26 އޮކްޓޯބަރުގެ ނިޔަލަށް، ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން އެކުލަވާލި ފަންޑަށް 1.6 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް، ދިވެހި ރެޑްކްރެސެންޓުން ބުނެފިއެވެ.
އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ބަޔަކު ހާލުގައި ޖެހިފައިވާއިރު، ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލާފައިވާ އިމަރޖެންސީ ފަންޑަށް ފައިސާ ޖަމާކުރެވޭ މުއްދަތުވެސް މިހާރު ވަނީ އިތުރުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ދިވެހި ރެޑް ކްރެސެންޓުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެވެ.
އެ ފަންޑަށް ފައިސާ ޖަމާކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށެވެ. ރެޑްކްރެސެންޓުން ބުނީ، އެ މުއްދަތު އިތުރުކޮށްފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ނައިސް ކުރިއަށްދާތީ، އިތުރަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ގަވަރނިންގ ބޯޑުގެ ޚަޒާންދާރު، ޝަރަފުއްދީން އަލީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނު ރައްޔިތުންނަށް ފައިސާ ފޯރުކޮށްދޭއިރު އެފައިސާ ފޯރުކޮށްދެވެނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރައްވާނެ ކަމަށެވެ. އަދި މިފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ދާނީ ސީދާ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ކަމަށްވެސް ދިވެހި ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރެޑް ކްރެސެންޓް އުފެދުނީއްސުރެ (2010 ވަނަ އަހަރުން ފެށިގެން) ކޮންމެ އަހަރަކު މާލީ ހިސާބުތައް ގަވާއިދުން ޝާއިއުކުރަމުން ދާކަމަށާއި އެ ހިސާބުތައް ތައްޔާރުކުރެވިފައި ވަނީ ބައިނަލްއަގުވާމީ މާލީ އެކައުންޓިންގ އުސޫލުތަކާ އެއްގޮތަަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 6000ށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.