭކަން އޭނާ ވަނީ ފާހަަގަކުރައްވާފައެވެ. އެހެންކަމުން 28 އޮކްޓޯބަރުގެ ނިޔަލަށް އެ ފަންޑަށް ލިބޭ ފައިސާ، ފަލަސްތީނު ރެޑްކްރެސެންޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ކުރާނެކަމަށް ހިމްޔާ ވިދާޅުވިއެވެ. އެކަމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރާކަން ވެސް ހިމްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ޝަހީދުވި މީހުންނާއި އަނިޔާވި މީހުންގެ ސީދާ އަދަދު ދެނެގަތުމުގައި ވެސް ވަނީ ގޮންޖެހުންތަކެއް ދިމާވެފައެވެ. އިސްރާއީލުން ދަނީ މެދުނުކެނޑި ފަލަސްތީނަށް ހަމަލާ ދެމުންނެވެ.