ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 19:20
މަޖިލިސް
މަޖިލިސް
މަޖިލީހުގެ މުވައްޒަފުން
މަޖިލީހުގެ މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް ބޮޑުކުރަން ހުށަހަޅައިފި
މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަދަދަކީ 164
ޑިޕްލޮމާ ސެޓްފިކެޓް އޮންނަނަމަ 1،000ރ، ޓެކްނިކަލް ސެޓްފިކެޓް އޮންނަނަމަ 700ރ ދިނުމަށް ހުށަހަޅާފައިވޭ
ނިޔުޝާ ވިދާޅުވީ އަސާސީ މުސާރައިގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށް އިދާރާއިން ނިންމާފައިވާކަމަށް

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ދޭ ބައެއް އެލަވަންސްތައް އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ހުށަހަޅާއިފިއެވެ.

އާއްމު ކޮމިޓީއަށް ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު؛ 186 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ވަނީ ހުށަހަޅާފައެވެ. ފާއިތުވި 11 އަހަރު މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީ، މުސާރަ ބޮޑުކުރަން ފެންނަކަމަށް ކޮމިޓީން ވަނީ ލަފާދީފައެވެ. އެކަމަށްޓަކައި ހޭދަވާނެ ޚަރަދު އެ އިދާރާއިން ވަނީ އާއްމު ކޮމިޓީއަށް ހޯމަ ދުވަހު ހުށަހަޅާފައެވެ.

އާންމު ކޮމިޓީގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ، އަސާސީ މުސާރައިގެ ބަދަލުގައި އެލަވަންސްތައް ބޮޑުކުރުމަށް އިދާރާއިން ނިންމާފައިވާކަމަށެވެ. އަދި އެގޮތަށް ނިންމާފައި ވަނީ، އަސާސީ މުސާރައަށް ބަދަލު ގެނައުމަކީ މުވައްޒަފުން ޕެންޝަނަށް ދައްކާ ފައިސާ އިތުރުވާނެ ކަމަކަށް ވެފައި، އެކަމުގެ ސަބަބުން ބަޖެޓަށް ބުރަވާނެތީ ކަމަށް ވަނީ ބުނެފައެވެ.

Advertisement

މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200 ރުފިޔާގެ އެލަވަންސް، ހާޒިރީ އެލަވަންސަށް ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ. އެއާއެކު އެ އެލަވަންސަށް ކިޔާނީ ޕާލިމަންޓްރީ ސަރވިސްއެވެ. އަދި ޕާލިމަންޓްރީ ސަރވިސް އެލަވަންސްގެ ގޮތުގައި ބޭސިކްގެ މުސާރައިގެ 20 ޕަސެންޓް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ޑިޕްލޮމާ ސެޓްފިކެޓް އޮންނަނަމަ 1،000 ރުފިޔާ، ޓެކްނިކަލް ސެޓްފިކެޓް އޮންނަނަމަ 700 ރުފިޔާ، ޑިގްރީ ސެޓްފިކެޓް އޮންނަނަމަ 1،500 ރުފިޔާ، މާސްޓަރސް ސެޓްފިކެޓެއް އޮތްނަމަ 2،000 ރުފިޔާ ދިނުމަށް ވަނީ ހުށަހަޅާފައެވެ. މިއީ މިހާރު ދޭ އެލަވަންސްތަކަށްވުރެ ބޮޑެތި އަދަދުތަކެކެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަދަދަކީ 164އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް