ކ. މާލެ
|
20 އޮކްޓޯބަރ 2023 | ހުކުރު 18:18
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ރާއްޖެއެމްވީ
މެންބަރު ރޮޒެއިނާ ގުޅޭގޮތުން ދައްކާ ވާހަކަތައް
ގޯއްޗާއި، ބިމާ، އަދި ފަޅު ރައްތަކެއް ލިބޭކަމަށްބުނެ ދައްކާ ވާހަކަތައް ބަލައިދިނުމަށް މެންބަރު ރޮޒެއިނާ އެދިވަޑައިގެންފި
މެންބަރު ރޮޒެއިނާ ވަނީ ކަމާގުޅޭ ކައުންސިލްތަކަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާފައި
މި ވާހަކަތަކާއި ގުޅިގެން މީހުންނަށް ވަރަށް ބޮޑެތި އޮޅުންތައް އަރާ ކަމަށް މެމްބަރު ވިދާޅުވެފައިވޭ
ރައީސް އޮފީހުން ބަދަލަކަށް 2 ރަށާއި ފަޅަކާއި، 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ

ގޯއްޗާއި، ބިމާ ރައްތަކެއް ލިބޭކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެދިވަޑައިގެންފިއެވެ.

މެންބަރު ރޮޒެއިނާ ވަނީ ކަމާގުޅޭ ކައުންސިލްތަކަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާފައެވެ.

އެގޮތުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އައްޑޫސިޓީގައި 2 މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް އޮތް ކަމަށް ލިޔެ ފަތުރާ ވާހަކަތަކެއްގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅިވެފައިވަނީ ލ.ގަމުގައި 1 މިލިއަން ރުފިޔާ އަގުހުރި ގޯއްޗެއް އޮތް ކަމަށް ތުހުމަތުކުރަމުންދާ ކަމަށެވެ. އަދި އދ.އަތޮޅުގެ ކައުންސިލްގެ ރައީސް އަލީ ނަސީރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އދ.އަތޮޅުގައި 4 މިލިއަން ރުފިޔާގެ އަގުހުރި ބިމެއް އޮތްކަމަށް ތުހުމަތުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ނ.އަތޮޅު ކައުންސިލްގެ ރައީށް މުހައްމަދު ބަޝީރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނ.އަތޮޅުގައި 200 މިލިއަން ރުފިޔާގެ އަގުހުރި ފަޅުރަށެއް އޮތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ކަމަށެވެ.

އެހެންކަމުން މެންބަރު ރޮޒެއިނާގެ ނަންމަތީގައި ބިމެއް، ގޯއްޗެއް އަދި ފަޅު ރަށެއް އޮތްނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އޮފީހުގައި އޮންނަ ބަދަލުދޭ ކޮމެޓީއަކުން އެކަމަނާއަށް ގެއްލުމުގެ ބަދަލަކަށް 2 ރަށާއި ފަޅަކާއި، 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަން އޮންލައިން ނޫހެއްގައި ލިޔެފައި އޮތްކަން ފާހަގަކުރައްވައި މެންބަރު ރޮޒެއިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެޑްރެސްކުރައްވައި ސިޓީއެއް ރައީސް އޮފީހަށް ވެސް ފޮނުއްވާފައެވެ. އެއްވެސް ކަމަކާ ގުޅިގެން ބަދަލެއް ދޭންޖެހޭކަމެއް މިހާތަނަށް އެނގިފައިނުވާ ކަމަށް މެންބަރު ރޮޒެއިނާ ވިދާޅުވެފައިވެއެވެ.

މިފަދަ އެއްވެސް ނިންމުމެއް ރައީސް އޮފީހުން ނިންމާފައިވޭތޯ ސާފުކޮށްދިނުމަށް މެމްބަރު ރޮޒެއިނާ ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް