ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 12:10
ފުލުހެއް މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ
ފުލުހެއް މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ
ޕޮލިސް
ސްޓިކަރ ޖެހުން
މިދިޔަ މަހުގެ ނިޔަލަށް 31000ށް ވުރެ ގިނަ ވެހިކަލްގައި ސްޓިކަރ ޖަހައިފި
ސެޕްޓެންބަރު މަހުގެ ނިޔަލަށް 1071 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ
ލައިސެންސް ނެތި 18 އަހަރުނުވާ ކުދިން ވެހިކަލް ދުއްވާ މައްސަލަ ވަރަށް ބޮޑު

ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލައިގައި މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 31000ށް ވުރެ ގިނަ ވެހިކަލްގައި ސްޓިކަރ ޖަހާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަސްލާހް ވިދާޅުވީ، ޓްރެފިކާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން އާއްމު ރައްޔިތުން އެންމެ ގިނައިން ހުށަހަޅާ އެއް މައްސަލައަކީ ޕާކިންގެ މައްސަލަ ކަމަށެވެ.

ފާހަގަކުރެވޭ އިތުރު މައްސަލަތަކަށް އިޝާރާތް ކުރައްވައި އަސްލާހް ވިދާޅުވީ ލައިސެންސް ނެތި 18 އަހަރުނުވާ ކުދިން ވެހިކަލް ދުއްވާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ލައިސެންސް ހިފަހައްޓާފައިވަނިކޮށް ވެސް ވެހިކަލް ދުއްވާ މައްސަލަ އިތުރުކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލާހް ވިދާޅުވީ މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ވެހިކަލް ދުއްވުމާއި، ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމާއި، ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ ގަވާއިދާ ހިލާފަށް ނަންބަރު ބޯޑުތައް ހަދައިގެން ދުއްވާ މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން އަސްލާހް ވިދާޅުވީ ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލައިގައި މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 31,770 ވެހިކަލެއްގައި ސްޓިކަރ ޖަހާފައިވާ ކަމަށެވެ. އަދި މިމުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން 1071 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބަދުވެސް ޕަބްލިކްގެ ކޮންސާނެއް ކަންބޮޑުވާކަމެއް ސްޓިކާ ޖެހުން. ނަމަވެސް އަޅުގަނޑުމެންނަށް މިކަންކަން ކުރަން މަޖުބޫރުވަނީ އެކަން ނުކޮށް ނުވެގެން. ފާހަގަކުރެވޭނެ ޕޭމަންޓަށް އަރަން އޮންނަ ކަންމަތީގައި ވެހިކަލް ޕާކުކޮށްލާނެ . ދެން އަޅުގަނޑުމެން ފިޔަވަޅެއް ނާޅާ ދޫކޮށްލަންވީތޯ. ދޫކޮށްލައިފިނަމަ ދެން މަގު ބޭނުންކުރާ ފަރާތްތަކަށް ވާނީ ކޮން ގެއްލުމެއްތޯ. ކޮންމެ ބޭފުޅަކު ވެސް އަޅުގަނޑުމެން ފިޔަވަޅު އެޅިމަ ހިތްހަމަ ނުޖެހެނީ އަޅުގަނޑުމެންދެކެ. އެހެންނަމަވެސް އަޅުގަނޑުމެން ފިޔަވަޅުތައް އަޅަންޖެހެނީ މުޖުތަމައުގެ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައިކަން އަޅުގަނޑު ފާހަގަކޮށްލަން.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަސްލާހް

ފުލުހުން ބުނީ މަގުމަތި ރައްކާތެރިތަނަކަށް ހެދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުމަތި ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތަށް އަދި މަގުމަތީގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް