އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑު ބަންދުކޮށްފިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެހީތެރިކަން ފޯރުކޮށްފިނުމަށް ދިވެހި ރެޑް ކްރެސެންޓުން އިމަރޖެންސީ ފަންޑެއް ހުޅުވީ 14 އޮކްޓޯބަރު 20233ގައެވެ. އެ ފަންޑަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ އޮކްޓޯބަރު 28 އާ ހަމައަށެވެ. ނަމަވެސް ހަނގުރާމައިގެ ހާލަތު ބަދަލުވުމުންދާ ގޮތުންނާއި އެކި ފަރާތްތަކުގެ އެދުމުގެ މަތިން ފައިސާ ޖަމާ ކުރުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރު ކުރީ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ރެޑް ކްރެސެންޓުން ބުނީ ފަހުން ކަނޑައެޅި މުއްދަތު ހަމަވެފައިވާތީ މިހާރު ރިލީފް ފަންޑު މިވަގުތަށް ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަންޑު ބަންދު ކުރުމުގެ ކުރިން ފައިސާ ޖަމާކުރުމުގެ މުއާމަލާތު ތައް ފަށާފައިވާ އަމިއްލަ ފަރުދުނާއި ވިޔަފާރި އަދި އެކި ވުޒާރާތަކުން ފައިސާ ޖަމާ ކުރަމުންދާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެހެންވެ، އެ މަރުހަލާ ނިމުމުން ފަންޑަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު މި މަހުގެ 19ވަނަ ދުވަހު އާއްމު ކުރާނެ ކަމަށް ބުނެފައިވެއެވެ.
ދިވެހި ރެޑް ކްރެސެންޓުން ބުނީ 28 އޮކްޓޯބަރާ ހަމައަށް ފަންޑަށް ލިބުނީ 2،105،337.14 ރުފިޔާ (ދެ މިލިއަން އެއްލައްކަ ފަސް ހާސް ތިންސަތޭކަ ތިރީސް ހަތް ރުފިޔާ ސާދަ ލާރި) ނުވަތަ (136،526 ޑޮލަރު) ކަމަށެވެ. މި ފައިސާ މި މަހުގެ ފަސް ވަނަ ދުވަހު ފަލަސްތީނުގެ ރެޑް ކްރެސެންޓާ ހަވާލުކޮށްދީފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
މި ފައިސާ ބޭނުން ކުރާނީ 10 އޮކްޓޯބަރުގައި ނެރެފައިވާ ޕްރެލިމިނަރީ އިމަރޖެންސީ އިލްތިމާސަށް އިޖާބަދީ، ޒަހަމްވެފައިވާ ފަރާތްތަކަށް ދެމުންދާ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް އެހީތެރިވުމަށް ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުންޏެވެ. މީގެ ތެރޭގައި ސިއްހީ ޚިދުމަތްތަކަށް ބޭނުންވާ ސާމާނާއި އުޅަނދުތަކަށް ބޭނުންވާ ތެލަށް ހިނގާނެ ޚަރަދާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި ސާފު ބޯފެން އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީވުން ހިމެނެއެވެ.
ދިވެހި ރެޑް ކްރެސެންޓުގެ ފަންޑަށް މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ޖަމާކޮށްފައިވާ ފައިސާ ވީ އެންމެ އަވަހަކަށް ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި ފައިސާ ދެ ފުށް ފެންނަ ނިޒާމެއްގެ ދަށުން ހަވާލު ކުރެވި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަތާތްތަކަށް ފައިސާއިން ފޯރުކޮށްދޭ އެހީތެރިކަން އާއްމުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.