ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 11:13
އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
މާލެ ސިޓީ ކައުންސިލް
ރައްޔިތުންނަށް ޚިދުމަތް ކުރުން
ކައުންސިލަރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޗެންޕިއަންކަން ހޯދާނެ ސަރުކާރަކަށް، އައު ސަރުކާރު ވާނެ: އިންތިޚާބީ ރައީސް
ސަރުކާރުގެ ނިޒާމު ގާއިމްކުރާނީ ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް
ޚިދުމަތްތެރިން މުވައްޒަފުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި
މަސައްކަތުގައި ޖަވާބުދާރީވުމަށް ހިތްވަރު ހުންނަންޖެހޭނެ

ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ކައުންސިލަރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޗެންޕިއަންކަން ހޯދާނެ ސަރުކާރަކަށް، އައު ސަރުކާރު ވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް މިހެން ވިދާޅުވީ މާލެސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ސަރުކާރުގެ ނިޒާމު ގާއިމްކުރާނީ ރައްޔިތުންނަށް ވައުދުވެފައިވާ ގޮތަށް ކަމަށާއި، އެވައުދުތަކާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ކައުންސިލަރުން ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދެވޭ ސަރުކާރަކަށްވާނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްގެ ކަންކަން ހިންގަމުންދޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެމަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންތިޚާބީ ރައީސް ދެއްވިއެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް ކައުންސިލްގެ ކަންކަން ހިނގަމުންދޭތޯ އެކަންކަމުގައި ދެވޭ އެހީތެރިކަން ދެވި އެކަންކަމަށް ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދެވި ކަންކަން ބާރު މިނުގައި ކޮށްދެވޭ ގޮތަށް އިރާދަކުރެއްވިއްޔާ ސަރުކާރުގެ ތެރެއިން ކަންކަން އޮންނާނީ ހަމަޖެހިފައި. އެހެންވީމަ މިހާރު މިދާ ގޮތަށް ކަންކަން ނުދާނެ. މާ ބާރުމިނުގައި ސީދާ ލާމަރުކަޒީ މަސައްކަތްތަކަށް ކަންކަން ފަހިކޮށްދޭނެ މިނިސްޓަރަކު ހުރެގެން ނިޒާމުގެ ތެރެއިން ހުރިހާ ކަމެއް ހަމަޖެހިގެން އެލްޖީއޭއަށް ބާރު ދެވިގެންދާނެ. ފެނިގެންދާނީ މިކައުންސިލަށް ވެސް ރާއްޖޭގެ ހުރިހާ ދިމާލެއްގައި ހުރި ކައުންސިލަަށް ވެސް އެދިމާވާ ދަތިތައް ނެތިގެންދާތަން. އެކަން ޔަގީންކޮށްދޭނަން.
އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި، ޚިދުމަތްތެރިން މުވައްޒަފުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. މަސައްކަތް ވާންޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރާ މަސައްކަތަކަށް ކަމަށާއި، މަސައްކަތުގައި ޖަވާބުދާރީވުމަށް ހިތްވަރު ހުންނަންޖެހޭ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނާއި ކުރިމަތިލައި ރައްޔިތުންނަށް ހިނިތުންވުމާއެކު ޖަވާބުދެވޭ ބަޔަަށް ވާންޖެހޭ ކަމަށެވެ.

އަޅުގަނޑު ޔަގީންކުރަނީ އެގޮތުގައި ހަމަ ކުރިއަށް ގެންދާނެ ދުވަސްޔަކަށްވާނެ ކަމަށް. މުޅި ސަރުކާރުގެ ވިސްނުމަކަށް ހަދާނީ އަދި އަޅުގަނޑުމެންގެ ވިސްނުމަކަށްވާނީ އަދި އަމަލީ ގޮތުން ފެނިގެންދާނީ ވެސް ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ކޮންމެ ދިމާލެއްގައި މަސައްކަތް ކުރާ މުވައްޒަފަކީ ވެސް ކޮންމެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފަކީ ވެސް ހަމައެގޮތުގައި ރައްޔިތުންނާއި ކުރިމަތިލައި ޚިދުމަތް ދިނުމުގައި ހިނިތުންވުމާއެކު ޖަވާބުދާރީވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ފޮރުވުމެއް ނެތި ވަރަށް ޒިންމާދާރުކޮށް ޚިދުމަތް ދެވޭ ބަޔަކަށް ވުން. އެއީ ރައްޔިތުން ބޭނުންވެގެން އުޅޭ ގޮތަކީ. ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެން މިތިބެނީ. ރައްޔިތުންގެ ޚާދިމުން އަޅުގަނޑުމެންނަކީ. އެހެންވީމަ އެގޮތުގައި އަޅުގަނޑުމެން ޖެހޭ ކުރިއަށްދާން. އެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށްދެވޭނެ. ސަރުކާރުގެ ހުރިހާ އިސްމަގާމުތަކުގައި ތިއްބަވާނީ އެކަން ކުރާނެ ބޭފުޅުން. އަޅުގަނޑު އެކަން ޔަގީންކުރާނަން.
އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު

އިންތިޚާބީ ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ދެފުށް ފެންނަ ޖަވާބުދާރީވެވޭ ކަންކަން ބާރުމިނުގައި ކުރިއަށް ގެންދެވޭ ޚިދުމަތްތެރި ސަރުކާރެއް ކަމަށެވެ. އެ މަންޒަރު ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ފެންނާނެ ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް